މުހައްމަދު އަސްލަމް

ޒަމީލަށް ސުލޫކީ ފިޔަވަޅު އަޅަން އުޅުމުން އަސްލަމް ކަންބޮޑުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ކުރިއަށް ގެންދާ ޕާލިމެންޓް އިންކުއަރީއަށް ދައުލަތުގެ އިދާރާތަކުން އެއްބާރުލުން ދެމުން ދަނިކޮށް ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލްގެ މައްޗަށް ދައުވާކުރަން މަޖިލީހުން ފޮނުވުމުން 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ކަންބޮޑުވެވަޑައިގެންފި އެވެ.

މަޖިލީހުގެ އިންކުއަރީ އަށް ވަކިވަކި ސިފައިން ހާޒިރުވާން މަޖިލީހުން އެންގުމުން ޑިފެންސް މިނިސްޓްރީން ވަނީ ގާނޫނުއަސާސީއާއި ސިފައިންގެ ގާނޫނާ ހަވާލާދީ ވަކިވަކި ސިފައިންގެ ބަދަލުގައި އެބޭފުޅުންގެ ފަރާތުން މަޖިލީހަށް ޖަވާބުދާރީވާނީ ތަނުގެ ވެރިން ކަމަށް މަޖިލީހަށް ސިޓީ އަކުން އަންގާފަ އެވެ. މިސިޓީގައި ސޮއި ކުރައްވާފައިވަނީ ޒަމީލް އެވެ.

ޒަމީލްގެ މިސިޓީއާ ގުޅިގެން މަޖިލީހުގެ ރައީސް ވަނީ އެއީ މަޖިލީހުގެ އިމްތިޔާޒުތަކަށް އަރައިގަތުން ކަމަށް ނިންމަވާ، ޒަމީލްގެ މައްޗަށް ދައުވާކޮށްދިނުމަށް މައްސަލަ ޕީޖީ އަށް ފޮނުވާފަ އެވެ. އަދި ޒަމީލްގެ މައްސަލަ ވަނީ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީ އަށް ވެސް ހުށަހަޅާފަ އެވެ. އެކަމަކު ކޮމިޓީން ރޭ ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ. މައްސަލަ ބޭރުކޮށްލަން އެމްޑީޕީގެ ހަތަރު މެންބަރަކު ވެސް ވޯޓު ދެއްވާފައިވެ އެވެ. އަދި ޕީޖީން ވެސް މިއަދު ވަނީ ޒަމީލްގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން ތަހުގީގަކަށް ފަހު ޖިނާއީ ދައުވާ ކުރަން ފޮނުވަން މަޖިލީހަށް ލަފާ ދީފަ އެވެ.

ޒަމީލްގެ މައްސަލާގައި ކަން ހިނގާދިޔަ ގޮތާ ގުޅޭގޮތުން މިއަދު ނޫސްވެރިއަކު ސުވާލު ކުރެއްވުމުން 241 ކޮމިޓީގެ މުގައްރިރު އަސްލަމް ވިދާޅުވީ އިންކުއަރީ އަށް އަދި މިހާތަނަށް އިދާރާތަކުން އެއްބާރުލުން ދެމުން ދަނިކޮށް ޒަމީލްގެ މައްސަލާގައި ސުލޫކީ ފިޔަވަޅުތަކެއް އަޅަން ނިންމުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"[އެއީ] އަޅުގަނޑު ކަންބޮޑުވާ ކަމެއް. އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ވެސް އަދި 241 ކޮމިޓީގެ މުގައްރިރެއްގެ ހައިސިއްޔަތުން ވެސް އަޅުގަނޑަށް ވަރަށް ދަތި ގަބޫލުކުރަން އަދި އަޅުގަނޑަށް ވަރަށް އުދަނގޫ ރޭގެ ވަގުތެއްގައި، ރޭގެ ދަންވަރުގެ ވަގުތެއްގައި ކުއްލިއަކަށް ސުލޫކީ ކޮމިޓީއަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ވަކި ވުޒާރާ އަކުން މައުލޫމާތު ނުދިން ކަމަށް [ބުނުން]. ދެން އޭގެ ތަފްސީލެއް ވެސް ނެތް. އަޅުގަނޑަކީ އެ ކޮމިޓީގައި އިންނަ މީހެއްވެސް ނޫން. އެހެންނަމަވެސް އެފަދަ ސުލޫކީ މައްސަލައެއްގެ ގޮތުގައި މައްސަލަ ހުށަހެޅުނީމާ [ކަންބޮޑުވޭ]،" ޒަމީލްގެ ސުލޫކީ މައްސަލަ ކޮމިޓީއަށް ހުށަހެޅުމުން ކަންބޮޑުވާ ކަން ހާމަކުރައްވަމުން އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޒަމީލްގެ ސުލޫކީ މައްސަލަ ކޮމިޓީއަށް ހުށަހެޅުމުން އެކަމާ ގުޅޭގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲއާއި އެކަމާ ގުޅޭގޮތުން ސުވާލުކުރެއްވި ކަމަށެވެ. އެހެންނަމަވެސް އޭރުން ހިނގަންޖެހޭ ކަންކަން ހުރީ ހިނގާފައި ކަމަށްވެސް ވިދާޅުވި އެވެ.

އިންކުއަރީއާ ގުޅިގެން އެއްވެސް ފަރާތަކުން މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާ ކަމަށް ބުނެ 241 ކޮމިޓީން އެއްވެސް ފަރާތަކަށް އެއްވެސް ހުށަހެޅުމެއް ފޮނުވާފައި ނުވަނީސް ޒަމީލްއަށް ފިޔަވަޅު އަޅަން ދަންވަރު ކޮމިޓީއެއް ބޭއްވުމުން އަސްލަމް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އޭނާ ވިދާޅުވީ އިމްތިޔާޒުގެ މައްސަލަތަކުގައި މަޖިލީހުން މިހާރަށް ވުރެ ފުޅާކޮށް މަޝްވަރާކުރަން ޖެހިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އިމްތިޔާޒުގެ މައްސަލަތައް ކޮމިޓީތަކަށް ހުށަހަޅައި ބަލަންޖެހޭނީ އެކަމުގައި އަމަލުކުރަން އޮންނަ އުސޫލުން ކަމުގައިވެސް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ އިންކުއަރީ ހިނގަމުން ދަނިކޮށް ޒަމީލްއާ މެދު މަޖިލީހުން އަމަލުކުރި ގޮތަށް އެހެން ފަރާތަކާ މެދު އަމަލުކޮށްފިނަމަ އިންކުއަރީ އަށް އަސަރުކުރާނެ ކަމަށެވެ. ނަމަވެސް މަޖިލީހުގެ އިމްތިޔާޒާ ގުޅޭގޮތުން ކަންކަން ނިންމަވާނީ މަޖިލީހުގެ ރައީސް ކަމަށާއި އެކަމުގައި ވަކި އެއްޗެއް ދަންނަވަން ބޭނުން ނުވާ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑު އެދެނީ މި އިންކުއަރީގެ މަސައްކަތަށް ފަހިވާ ގޮތަށް ހުރިހާ ކަމެއް ހުރިހާ ބޭފުޅުން ކުރެއްވުން،" އަސްލަމް އެދިވަޑައިގަންނަވާ ގޮތް ވިދާޅުވި އެވެ.