މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ އިންކުއަރީއަށް މަރުހަބާ ވިދާޅުވާ ކަމަށާ މަޖިލީހުން އަހާ ކޮންމެ ސުވާލަކަށް ޖަވާބު ދޭން ތައްޔާރަށް ހުންނެވި ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން މިދިޔަ މަހުގެ ހަވަނަ ދުވަހު ދިން ބޮމުގެ ހަމަލާއާ ގުޅިގެން ސެކިއުރިޓީ ބްރިީޗްވި ގޮތުގެ އިންކުއަރީއެއް ހަދަން ނިންމާ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އެ މަަސަައްކަތް ފަށައިގަތީ މެއި މަހުގެ 24 ވަނަ ދުވަހު އެވެ. އެ ކޮމެޓިން ބުނެފައިވާ ގޮތުގައި އިންކުއަރީ ކުރިއަށް ގެންދާނީ ބޭރުގެ ތަޖުރިބާ ކާރުންގެ ވެސް އެހީތެރިކަމާ އެކު އެވެ.
ކޮމެޓީން ވަނީ ވަކިވަކި ސިފައިންނާއި ފުލުހުން އަދި އެ ދެ މުއައްސަސާގެ އިސްވެރިން އިންކުއަރީއަށް ހާޒިރު ކުރަން ނިންމާފަ އެވެ. ނަމަވެސް އިންކުއަރީއަށް ވަކިވަކި ސިފައިން ކޮމެޓީއަށް ހާޒިރު ނުކުރެ ވޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަނީ މަޖިލީހަށް އަންގާފަ އެވެ. ސިފައިން ބުނީ ކޮމެޓީއަށް ޖަވާބުދާރީ ވާނީ ވަކިވަކި ސިފައިންްގެ ބަދަލުގައި މުއައްސަސާއިންނެވެ. އެ ނިންމުމާއި ގުޅިގެން މަޖިލީހުގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.
އެކަމާއި ގުޅޭގޮތުން ރާއްޖެ ޓީވީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ރޭ ވިދާޅުވީ ކޮމެޓީއަށް ހާޒިރު ވާން އެކަމަނާއަށް އަންގައިފިނަމަ އެކަމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި އެކަމަނާ ހުންނެވީ މަޖިލީހުން އަހާ ކޮންމެ ސުވާލަކަށް ޖަވާބު ދެއްވަން ކަަމަށެވެ.
"އަޅުގަނޑަށް މިހާ ހިސާބަކަށް އަދި އަންގާފައެއް ނުވޭ ދާކަށް. އެކަމަކު އަޅުގަނޑަށް އަންގައިފި ކަމުގައިވަންޏާ އަޅުގަނޑު ދާނެ. އެއީ އަޅުގަނޑުގެ ގާނޫނީ މަސްއޫލިއްޔަތެއް ވެސް މެ އަދި އަޅުގަނޑުގެ ވާޖިބު ވެސް މެ. އަޅުގަނޑަކީ ރައްޔިތުންގެ މަޖިލީހުން އަހާ ކޮންމެ ސުވާލަކަށް ޖަވާބު ދޭ ގޮތަށް ހުންނާނެ މީހެއް ވެސް މެ. އަދި ގާނޫނުން އަޅުގަނޑަށް އެކަން މަޖުބޫރު ވެސް ކުރުވާ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މަޖިލީހުގެ އިންކުއަރީއަށް ފުރިހަމައަށް މަރުހަބާ ކިޔާ ކަމަށާ މަޖިލީހުން ދެއްވާ ރެކަމަންޑޭޝަން ސިފައިންނަށް ބޭނުންވާ ކަމަށެވެ.
ސިފައިންގެ ނިންމުން ދިފާއު ކުރައްވާ މިނިސްޓަރު ވިދާޅުވީ ވަކިވަކި ސިފައިން ކޮމެޓީއަށް ހާޒިރުވެ ޖަވާބުދާރީވާން ސިފައިން ޖެހިލުންވާ ކަމަށެވެ. އެއީ މަޖިލީހަށް ހާޒިރުވެ ފަރުދީ ގޮތުން ޖަވާބުދާރީ ވުމުން ކުށަކަށް ވެދާނެތީ ކަމަށެވެ. އެކަމާއި ގުޅިގެން ނެޝެނަލް ސެކިއުރިޓީ ކައުންސިލްގެ ލަފަޔަށް އެދުމުން އެ ކައުންސިލުން ނިންމީ ވަކިވަކި ސިފައިންގެ ބަދަލުގައި މުޅި މުއައްސަސާ ޖަވާބުދާރީވުމަށެވެ.
މިނިސްޓަރު ވިދާޅުވީ ސިފައިންގެ މުއައްސަަސާ އޮތީ މަޖިލީހަށް ފުރިހަމަ އެއްބާރުލުން ދޭ ގޮތަށް ކަމަށެވެ.
