ލައިފްސްޓައިލް

ގެރިއެއްގެ ބަނޑުން 77 ކިލޯ ޕްލާސްޓިކް ކުނިބުނި ނަގައިފި

ޕްލާސްޓިކް ތަކެތިން އިންސާނުންނަށް ލިބޭ ގެއްލުން ބޮޑު ވާޙަކަ އެންމެން ދައްކަ އެވެ. ނަމަވެސް މީގެން ޖަނަވާރުންނާއި މަސް މަހާމެއްސަށް ވެސް ހަމަ އެހާ ބޮޑެތި ގެއްލުންތައް ވެއެވެ. ޚާއްސަކޮށް އިންޑިޔާގެ މަގުމަތީގައި އުޅޭ ގެރި، ބަކަރި ފަދަ ތަކެތި ޕްލާސްޓިކް ތައްޓާއި ސަމުސާ ފަދަ ތަކެތި ކެއުން ވަނީ އާއްމު ކަމަކަށް ވެފަ އެވެ.

އިންޑިޔާގެ ރަށެއްގައި ދާދިފަހުން ހިނގި ހާދިސާއެއްގައި ގެރިއެއް ވަރަށް ބޮޑަށް ބަލިވެގެން ޖަނަވާރުންގެ ހޮސްޕިޓަލަށް ގެންދިޔަ އެވެ. ގުޖްރާތުގެ އާނަންދް ޑިސްޓްރިކްޓްގައި ހުންނަ މި ހޮސްޕިޓަލުގެ ޖަނަވާރުންގެ ޚާއްސަ ޑޮކްޓަރުން ވަނީ މި ގެރީގެ ބަނޑުން 77 ކިލޯގެ ޕްލާސްޓިކް ކުނިބުނި ނަގާފަ އެވެ. މި ކުނީގެ ތެރޭގައި ހުރީ އައިސް ކްރީމް ކައިފައި އުކާލާފައި ހުރި ޕްލާސްޓިކް ތައްޓާއި ސަމުސާ އަދި ޕްލާސްޓިކް ޖޯޑު ފަދަ ތަކެތި ކަމަށް ޓައިމްސް އޮފް އިންޑިއާގައިވާ ޚަބަރެއްގައި ބުނެފައި ވެއެވެ.

ޖަނަވާރުންނަށް ޚާއްސަ ޑޮކްޓަރުން މި ގެރީގެ ބަނޑުގެ އޮޕަރޭޝަން ކުރަން ދެ ގަޑިއިރަށް ވުރެ ގިނަ ވަގުތު ނެގި އެވެ. މަގުމަތީގައި ވަރަށް ބަލިވެފައި އޮއްވާ ފެނިގެން ގެރި ހޮސްޕިޓަލަށް ގެނެސްފައިވަނީ އެންޖީއޯއެއްގެ ބައެކެވެ.

ގެރީގެ އޮޕަރޭޝަން ކުރި ޑރ. ޕިނޭޝް ޕާރެކް ވިދާޅުވީ އެސޮރުގެ ބަނޑުން ނެގި ޕްލާސްޓިކް ކުނިބުނީގެ ތެރޭގައި މުޅިން ވެސް ހުރީ މީހުން ކައިފައި މަގުމައްޗަށް އެއްލާލާ ޕްލާސްޓިކް ތަށި ފަދަ ތަކެއްޗެވެ. މިފަދަ އެއްޗެތި އެއްލާލާ މީހުންނަކަށް މަގުމަތީގައި އުޅޭ ގެރި ފަދަ ޖަނަވާރުތައް އެ އެއްޗެތި ކާނެކަމެއް ނުވިސްނޭ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވި ގޮތުގައި މީހުންގެ މިފަދަ އަމަލުތަކުގެ ސަބަބުން ބަލި ޖެހޭ ގެރި ބަކަރީގެ އަދަދު މިހާރު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެގޮތުން ހަފުތާއަކު 3-4 ގެރި ބަލިވެގެން ހޮސްޕިޓަލަށް ގެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ފަހަރަކުވެސް މަދުވެގެން 10 ވަރަކަށް ކިލޯ ޕްލާސްޓިކް ކުނިބުނި އެ ގެރިތަކުގެ ބަނޑުން ނަގަން. އަދި ބައެއް ފަހަރު 55-60 ކިލޯ ޕްލާސްޓިކް ވެސް ބައެއް ގެރީގެ ބަނޑުގައި ހުރޭ. އަދި އެއްފަހަރު ގެނައި ގެރިއަކަށް ކެވިފައި އޮތީ މަގުމައްޗަށް އެއްލާލާފައި އޮތް ޕްލާސްޓިކް ރޯނުގަނޑެއް. އެ ރޯނުގަނޑު އެ ސޮރުގެ އެތެރެހައްޓަށް ގޮސް ވަރަށް ވޭނުގައި އެސޮރު އުޅެން ޖެހުނު،" ޑޮކްޓަރު ވިދާޅުވި އެވެ.

ޕްލާސްޓިކް އަކީ ހަޖަމުވާ އެއްޗަކަށް ނުވާތީ އެ ތަކެތި ގިނައިރު ގޮހޮރުގައި ހުރުމުން ގެރިތައް ވަރަށް ބޮޑަށް ބަލިވާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އަދި މިފަދަ ގެރީގެ މަސް ކައިގެން އިންސާނުންނަށް ޖެހިދާނެ ބައްޔެއް އަދި މިއީ މުޅިން ތަފާތު ވާހަކަ އެކެވެ. މިކަން ވެސް ރަނގަޅަށް އެނގޭނީ ރަނގަޅު ދިރާސާތަކެއް ހަދައިގެންނެވެ.