ދުނިޔެ

ޖެފް ބޭޒޯސް، ކޮއްކޮ ގޮވައިގެން ޖައްވަށް

އެމެޒޯންގެ ވެރިޔާ ޖެފް ބޭޒޯސް 57، އޭނާގެ ކޮއްކޮ މާކް ބޭޒޯސް 53، އާއެކު ޖައްވަށް ފުރަނީ އެވެ. މިއީ އޭނާގެ ޖައްވީ ކުންފުނި ބްލޫ އޮރިޖިންގެ އުޅަނދު، ނިއު ޝެޕާޑްގައި އިންސާނުން ގޮވައިގެން ޖައްވަށް ކުރާ ފުރަތަމަ ދަތުރެވެ. މިދަތުރު އޮންނަނީ މިއަހަރު ޖުލައި 20 ވަނަ ދުވަހު އެވެ.

ޖެފް ބޭޒޯސްއަކީ މަހުޖަނެކެވެ. އޭނާގެ މިލްކިއްޔާތުގައި 186.2 ބިލިއަން ޑޮލަރު ހުރި ކަމަށް ފޯބްސް ބުނެ އެވެ. ބޭޒޯސް އޭނާގެ ކޮއްކޮ ގޮވައިގެން ޖައްވަށް ކުރާ ދަތުރުގައި އެހެން މީހަކު ވެސް ބައިވެރި ކުރާނެ އެވެ. އެއީ ކާކުކަން އަދި ހާމައެއް ނުކުރެ އެވެ. އެހެން ނަމަވެސް، ނިއު ޝެޕާޑުން ގޮނޑިއެއް ނީލަމުގައި 2.8 މިލިއަން ޑޮލަރަށް އެރިކަން އޮތީ އެނގިފަ އެވެ. އެ ގޮނޑި ވިއްކި ފައިނަލް އަގު އަދި އޮތީ ސިއްރު ކޮށްފަ އެވެ.

ބްލޫ އޮރިޖިން އުފައްދާފައި ވަނީ 2000 ގައެވެ. މައިގަނޑު މަގުސަދަކީ ޖައްވީ ޓޫރިޒަމެވެ. ބިމުން ފުރައިގެން 100 ކިލޯމީޓަރަށް އުދުހި އަރައި ހަށިގަނޑުގައި ބަރުދަނެއް ނެތްކަން ދަތުރުވެރިން އަމިއްލައަށް ތަޖުރިބާކުރަން ފުރުސަތު ދިނުމަށް ފަހު އުޅަނދު އެނބުރި ބިމަށް ތިރިކުރަން ހަމަޖައްސާފައި ވަނީ ވައިކުޑައިގަ އެވެ.

ޖެފް ބޭޒޯސްގެ ބްލޫ އޮރިޖިންއަކީ ތިން މީހަކު ޖައްވަށް ގެންދިއުމަށް ވުރެ ފުޅާ ހިޔާލެކެވެ. މި ހިޔާލު އަސްލަށް ބަދަލު ވެގެން އަންނައިރު ޖައްވުގައި ކޮފީ ޝޮޕްތަކާއި އަރާމު ނިދާ ކޮޓަރިތައް ހުންނާނެ އެވެ. ބޯކޮށާ ތަންތަން ވެސް ހުންނާނެ އެވެ. ޓޫރިސްޓުން ޖައްވަށް ގޮސް އައިސްވުން އޭރުން ވާނީ މިހާރު އެއްގައުމުން އަނެއް ގައުމަށް ދިއުން ފަދަ ކަމަކަށެވެ. ދުނިޔެ ވަށައި އޮތް ޖައްވު ޓޫރިސްޓް މަންޒިލަކަށް ބަދަލުވެ މީހުން ދިރިއުޅޭ ތަނަވަސްކަން ބޮޑު އާބާދީއަކަށް އޮންނާނީ ވެފަ ބަދަލުވެފަ އެވެ.