ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިޝްކާގެ މަރު

ލޯފާމެއް އައްޔަންކޮށްފައެއް ނުވާނެ: މިޝްކާގެ އާއިލާ

މިދިިޔަ އަންގާރަ ދުވަހުގެ ރޭ ކޮވިޑް ބަލީގައި މަރުވި ފާތިމަތު މިޝްކާގެ އާއިލާއިން ގާނޫނީ ލަފާ ހޯދަމުން ދިޔަނަމަވެސް އެއްވެސް ވަކީލަކު ނުވަތަ ލޯފާމެއް އައްުޔަންކޮށްފައި ނުވާނެ ކަމަށް މިޝްކާގެ އާއިލާއިން ބުނެފި އެވެ.

މިޝްކާގެ އާއިލާއިން މިހެން ބުނެފައިވަނީ މިޝްކާގެ އާއިލާއަށް ގާނޫނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ލޯފާމަކުން ތައްޔާރުވެފައިވާ ކަމަށް މިހާރު ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ.

އާއިލާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިޝްކާގެ ހިތާމަވެރި މަރާ ގުޅިގެން ސޯޝަލް މީޑިއާ އާއި ނޫސްތަކުގެ ތަފާތު ވާހަކަ ދައްކައި ތެދު ނޫން މައުލޫމާތު ޝާއިރު ކުރާ ކުރުން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި މިވަގުތު އާއިލާއިން ގާނޫނީ ލަފާ ހޯދުމަށް ދިޔަނަމަވެސް އެއްވެސް ވަކީލަކު ނުވަތަ ލޯ ފާމެއް އައްޔަން ކޮށްފައިނުވާ ކަމަށެވެ.

"މިއީ އާއިލާއަށް ފޫނުބެއްދޭ ވަރުގެ ހިތާމަޔާކާ ކުރިމަތިވެފައި ވާ ވަގުތެއްކަން ގުބޫލުކޮށް އާއިލާއަށް އިތުރު ހިތްދަތިކަމާއި ތުރާލަކަން ވާފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުކުރެއްވުމަށް ވަރަށް އަދަބުވެރިކަމާއެކު އެދެމެވެ،" އާއިލާގެ ބަޔާނުގައިވެއެވެ.

މިޝްކާ ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މެއި މަހުގެ 30 ވަނަ ދުވަހު އެވެ. ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޑޮކްޓަރެއްގެ ކޮންސަލްޓޭޝަނެއް ބޭނުންތޯ ކޮންޓެކްޓް ޓްރޭސިން ޓީމުން އެހުމުން ޑޮކްޓަރެއްގެ ކޮންސަލްޓޭޝަން ބޭނުންވާ ކަމަށް މިޝްކާގެ ބެލެނިވެރިޔާ އެދުނެވެ. ނަމަވެސް އެދުނު ގޮތަށް ޑޮކްޓަރެއްގެ ކޮންސަލްޓޭޝަން ދެވިފައިނުވާ ކަމަށް ހެލްތުގެ ރިޕޯޓުން އެނގެ އެވެ.

އުސޫލު ހަަމަޖެހިފައިވާ ގޮތުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ 15 އަހަރުން ދަށުގެ ކުދިންނަށް ކެއާ ކްލަސްޓާގެ ފަރާތުން ހާލު ބެލުމަށް ގުޅަން ޖެހެއެވެ. ނަމަވެސް ދެ ދުވަސް ވެގެން ދިޔައިރު ވެސް މިޝްކާގެ ހާލު ބެލުމަށް ބެލެނިވެރިޔާއަށް ގުޅާފައެއް ނުވެ އެވެ. ހެލްތު މިނިސްޓްރީގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި މެއި މަހުގެ 31 ވަނަ ދުވަހު މިޝްކާ ހުން ގަދަވެ އެއްވެސް އެއްޗެއް ނުކެވި ވަރުބަލިވުމާއި އަދި ކެއްސާތީ އެޗްއީއޯސީގެ ކޯލު ސެންޓަރަށް ގުޅާ އެ މައުލޫމާތު އާއިލާއިން ދިނެވެ. އެއީ އެ ދުވަހު މެންދުރު 2:20 ގައެވެ.

ބެލެނިވެރިޔާ ދިން އެ މައުލޫމާތަށް ބިނާކޮށް ޖެނެރަލް ކޮންސަލްޓޭޝަނެއް ހެދުމަށް ޑީއެމްއާރުޓީގެ ޑޮކްޓަރު އެ ދުވަހު 3:53 ގައި ގުޅިއެވެ. އަދި ގޭގައި ބޭނުން ކުރަމުން ދާ ބޭސް ކުރިއަށް ގެންދިއުމަށާއި އިތުރު ކަމެއް ދިމާވެއްޖެނަމަ އަލުން ގުޅުމަށް ޑޮކްޓަރު ލަފާދެއްވި އެވެ.

