އިސްމާއީލް ރަފީގް

ފުވައްމުލައް ބަންދުކުރުމުން މޭޔަރު ކަންބޮޑުވެވަޑައިގެންފި

Aug 24, 2021

ފުވައްމުލަކަށް އަރާފޭބުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކުރުމާ ގުޅިގެން އެ ސިޓީގެ މޭޔަރު އިސްމާއީލް ރަފީގު ކަންބޮޑުވެވަޑައިގެންފި އެވެ.

ފުވައްމުލަކުގައި ކޮވިޑް ފެތުރޭވަރު ގިނަވެ އެޗްޕީއޭ އިން އެންމެ ފަހުން އެ ސިޓީ އަށް އަރާ ފޭބުން މަނާކުރީ މިމަހުގެ 21 ވަނަ ދުވަހު އެވެ. މިއީ މި އަހަރުގެ ތެރޭގައި އެ ސިޓީއަށް އަރާފޭބުން މަނާކުރި ތިންވަނަ ފަހަރެވެ. އެންމެ ފަހުން ބަންދުކުރީ މޭ މަހު އެވެ. އޭގެ ތިން މަސް ފަހުން އެ ސިޓީއަށް އެރުމުގެ ހުއްދަ އެޗްޕީއޭ އިން ދިނީ ވެސް މިމަހުގެ ފަސްވަނަ ދުވަހު އެވެ.

ފުވައްމުލަކު ބަންދުކުރުމާ ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުން މޭޔަރު އިސްމާއީލް ވިދާޅުވީ ވަރަށް ގިނަ ދުވަހު ސްކޫލުތަކާއި ކެފޭ ރެސްޓޯރަންޓްތައް ބަންދުކޮށްފައި ބެހެއްޓުމަށްފަހު ހުޅުވަން ފުރުސަތު ލިބުނީ ވެސް މިމަހުގެ ތެރޭގައި ކަމަށެވެ. އެހެންކަމުން އަނެއްކާ ވެސް ސްކޫލުތަކާއި ކެފޭތައް ބަންދުކުރުމަކީ ދަރިވަރުންނާއި ވިޔަފާވެރިންނަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމަކަށް ވާނެ ކަމަށެވެ.

"އަޅުގަނޑުމެން އެންމެ ބޮޑަށް ކަންބޮޑުވަނީ އެއްވެސް މަޝްވަރާއެއް ނުކޮށް އެޗްޕީއޭ އިން މިސިޓީ މޮނިޓަރިން އަށް ލީމަ. އަޅުގަނޑުމެން މިދަންނަވަނީ އެޗްޕީއޭގެ ގައިޑްލައިންތަކާއި އުސޫލުތައް ވީހާވެސް ބޮޑަށް ތަންފީޒު ކުރަން ފުރުސަތު ދީފައި ސްކޫލުތަކާއި ކެފޭ ރެސްޓޯރަންޓްތައް ހުޅުވައިދޭށޭ. އޭރުން ނޫންތޯ ދަރިވަރުންނަށް ކިޔެވޭނީ. އޭރުން ނޫންތޯ ކެފޭ ރެސްޓޯރަންޓްތަކުގެ ވެރިންނާއި އެހެންވެސް ވިޔަފާރިތަކަށް ލިބުނު ގެއްލުންތަކުން އަރައިގަނެ އިގްތިސޯދު ފަށައިގަނެވޭނީ،" މޭޔަރު ވިދާޅުވި އެވެ.

އިސްމާއީލް ވިދާޅުވީ ފުވައްމުލަކު ސްކޫލުތަކުގައި ގައިދުރު ކޮށްގެން ކިޔަވައިދިނުން ކުރިއަށް ގެންދެވިދާނެ ކަމަށް ސްކޫލުތަކުން ބުނާތީ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދިނުމަށް ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ. އެކަމަކު ފުވައްމުލަކު މޮނިޓަރިންއަށް ގެންދިއުމާ އެކު ދަރިވަރުން ސްކޫލުތަކަށް ހާޒިރުކޮށްގެން ކިޔަވައިދިނުން ވަނީ މެދުކަނޑާލާފަ އެވެ.

ފުވައްމުލަކުގައި ކެފޭ ރެސްޓޯރަންޓްތައް ބަންދުކޮށް މިވަގުތު ހުއްދަ ދީފައިވަނީ ހަމައެކަނި ޓޭކްއަވޭ އާއި ޑެލިވަރީ ހިދުމަތް ދިނުމަށެވެ. މޭޔަރު ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކެފޭ ރެސްޓޯރަންޓްތަކުގައި ޑައިނިންގެ ހިދުމަތް ދެވިދާނެ ކަމަށް އެ ތަންތަނުގެ ވެރިން ޔަގީންކޮށްދެއްވާ ކަމަށެވެ. އެހެންކަމުން ވިޔަފާރިތައް ފަށައިގަނެވޭ ގޮތަށް ކަމާ ގުޅޭ އިދާރާތަކުން ދޭން ޖެހޭ ހުއްދަތައް އަވަހަށް ދިނުމަށް މޭޔަރު ވަނީ އެދިވަޑައިގެންފަ އެވެ.

"އަޅުގަނޑުމެން މިހާރު މިދަނީ އެޗްޕީއޭއާ މަޝްވަރާކުރަމުން އިގްތިސާދީ ހަރަކާތްތައް ފެށުމަށް. ރަށުގައި ކާފިއު ހިންގާފައި މިއޮތީ ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް. އެހެންވީމާ ކާފިއު ގަޑީގެ ކުރިން ވަކި އަދަދަކަށް މީހުންނަށް ފިހާރަތަކަށް ދެވޭނެ ގޮތް ހަދައިދިނުމަށް މިއެދެނީ. ހަމަ އެގޮތަށް ކާފިއު ގަޑީގެ ކުރިއަށް ޑައިނިންގެ ހިދުމަތް ދިނުމާއި ސްކޫލުތަކަށް ހުޅުވަން މިއެދެނީ،" މޭޔަރު ވިދާޅުވި އެވެ.

ފުވައްމުލަކުގައި މިވަގުތު ކޮވިޑް ބައްޔަށް ފަރުވާ ހޯދަމުން ދަނީ 167 މީހުންނެވެ. އިއްޔެގެ ނިޔަލަށް 13 މީހުން ވަނީ އަލަށް ޕޮޒިޓިވް ވެފަ އެވެ. ފުވައްމުލަކުގައި މިހާތަނަށް ޖުމްލަ 1،139 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު 970 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.