ފުވައްމުލައް

ފުވައްމުލަކުގައި ބިދޭސީން މަސައްކަތް ކުރުން ހުއްޓުވައިފި

ފުވައްމުލައް: ކޮވިޑް ފެތުރުން ހުއްޓުވުމަށްޓަކައި އެރަށުގައި ވަނީ ބިދޭސީން މަސައްކަތް ކުރުން ހުއްޓުވާފައި
100%
0%
0%

ފުވައްމުލަކުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން އެ ސިޓީގައި މަސައްކަތު މީހުންގެ ގޮތުގައި އުޅޭ ބިދޭސީން މަސައްކަތް ކުރުން ހުއްޓުވައިފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ފުވައްމުލަކުގެ މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވީ ފުވައްމުލަކުގައި ހަލުއި ކަމާއިއެކު ކޮވިޑް-19 ފެތުރެމުންދާ ކަމަށާއި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ވެސް ހިމެނެ އެވެ.

އެހެންވެ ބިދޭސީ މަސައްކަތްތެރިން ލައްވާ މަސައްކަތް ކުރުވުން ހުއްޓުވީ ފުވައްމުލަކު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ލާމަރުކަޒީ ގާނޫނާއި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ކަމުގައި ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސިއްހީ އެހީތެރިން މި ނަގާ ރެންޑަމް ސާމްޕަލްތަކުން ވެސް ބިދޭސީން ޕޮޒިޓިވްވާ އަދަދު އިތުރުކަން ފާހަގަކުރެވޭ. އެހެންވެ މިޖެހުނީ ބިދޭސީންނަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން،" އިސްމާއިލް ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ބިދޭސީންނާ ގުޅޭގޮތުން އެންމެ ފަހުން އަޅާފައިވާ ފިޔަވަޅުތަކަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މި މުއްދަތުގައި ބިދޭސީ މަސައްކަތު މީހުންނަށް ހުއްދަ ދޭނީ ކާބޯތަކެތީގެ ވިޔަފާރިކުރާ ފިހާރަތަކާއި، ކެފޭ / ރެސްޓޯރަންޓްތަކުން ބޭނުންވާ ޑެލިވަރީގެ ހިދުމަތް ދިނުމަށް އެކަނި ކަމަށްވެސް ވިދާޅުވި އެވެ.

"ހަގީގަތުގައި މިފަދަ ފިޔަވަޅެއް އަޅަންޖެހުނީ ބިދޭސީ އަކު ބަލިވުމުން އެ މީހުންގެ ސްޕޮންސަރަކާ ނުގުޅިއްޖެނަމަ ނުވަތަ ހަވާލު ނުވެއްޖެނަމަ ބޭސް ފަރުވާގެ ކަންކަން ހަމަޖެއްސުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވޭ. އަދި އެމީހުންނަށް ބައެއް ކަހަލަ ބޭސްތައް ހޯދަން ވެސް އުދަގޫތައް ކުރިމަތިވާތީ،" މޭޔަރު ވިދާޅުވި އެވެ.

ފުވައްމުލަކު ކައުންސިލުން މީގެކުރިން ވަނީ ބިދޭސީން ގޭގެއަށް ގޮސް މަސައްކަތް ކުރުން ހުއްޓުވާފަ އެވެ. ފަހުން އެޅި ފިޔަވަޅުތަކުގެ ދަށުން އިމާރާތް ކުރުމުގެ މަސައްކަތްތަކާއި، ވަޑާންގެތަކާއި، ގަރާޖު ފަދަ ތަންތަން އަދި ދުވަހު މަސައްކަތް ކުރުން ފަދަ ކަންކަމުގައި ބިދޭސީން އުޅުން ވަނީ މަނާކޮށްފަ އެވެ.

މޭޔަރު އިސްމާއީލް ވިދާޅުވި ގޮތުގައި ފުވައްމުލަކުގައި 2000 އާ ގާތްކުރާ އަދަދަކަށް ބިދޭސީން އުޅެ އެވެ. މީގެތެރެއިން ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށް އެ ސިޓީގައި އުޅެނީ 800 ވަރަކަށް ބިދޭސީންނެވެ.

ފުވައްމުލަކުގައި ކޮވިޑް-19 އިގެ އެކްޓިވް ކޭސްގެ ގޮތުގައި އިއްޔެގެ ނިޔަލަށް ރެކޯޑް ކޮށްފައިވަނީ 215 ކޭސް އެވެ. މީގެތެރެއިން 131 މީހުންނަކީ ދިވެހިން ކަމަށްވާއިރު 84 މީހުންނަކީ ބިދޭސީންނެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ފުވައްމުލަކު ރައްޔިތުން

ތިއީ ހުސް ދޮގު.

ހަސަނާ

ތިޔައީ ހާދަހިންގުންތެރި ކައުންސިލް އެކޭދޯ 1200 ބިދޭސީން ސައްހަ ލިޔެކިއުންނެތި ރަށުގަ މަސައްކަތްކުރުމުގެ ހުއްދަ 14 ދުވަސްފަހުން ދޭވާހަކަ ބުނިއިރު ދެންރަށުގަ ގާނޫނާ އެއްގޮތައް އުޅުމުގެ ބޭނުމެއްނެތެއްނޫންތޯ ...

ރަށިމީހާ

ބިދޭސީން އެކަނި މަސައްކަތް ނުކުރެވޭ ނިންމުމަކީ ވަރަށް ރޭސިސްޓް ނިންމުމެއް،

ޓުރޭޑު

ހަހަ... މުޅިރަށި ޓްރޭޑް ކޮންޓްރޯލް ކެރަނީ ތިޔަމީހުން.. ތިޔަކަމެއް ނުވާނެ..

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345