އެ ރޭ 9:06 ގައި މިޝްކާގެ ހާލަތު ގޯސްވުމާއި ގުޅިގެން ބެލެނިވެރިޔާ ވަނީ ކޯލްސެންޓަރަށް ގުޅާފަ އެވެ. އަދި މިޝްކާގެ ހާލު ގޯސްވާހެން ހީވާ ކަމަށާ ނޭވާލަން އުނދަގޫވެ އަތްތަޅުވާ ހަދާ ކަމަށް ބުނެ އަދި ވީހާވެސް އަވަހަށް ޑޮކްޓަރަކަށް ދައްކަން ބޭނުންވާ ވާހަކަ މިޝްކާގެ ބެލެނިވެރިޔާ އެންގި އެވެ.

މި މައުލޫމާތާއި ގުޅިގެން ޑީއެމްއާރުޓީގެ ޑޮކްޓަރެއް ބެެލެނިވެރިޔާއަށް ގުޅުމަށް މަަސައްކަތްކުރި ނަމަވެސް އެ ވަގުތު ގުޅިފައެއް ނުވެއެވެ. އޭގެ ފަހުން މިޝްކާގެ ބެލެނިވެރިޔާ ކޯލް ސެންޓަރަށް ގުޅާ ނޭވާ ނުލެވިގެން އުނދަގޫވާ ވާހަަކަ އެންގިއެވެ. އެއީ އެރޭ 10:06 ގައެވެ. އަދި އެ މައުލޫމާތާއި ގުޅިގެން ޑޮކްޓަރަކު ގުޅުމުން މިޝްކާގެ ހާލަތު ސާފު ކޮށްދިން ނަމަވެސް 10:39 ވީއިރުވެސް އެމްބިއުލާންސް ދާން އަންގާފައި ނުވާކަން އެ ރިޕޯޓުން އެނގެ އެވެ.

އެރޭ 11:16 އާއި 11:33 އާ ދެމެދު މިޝްކާގެ ބެލެނިވެރިޔާ ވަނީ ފަސް ފަހަރު ކޯލް ސެންޓަރަށް ގުޅާފަ އެވެ. މި ތަނުން އެއް ކޯލްގައި މިޝްކާގެ ހާލު ދަށްވަމުންދާ ކަމަށާ ހޭނެތިފައިވާ ކަމަށް އަދި ކަންފަތުން ލޭ އަންނަ ކަމަށް ބުނެފައި ވެއެވެ. މި ކޯލްތަކުގައި މިޝްކާ ބަލާ ފޮނުވާނެ ކަމަށް ބުނެފައިވީ ނަމަވެސް އެމްބިއުލާންސް ގޮސްފައެއް ނުވެއެވެ. އެމްބިއުލާންސް ދިއުން ލަސްވާ ކަމަށް ބެލެނިވެރިޔާ ބުނެފައިވާ ކަމަށްވެސް އެ ރިޕޯޓްގައި ވެއެވެ.

އަދި އެމްބިއުލާންސް ފޮނުވާފައިވާ ކަމަށް ކޯލް ސެންޓަރުގެ ފަރާތުން ބުނެފައިވީ ނަމަވެސް އެމްބިއުލާންސް އެކްޓިވޭޓް ކޮށްފައެއް ނުވެއެވެ. އެމްބިއުލާންސް ފޮނުވާ ކަމަށް ބުނެ އާއިލާއަށް ދީފައިވަަނީ ދޮގު މައުލޫމާތެވެ.

އެމްބިއުލާންސް ދިއުން ލަސްވެގެން އެރޭ 11:27 ގައި މިޝްކާގެ އާއިލާގެ މީހަކު ދަރުބާރުގެއަށް ވެސް ދިޔައެވެ. އަދި އެތަނަށް ގޮސް ހާލަތު އެންގި އެވެ. އެމްބިއުލާންސް ބޭނުންވާ ކަމަށް އެޗްއީއޯސީގެ ފެސިލިޓީ މެނޭޖްމަންޓް ކްލަސްޓާ އިން އީއެމްއެސްއަށް އަންގާފައި ވަނީ އޭގެ ފަހުން 11:32 ގައެވެ. މިޝްކާ ބަލާ އެ ގޭ ދޮށަށް އެމްބިއުލާންސް ގޮސްފައިވަނީ އެ ރޭ 11:38 ގައެވެ. އަދި އޭރު މިޝްކާގެ އެއްވެސް ހަރަކާތެއް ނެތުމުން ސީޕީއާރު ފެށި އެވެ. މިޝްކާ އައިޖީއެމްއެޗްގެ އީއާރަށް ގެންގޮސްފައި ވަނީ އެ ރޭ 11:42 ގައެވެ. ފަރުވާ ދެނިކޮށް މަރުވެފައި ވަނީ އޭގެ ކުޑައިރުކޮޅެއްގެ ފަހުންނެވެ.