ބޮލީވުޑް

"ޕްރޭމް ރަތަން ދަން ޕާޔޯ" ފަޓާސް ބަރިއެއްހެން ހިނގަނީ!

Nov 15, 2015
3

އިންޑިއާގައި މިހާރު ފާހަގަކުރަމުން އަންނަ އެންމެ ބޮޑު އެއް ފެސްޓިވަލް ދުވަހެއް ކަމަށްވާ ދިވާލީ އާއި ދިމާކޮށް ސުޕަސްޓާ ސަލްމާން ޚާންގެ "ޕްރޭމް ރަތަން ދަން ޕާޔޯ" ހުކުރު ދުވަހު ރިލީޒްކޮށްފައިވާއިރު، ޑައިރެކްޓަރު ސޫރަޖް ބަރްގަތްޔާ މިވަނީ އަނެއްކާވެސް ބެލުންތެރިންގެ އޭނާގެ ޖާދޫގައި ޖައްސާފަ އެވެ.

ދިވާލީގެ ބަޑިބޭހުގެ ކުޅިވަރުތަކާއި އެއްގޮތަށް މިފިލްމުގެ އަޑު ބޮކްސް އޮފީހުގައި ހީކުރިވަރަށް ވުރެން ވެސް ގަދަ އެވެ.

ފުރަތަމަ ދުވަހުވެސް މިފިލްމު ބަލަން ރިކޯޑް އަދަދަކަށް މީހުން ވަދެފައިވާއިރު، ފިލްމުގެ ޓިކެޓްތައް ގަތުމަށް ދިގުކިޔުތަކެއް ވެސް ވަނީ ގިނަ ސިނަމާތަކުގައި ހަދާފަ އެވެ. މީގެއިތުރުން ވެސް ފިލްމު ރިލީޒްކުރުމުގެ ދެތިން ދުވަސްކުރިން ފެށިގެން ސަލްމާންގެ ގިނަ ފޭނުންނެއް ވަނީ އެޑްވާންސްކޮށް ޓިކެޓް ޕްރީ ބުކްކޮށްފަ އެވެ. އަދި ފިލްމު ބެލުމަށްފަހު ސިނަމާތަކުން ނިކުން ސަލްމާންގެ ފޭނުން ތިބީ ވަރަށް ހެވި، ހިތްހަމަޖެހިފައި ކަމަށްވެ އެވެ.

ފިލްމު ރިލީޒްކުރިތާ ދެދުވަސް ތެރޭގައި 71.38 ކްރޯޑް (713 މިލިއަން) ރުޕީޒް ހޯދައިގެން "ޕްރޭމް ރަތަން ދަން ޕާޔޯ" މިވަނީ 100 ކްރޯޑް ކްލަބާއި ގާތަށް ޖެހިލާފަ އެވެ.

މިފިލްމަށް ދެދުވަސްތެރޭ ލިބުނު އާމްދަނީ ހިއްސާކުރަމުން ޓްރޭޑް އެންލިސްޓް ތަރަން އަދާޝް ކުރި ޓްވީޓެއްގައި ވަނީ ޑައިރެކްޓަރު ސޫރަޖް ބަރްޖަތްޔާ އާއި ސަލްމާންގެ ޖާދޫ ވަރަށް ރަނގަޅަށް ވެސް ފެނިގެންގޮސްފި ކަމަށާއި އެގޮތުން ފުރަތަމަ ދުވަހު އެކަނި މިފިލްމަށް 40.35 ކްރޯޑް (435 މިލިއަން) ރުޕީޒް ލިބިފައިވާއިރު، ހުކުރު ދުވަހު ވަނީ 31.03 ކްރޯޑް (310 މިލިއަން) ރުޕީޒް ލިބިފައި ކަމަށެވެ.

"ހޮނިހިރު ދުވަހު މިފިލްމަށް 100 ކްރޯޑް ލިބޭނެ ކަމަށް ލަފާކުރެވޭ" ތަރަން ކުރި ޓްވީޓްގައި ބުނެފައިވެ އެވެ.

މިފިލްމު މިހާރު ފުރަތަމަ ދުވަހު އެންމެ ރަނގަޅު ފެށުމެއް ލިބުނު ފިލްމުގެ ރެކޯޑް މުގުރާލާފައިވާއިރު، މީގެކުރިން މިރެކޯޑް އޮތީ މިދިޔަ އަހަރު ނިކުތް ޝާހްރުކް ޚާންގެ "ހެޕީ ނިއު އިޔާ" އަށެވެ. އަދި އޭގެކުރިން އޮތީ އާމިރް ޚާންގެ "ދޫމް 3" އަތުގަ އެވެ.

