ލައިފްސްޓައިލް

މާބަނޑު ނަރުހަކު 250 ކިލޯމީޓަރުގެ ދަތުރެއްކޮށް ބަލި މީހުންގެ ހިދުމަތަށް

ކޮރޯނާވައިރަސްގެ ވަބާގެ ބިރުވެރިކަން މުޅި ދުނިޔެ ވަށާލާފައިވާއިރު ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް އެންމެ ކުރީ ސަފުގައި މަސައްކަތްކުރަނީ މެޑިކަލް ޕްރޮފެޝަންގެ މީހުންނެވެ. އެ މީހުންގެ ފުރާނައަށް ބެލުމެއް ނެތި ރެޔާ ދުވާލު އެމީހުން މަސައްކަތް ކުރަމުންދަނީ ކޮވިޑް-19 ޖެހޭ ބަލި މީހުންގެ ފުރާނަ ސަލާމަތް ކޮށްދެވޭތޯ އެވެ.

ބަލި ޖެހުމުގެ ނުރައްކާ އިންތިހާއަށް އޮތަސް ޑޮކްޓަރުންނާއި ނަރުހުން އަދި އެނޫން ވެސް ސިއްހީ ހިދުމަތުގައި ތިބި އެންމެން ވެސް އެމީހުންގެ ހުރިހާ އަމިއްލަ ކަންތައްތަކެއް ގުރުބާންކޮށް ބަލި މީހުންނަށް ވެވުނު ހިދުމަތެއް ކޮދިނުމުގެ ހިތްވަރާއި އަޒުމުގައި ދަނީ މަސައްކަތް ކުރަމުންނެވެ. އިންޑިއާގެ ޓްރިޗީއަށް ނިސްބަތްވާ 25 އަހަރުގެ ނަރުސް އެސް. ވިނޯތިނީ އަކީ މިފަދަ ދިރިހުރި މިސާލެކެވެ. ވިނޯތިނީ ހާއްސަ ވަނީ އޭނާއަކީ މާބަނޑު މީހަކަށް ވާތީ އެވެ. އަދި މިހާރު ބަނޑަށް އަށް މަހަށް އަޅާފައިވާ ވިނޯތިނީ ކޮވިޑް-19 ޖެހިފައިވާ ބަލި މީހުންނަށް ފަރުވާ ދިނުމަށްޓަކައި އޭނާ ދިރިއުޅޭ ޓްރިޗީ އިން 250 ކިލޯ މީޓަރުގެ ދިގު ދަތުރެއްކޮށް ޓެމިލްނާޑޫގެ ރަމަނަންތަޕޫރަމް އަށް ވަނީ ގޮއްސަ އެވެ.

އިންޑިޔާގެ ނޫހެއްގައިވާ މި ހަބަރުގައިވާ ގޮތުން ވިނޯތިނީ ޓްރިޗީގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ނަރުހެކެވެ. ރަމަނަންތަޕުރަމްގެ ޑައިރެކްޓަރު އޮފް ހެލްތު ސާވިސަސް ވިނޯތިނީ އަށް 1 އޭޕްރީލްގައި ގުޅާފައި އެ ރަށުގައި ހުރި ހޮސްޕިޓަލަކަށް މަސައްކަތް ކޮށްދިނުމަށް ގޮސްދިނުމަށް އެދުނެވެ.

މުޅި އިންޑިޔާ ބަންދުކޮށްފައި ވިޔަސް އެ ސްޓޭޓްގެ އެތަކެއް ވެރިންގެ މަސައްކަތުން ވިނޯތިނީއަށް 250 ކިލޯ މީޓަރުގެ ދަތުރެއްކޮށް ރަމަނަންތަޕުރަމްގެ ހޮސްޕިޓަށް ދެވޭނެ މަގު ފަހިކޮށްދިނެވެ. ފިރިމީހާއާއެކު ކާރުގައި މިހާ ދިގު ދަތުރެއް ވިނޯތިނީ ކުރިއިރު އޭނާގެ ވިހަން ކައިރިވެފައި އިން މާބަނޑު އަންހެނެކެވެ. ނަމަވެސް އިންސާނީ ހިދުމަތަށް އޭނާ ނުކުތީ އެ ވަގުތަށް އެނޫން ގޮތެއް ނެތިގެންނެވެ. ކޮވިޑް-19ގެ ބަލި މީހުން ގިނަވެ އެމީހުންނަށް ހިދުމަތް ދޭނެ ނަރުހުން ހޮސްޕިޓަލުގައި އިންތިހާއަށް މަދުވުމުން އެކަމަށް އިޖާބަ ނުދީ ހުންނަން ބޭނުން ނުވީ އެވެ.

ހާއްސަކޮށް އިންޑީޔާ ކަހަލަ ގައުމެއްގައި ސިއްހީ ހިދުމަތްކުރާ މީހުންނާ ދިމާލަށް އާއްމުން ގާ އުކާ ހަމަލާ ދެމުންދާއިރުވެސް އެމީހުން ސާބިތުކަމާއެކު ހިދުމަތުގައި ދެމި ތިބުމަކީ އެމީހުންނަށް ސެލިއުޓްކުރަން ޖެހޭ ފަދަ ކަމެކެވެ.