"އަޅުގަނޑުމެން މުއައްސަސާއަށް ހާޒިރުވާން އަންގައިފިނަމަ ފުރިހަމައަށް ޖަވާބުދާރީ ވާނެކަން ހަމަ އަބަދުވެސް ދަންނަވަމުން ގެންދިޔައީ. އެއީ ގާނޫނު އަސާސީގެ 241 ވަނަ މާއްދާގައި ވެސް އެބަ އޮވޭ ސަލާމަތީ ބާރުތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ބާރު ހިނގާނޭ. އެއީ ޖައްމުކޮށް އޮންނަ ކަމެއް، އެއީ ސަލާމަތީ ހިދުމަތްތައް އޭގެ ތެރޭގައި މުޅި އަސްކަރިއްޔާ ހިމެނޭހެން އެބޭފުޅުންގެ [ރައްޔިތުންގެ މަޖިލީސް] ބާރު ހިނގާނެ. އެކަމަކު ވެސް އަޅުގަނޑުމެންގެ ދިވެހި އަސްކަރިއްޔާއަކީ 129 އަހަރުވީ އަސްކަރިއްޔާއެއް. އެ ބޭފުޅުން މި ވިދާޅުވަނީ އެ ބޭފުޅުންގެ ލަފާދޭ މަޖިލީހުން އެ މީހުންގެ ވަކިވަކި މީހުންނަށް ނަން ޖަހާފައި ސިއްރު ޖަހާފައި ސިޓީއަކުން އެ މީހުންނަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާން އަންގައިފިކަމުގައި ވާނަމަ ސިފައިން ކަންބޮޑުވުމާއެކު އެބަ އާދޭ. ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާގައި މި އޮންނަނީ ސިފައިންގެ މީހެއް އެ މީހުންނަށް ލިބިފައިވާ މައުލޫމާތެއް ހާމަ ކުރަން ވާނީ ހަމައެކަނި ސިފައިންގެ ލީޑާޝިޕަށާއި މިނިސްޓަރަށާއި ނެޝެނަލް ސެކިއުރިޓީ ކައުންސިލަށާއި ރައީސުލްޖުމްހޫރިއްޔާއަށް ކަމަށް،" މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.
މަޖިލީހަށް އެމްއެންޑީއެފުން ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާ ކުރާގޮތް ބަލަން ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ ސިފައިންގެ އަސްކަރީ ހައިރާކީ އާއި ސިފައިންގެ "ޗެއިން އޮފް ކޮމާންޑް" އާއި "ކޮމާންޑް އެންޑް ކޮންޓްރޯލް" އާއި ސިފައިންގެ ތެރޭގައި އޮތް އުސޫލުތަކާއި ހިލާފު ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން މުޅި ގައުމީ ދިފާއީ ބާރާއި އެ ބާރުގެ އެކިއެކި ސަބޯޑިނޭޓް އެޗެލޯންތަކުގެ މައްޗަށް އޮންނަ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލޭނެ ކަމަށެވެ. ސިފައިންގެ ގާނޫނީ ޒިންމާ އަދާ ކުރަން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ ގައުމީ ސަލާމަތަށް ފޫ ނުބެދޭވަރުގެ ނުރައްކާ ކުރިމަތި ވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ސިފައިންގެ ހިދުމަތަކީ 24 ގަޑިއިރުގެ ހިދުމަތެކެވެ. ސިފައިންނަކީ ވާޖިބަށް ގޮވާލެވޭ ކޮންމެ ހިނދަކު ހިދުމަތަށް ނިކުންނަންޖެހޭ ބައެކެވެ. ޑިފެންސުން ބުނާ ގޮތުގައި ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބާއި ގުޅުންހުރި ކަންކަމުގައި ކޮމާންޑަރެއްގެ ހުއްދަނެތި އަމިއްލަ ހައިސިއްޔަތުން އެކިއެކި ފަރާތްތަކާ މުއާމަލާތު ކުރުމުގެ އިހުތިޔާރު ލިބިފައި ނުވާ ކަމަށް ސިފައިންގެ އާންމު ގަވާއިދު ބުނެ އެވެ.
ޑިފެންސުން ދެކޭ ގޮތުގައި ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލާއި ޗެއިން އޮފް ކޮމާންޑްގެ އުސޫލު ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމަށް ސިފައިން އެމީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާ ކުރާގޮތާމެދު ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި ޖަވާބުދާރީވާނީ މުއައްސަސާ އިން ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ރައްޔިތުންގެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކޮމެޓީއަކުން ބަލާ މައްސަލައަކާ ގުޅޭ ގޮތުން، ސިފައިންގެ ވަކި މީހަކު މަސްއޫލިއްޔަތު އަދާކުރާ ގޮތާ ގުޅޭގޮތުން މައުލޫމާތެއް ހޯދާ ނަމަ އެ މައުލޫމާތެއް ސިފައިން ފޯރު ކޮށްދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.