މީގެކުރިން މިއަހަރުގެ އެންމެ ރަނގަޅު ފެށުމެއް ލިބުނު ފިލްމަކަށް ވެގެން ގޮސްފައިވަނީ ފިތުރު އީދާއި ދިމާކޮށް ރިލީޒްކުރި ސަލްމާން ޚާންގެ "ބަޖްރަންގީ ބައިޖާން" އެވެ."ޕްރޭމް ރަތަން ދަން ޕާޔޯ" އަށް ފުރަތަމަ ދުވަހު ލިބުނު އާމްދަނީ އަކީ "ބަޖްރަންގީ ބައިޖާން" އަށް ފުރަތަމަ ދުވަހު ލިބުނު ވަރަށް ވުރެން ދެގުނަ ބޮޑު އާމްދަނީ އެކެވެ.

މިފިލްމާއި ބެހޭގޮތުން ފާޑުކިޔާ ފަރާތްތަކުން ވެސް ތައުރީފުކޮށްފައިވާއިރު، ފިލްމުގައި ޑްރާމާގެ ބައި ބޮޑުކަމުން، އާއިލާއާއެކު ބަލާލަން ވަރަށް ކަމުދާނެ ފިލްމެއް ކަމަށް ބުނެފައިވެ އެވެ.

ފިލްމުގައި ސަލްމާން ޑަބަލް ރޯލުން ފެނިގެންދާއިރު، ޕްރޭމްގެ ރޯލަށް ވުރެން ގިނަ ބަޔަކަށް ކަމުގޮސްފައިވަނީ ސަލްމާން ސްޓްރީޓް ފައިޓަރު ވިޖޭގެ ރޯލުންނެވެ. އެހެންނަމަވެސް މުޅި ފިލްމުގެ ދިރުމަކީ ސަލްމާން ކަމަށްވީ ނަމަވެސް އެހެނިހެން ތަރިން ކަމުގައިވާ ސޯނަމް ކަޕޫރާއި، ސްވަރާ ބާސްކަރާއި ނީލް ނިތިން މުކޭޝް އަދި އަނޫޕަމް ކޭރްގެ އެކްޓިން މޮޅު ކަމަށް ވެސް ވަނީ ބުނެފަ އެވެ.

"ޕްރޭމް ރަތަން ދަން ޕާޔޯ" އަކީ ސޯޅަ އަހަރުގެ މެދުކެނޑުމަކަށްފަހު، ސޫރަޖް ބަރްޖަތްޔާގެ ފިލްމެއްގައި ސަލްމާން ހަރަކާތްތެރި ފުރަތަމަ ފިލްމެވެ.

މިހާތަނަށް ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީ އެއް ލިބުނު ފިލްމުގެ ރެކޯޑް މިފިލްމުގެ އަތުގައި އޮތްއިރު، ފިލްމަށް ލިބެމުން އަންނަ ތަރުހީބަށް ބަލާއިރު، ކުރިއަށް އޮތް ތަނުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ އާމިރްގެ "ޕީކޭ"ގެ ރެކޯޑްވެސް މިފިލްމުން މުގުރާލުމާއި ގާތެވެ.

ބޮޑު ފިލްމަކަށް ދެން އެންމެ އަވަހަށް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހު ރިލީޒްކުރާ "ތަމާޝާ" އެވެ. އޭގެކުރިން ބޮޑު ފިލްމެއް ރިލީޒްވުމަށް ހަމަޖެހިފައިނުވާއިރު، މިފިލްމަށް ބޮކްސް އޮފީސް ހިސާރުކޮށްލަން ރަނުގެ ފުރުސަތެއް ލިބޭނެ އެވެ.

އެހެން ނަމަވެސް މިހާރު ގިނަ ބަޔަކު އިންތިޒާރުކޮށްގެން ތިބީ ތިބީ އެންމެ ބޮޑު އާމްދަނީއެއް ހޯދާފައިވާ ހިންދީ ފިލްމު "ޕީކޭ" އަށް ވުރެން ބޮޑު އާމްދަނީއެއް މިފިލްމަށް ލިބިގެން ހިނގައިދާނެ ތޯ އެވެ.