ދުނިޔެ

ބެލަރޫސްއާ ރަޝިއާ ގާތް ވުމަކީ މައްސަލައެއް: ނޭޓޯ

ރަޝިއާއާ މާ އެކުވެރި ކަމަށް ދައްކައި ބެލަރޫސްއިން ކަމެއް ސިއްރު ކުރަން އުޅޭހެން ހީވާ ކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޯޓެންބާގް ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ އެ ދެ ގައުމު މާބޮޑަށް އެއްބައި ވުމަކީ ނޭޓޯއަށް މައްސަލައެއް ކަމަށެވެ.

ޖަރުމަނު ނޫހަކަށް ސެކްރެޓަރީ ޖެނެރަލް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބެލަރޫސްއިން ރަޝިއާއަށް މާ ގިނައިން ކަމުކިޔައި ބޮޑުބޭބޭ ހެދިގެން އުޅޭ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އެ ދެ ގައުމުގެ ވާހަކަތައް މާ ގިނައިން ނޫސްތަކުގައި ޖަހާފައި ހުރި ކަމަށެވެ.

ނޭޓޯއަކީ ދިފާއީ އެހީތެރިއެއް ކަމަށް ވިދާޅުވަމުން ސްޓޯޓެންބާގް ވިދާޅުވީ އެއީ މާ ބޮޑު ކަމެއް ކަމަށް ހައްދަވަނީ ނޫން ކަމަށާއި އެކަމަކު ނޭޓޯ ގައުމުތަކުން ވިސްނަން ޖެހޭތީ ހާމަ ކޮށްލެއްވީ ކަމަށެވެ. އަދި ވިދާޅުވީ ރަޝިއާއާ ބެލަރޫސްއިން ކުޅެނީ ކޮންކަހަލަ ކުޅިގަނޑެއްތޯ ނޭޓޯއިން ބަލާނެ ކަމަށާއި ސަމާލުވެ ތިއްބަވާނެ ކަމަށެވެ.

ބެލަރޫސްއިން ރިއާންއެއާގެ މަތިންދާބޯޓެއް ހައިޖެކްކޮށް ވެރިރަށް މިންސްކް ޖެއްސުވި މައްސަލަ އޮތީ އެޖެންޑާކޮށްފައި ކަމަށާއި މިމަހު ބްރޫސެލްސްގައި އޮންނަ ނޭޓޯ ސަމިޓްގައި އެކަމާ މަޝްވަރާކުރައްވާނެ ކަމަށް. ވެސް ސްޓޯޓެންބާގް ވިދާޅުވި އެވެ.

ބެލަރޫސްއިން ވަނީ މެއި 23 ގައި ގުރީކުން ފުރައިގެން ލިތުއޭނިއޭއަށް ދަތުރު ކުރި ރިއާން އެއާގެ މަތިންދާބޯޓެއް ބެލަރޫސްގެ ވައިގެ ސަރަހައްދުން ހައިޖެކްކޮށް އެ ގައުމުގެ ވެރިރަށް މިންސްކްއަށް ޖައްސަން މަޖުބޫރު ކުރުވާފަ އެވެ.

ރިއާންއެއާގެ ފްލައިޓް ޑައިވާޓް ކުރުމާ ގުޅިގެން އެ އެއާލައިނުން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ ބޯޓުގައި ގޮވާ ޒާތުގެ އެއްޗެއް އޮތް ކަމަށް ކޮންޓްރޯލް ޓަވަރުން ޕައިލެޓަށް އެންގި ކަމަށެވެ. އަދި އަސްކަރީ ފައިޓާ ޖެޓެއް ބޯޓާ ކައިރިކޮށް މަގު ބަދަލު ކުރަން ޕައިލެޓަށް އެންގި ކަމަށެވެ.