ރައްޔިތުންގެ މަޖިލިސް

ނަޝީދު ފޮނުއްވެވި މައްސަލަ ކޮމެޓީން ބޭރުކޮށްލައިިފި

Jun 7, 2021
2

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ހަމަލާއެއް ދިން އިރު ސިފައިން ދެމުންދިޔަ ސެކިޔުރިޓީ ބްރީޗްވި ގޮތް ބަލާ އިންކުއަރީއަށް ވަކިވަކި ސިފައިން ކޮމެޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެންގި އެންގުމުގައި ސޮއިކުރައްވާފައިވާ ޑިފެންސް މިނިސްޓްރީގެ ނާއިބު ހަސަން ޒަމީލުގެ މައްސަލަ ބަލައިދިނުމަށް އެދި ރައީސް ނަޝީދު ހުށައެޅުއްވި މައްސަލަ އިމްތިޔާޒު ކޮމެޓީން ބޭރުކޮށްލައިފި އެވެ.

ޒަމީލުގެ މައްސަލަ ބަލަން އިމްތިޔާޒު ކޮމެޓީއަށް ފޮނުއްވުމުގެ އިތުރުން ދައުވާކޮށް ދިނުމަށް އެދި އެ މައްސަލަ ޕީޖީ އޮފީހަށްވެސް ފޮނުއްވެވިއެވެ.

ރައީސް ނަޝީދުގެ ހުށައެޅުއްވުމާއި ގުޅިގެން މިރޭ އިމްތިޔާޒު ކޮމެޓީން ވަނީ ބައްދަލުވެފައެވެ. މި ބައްދަލްވުމުގައި މެންބަރަކު ވަނީ މައްސަލަ އެ ކޮމެޓީން ބަލަން ނުފެންނަ ކަމަށް ހުށައަޅުއްވާފައެވެ. އެ ހުށައެޅުން ފާސްވެފައިވަނީ އެމްޑީޕީގެ މެންބަރުންގެވެސް ވޯޓާއެކުގައެވެ.

ބައްދަލްވުމަށް ރައީސް ނަޝީދު ހުށައެޅުއްވި މައްސަލަ ކުރިއަށް ގެންދަން ފެންނަ ކަމަށްވެސް މެންބަރަކު ހުށައެޅުއްވި އެވެ. ނަމަވެސް އެ ހުށައެޅުން ވަނީ ބޭރުކޮށްލާފައެވެ. އެމްޑީޕީގެ މެޖޯރިޓީ އޮތް ކޮމެޓީގެ އެ ނިންމުމާ ޕާޓީތެރެ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ޕާލިމަންޓަރީ މެންބަރުންގެ ވަޓްސްއަޕް ގުރޫޕާއި ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ގުރޫޕްގައިވެސް ހޫނު ބަހުސްތަކެއް ވަނީ ހިނގާފައެވެ.

ޖަމީލްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ހުށައެޅި މައްސަލަ ތަފްސީލުކޮށްދީ މަޖިލީހުގެ އިދާރާއިން މިއަދު ވަނީ ބަޔާނެއްވެސް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހަށް ނުވަތަ ކޮމެޓީއަކަށް ހާޒިރުވުމަށް ވަކި މީހަކަށް ނުވަތަ ވަކި މުއައްސަސާއަކަށް އެންގުމުގެ ބާރު މަޖިލީހާއި ކޮމެޓީތަކަށް ލިބިގެންވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ނުވަތަ ކޮމެޓީއަކަށް ހާޒިރުވެ އެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ހެކިބަސް ދިނުމާއި ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހޯދުމަށް ހުށައެޅުމަށް އެންގުމުގެ ބާރުވެސް ލިބިގެންވާ ކަމަށެވެ.

ނަމަވެސް މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން 241 ކޮމެޓީން ކުރިއަށް ގެންދާ ޕާލިމަންޓަރީ އިންކުއަރީއަށް ހާޒިރުވުމަށް އެމްއެންޑީއެފްގެ އެކި އޮފިސަރުންނަށް މަޖިލީހުގެ އިދާރާއިން އަންގާފައިވަނިކޮށް މަޖިލީހުގެ ރައީސަށް އެޑްރެސް ކުރައްވާ ޑިފެންސް މިނިސްޓްރީގެ ނާއިބު ހަސަން ޖަމީލް ސޮއިކުރައްވާ ފޮނުއްވާފައިވާ ސިޓީއިން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީއަށް ހާޒިރުވުމަށް އަންގާފައިވާ ސިފައިންގެ ފަރާތުން ޖަވާބުދާރީވާނީ ސިފައިންގެ ލަފާދޭ މަޖިލީހުން ޗީޕް އޮފް ޑިފެންސް ފޯސްއަށް ދެއްވާފައިވާ ލަފާގައިވާ ގޮތުގެ މަތިން ގައުމީ ދިފާއީ ބާރުން ކަމަށް އަންގާފައިވާތީ އެކަމަކީ ގާނޫނު އަސާސީގެ 99 ވަނަ މާއްދާ އާއި 239 ވަނަ މާއްދާ އަދި ސުޕްރީމް ކޯޓުން މަޖިލީހަށް ދީފައިވާ ލަފަޔާވެސް ހިލާފު ނިންމުމެއް ކަމަށެވެ.

އެމްއެންޑީއެފްގެ އެ އެންގުމަކީ މަޖިލީހުގެ އިމްތިޔާޒާއި ހުރުމަތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއްކަން ސާފުކޮށް އެނގެން އޮތް ކަމެއް ކަމަށާ އަދި ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ އިމްތިޔާޒުތަކާއި ބާރުތައް ނެގެހެއްޓުމަކީ މަޖިލީހުގެ ރައީސްގެ ޒިންމާއެއް ކަމަށްވުމުން މަޖިލީހުގެ ހުރުމަތާއި ގަދަރު ހިފެހެއްޓުމުގެ ގޮތުން ޒަމީލްގެ މައްޗަށް ޖިނާއީ ދައުވާކޮށް ދިނުމަށް އެދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޕީޖީއަށް މައްސަލަ ފޮނުވާފައިވާ ކަމަށެވެ.

މަޖިލީހުން ބުނީ މި މައްސަލައާ ގުޅިގެން މަޖިލީހުގެ އިމްތިޔާޒު ކޮމެޓީން އެ މައްސަލަ ބެލުމަށްޓަކައި މައްސަލަ ކޮމެޓީއަށްވެސް ފޮނުވާފައިވާ ކަމަށެވެ.