އިންޑިޔާގެ ނާގާލެންޑްގައި އުޅޭ ތިން އަހަރުގެ ކުޑަ ކުއްޖަކު ބަލިވެގެން އެކަނިމާއެކަނި ޑޮކްޓަރަށް ދައްކަން ހިނގައްޖެ އެވެ. މި ދިޔަ ބުރާސްފަތި ދުވަހު މި ކުއްޖާ ކްލިނިކަކަށް އެކަނި ދިޔައިރު އެ ކުއްޖާގެ މައިންބަފައިން ގެއަކު ނެތެވެ. ކުއްޖާގެ މައިންބަފައިންނަކީ ހަނޑޫދަނޑުތަކުގައި މަސައްކަތްކުރާ ބަޔަކަށް ވާތީ އެމީހުން އެ ވަގުތުވީ ހަނޑޫދަނޑުގަ އެވެ.
ލިޕާވީ ނަމަކަށްކިޔާ މި ކުއްޖާއަށް އަރިދަފުސް ރޯގާގެ އުނދަގޫތައް ވާން ފެށީ އޭގެ ކުރީ ރޭގަ އެވެ. ނަމަވެސް އޭނާގެ މައިންބަފައިން އޭނާ ޑޮކްޓަރަށް ނުދައްކާ ދަނޑަށް ދިޔައި ކުއްޖާ އަމިއްލައަށް ޑޮކްޓަރަށް ދާން ގަސްތުކުރީ އެވެ.
އެ ކުއްޖާގެ ގެޔާ މާ ދުރު ނޫން ހިސާބެއްގައި ހުންނަ ހެލްތު ސެންޓަރަކަށް އެ ކުއްޖާ ގޮސް ވަނުމުން އެތާ ތިބި މީހުންނަށް ވެސް ލިބުނީ ޝޮކެކެވެ. މާސްކް އަޅައިގެން ވަރަށް ތައްޔާރު ވެލައިގެން ހުރި ކުޑަ ކުޑަ ކުއްޖެއް އެކަނި މާއެކަނި އެ ސެންޓަރަށް ގޮސް ވަނީމަ އެވެ. ނަމަވެސް ކުއްޖާގެ އެދުމުގެ މަތިން އެ ވަގުތު ޑިއުޓީގައި ހުރި ޑޮކްޓަރު އެ ކުއްޖާ ބަލައި ދިނެވެ.
ތިން އަހަރުގެ ކުއްޖާ ޑޮކްޓަރުގެ ކޮޓަރީގައި އިންދާ ނަގާފައިވާ ފޮޓޮއެއް ޓުވިޓާގައި ޝެއާކުރީ ނާގާލޭންޑްގެ ސްޓޭޓް ޕްރެޒިޑެންޓް ބެންޖަމިން ޔެޕްތޯމީ އެވެ.
މި ފޮޓޯއާއެކު ބެންޖަމިން ލިޔުނު މެސެޖުގައި ބުނެފައި ވަނީ ތިން އަހަރުގެ ކުޑަ ކުޑަ ކުއްޖެއް އެކަނި މާއެކަނި ޑޮކްޓަރަށް ދައްކަން އައުމުން ހެލްތު ސެންޓަރުގައި ތިބި މެޑިކަލް ސްޓާފުންނަށް ވަރަށް ބޮޑު ހައިރާން ކަމެއް ލިބުނު ކަމަށެވެ. އޭނާއަށް އަރިދަފުސް ރޯގާގެ އުނދަގޫތަކެއް ވާ ކަމަށާއި މައިންބަފައިންވީ ހަނޑޫދަނޑުތަކުގައި މަސައްކަތް ކުރަން ގޮސް ކަމަށް ވާތީ އެކަނި އަންނަން ގަސްތުކުރީ ކަމަށް އެ ކުއްޖާ ބުނި ކަމަށް ވެއެވެ.
މި ފޮޓޯ ޓުވިޓާގައި ވައިރަލް ވުމުން މި ކުއްޖާގެ ވިސްނުން ރަނަގަޅު ކަމުން އޭނާއަށް ގިނަ ބަޔަކު ވަނީ ތައުރީފު ކޮށްފަ އެވެ. އަދި ކުއްޖާއަކީ "ސޯޝަލް ހީރޯ" އެއްގެ ގޮތުގައި ވެސް ބައެއް މީހުން ސިފަ ކުރި އެވެ.
މިހާ ޅަ އުމުރުގައި ވެސް ކުއްޖާއަށް އޭނާގެ ޒިންމާ އެނގިފައިވާތީ އެ ކުއްޖާގެ މައިންބަފައިންނަށް ވެސް ތައުރީފުކުރި މީހުން ވަރަށް ގިނަ އެވެ. އަދި އުމުރާ ބަލާއިރު ވަރަށް ހަރު މީހެއްގެ ވިސްނުން ލިޕާވީ އަށް ލިބިފައިވާ ކަމަށް ވެސް ގަބޫލުކުރި މީހުން ގިނަ އެވެ.