ކުރިއަށް އޮތް ދެ އަހަރު ތެރޭގައި، 2024 އަށް ފަހު، އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ދޫކޮށްލާނެ ކަމަށް ރަޝިއާގެ ޖައްވީ އިދާރާ ރޮސްކޮސްމޮސް އިން ބުނެފި އެވެ. އެ އިދާރާއިން ބުނީ ވިސްނުމަކީ ޖައްވުގައި އަމިއްލަ ސްޓޭޝަނެއް ބިނާކުރުން ކަމަށެވެ.
ރޮސްކޮސްމޮސްގެ ވެރިޔާ ޔޫރީ ބޮރިސޯފް ވިދާޅުވި ގޮތުން ރަޝިއާގެ ވިސްނުމަކީ ކުރެވެން އޮތް އެންމެ އަވަހަކަށް އައިއެސްއެސް ދޫކޮށްލުން ނަމަވެސްަ، ގައުމުތަކާ އެކު އެއްބަސްވެފައި އޮތް ގޮތަށް ވާޖިބުތައް އަދާކުރަމުން ގެންދާނެ އެވެ.
ނާސާގެ އެޑްމިނިސްޓްރޭޓަރު ޖުލައި މަހު ކުރީކޮޅު ނޫސްވެރިންނަށް ވިދާޅުވި ގޮތުން 2030 ގެ ނިޔަލަށް ޖައްވީ މަސައްކަތްތަކުގައި ރަޝިއާ އާއެކު މަސައްކަތް ކުރެއްވުމަކީ އޮތް އުންމީދެއް ކަމަށެވެ.
ޖައްވީ ސްޓޭޝަނުން ވަކިވާން ނިންމައި ރަޝިއާއިން ނޫސްތަކަށް ޚަބަރު ދިންއިރު ވެސް ނާސާއަށް އެކަން އަންގާފައި ނުވާ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.
ރަޝިއާ ސިފައިން ޔުކްރޭނަށް ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން އެމެރިކާ އާއި ބައިވެރިން ރަޝިއާއަށް އިގުތިސޯދީ ގޮތުން ދަތިކޮށް ދުނިޔޭގެ މާލީ ނިޒާމުން ބޭރުކޮށްފައި އޮތްއިރު ރަޝިއާގެ ނިޔަތަކީ ވެސް ހުޅަގަށް ރިހުން ބޮޑު ގޮތަކަށް އަމަލުކުރުމެވެ.
އެހެން ނަމަވެސް، އެމެރިކާ އޮތީ އެހާ އަވަހަށް ރަޝިއާއިން ޖައްވީ ސްޓޭޝަން ދޫކޮށްލާނެ ކަމަ ވިސްނައިގެނެއް ނޫނެވެ. އެމެރިކާގެ އޮފިޝަލުންގެ ވާހަކަތައް ހުރި ގޮތުނުން މިކަން ދޭހަވެ އެވެ.
ރަޝިއާގެ ބަޔާނާ މެދު ހައިރާންވެ ވަޑައިގެންފި ކަމަށް ވިދާޅުވެ އެމެރިކާ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާން ނެޑް ޕްރައިސް ވިދާޅުވީ ދެ ގައުމު ގުޅިގެން ސައެންޓިފިކް މުހިންމު މަސައްކަތްތަކެއް ކުރަން ރާވާފައި އޮއްވައި ލިބިވަޑައިގެންނެވި ކުއްލި ޚަބަރާ މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.
އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން މައިގަނޑު ގޮތެއްގައި އޮޕަރޭޓްކުރަނީ އެމެރިކާ އާއި ރަޝިއާ އެވެ. އެހެން ނަމަވެސް ހިއްސާދާރުންގެ ތެރޭގައި ޖަޕާނާއި ކެނެޑާ އަދި ޔޫރަޕްގެ އިތުރު 11 ގައުމެއް ހިމެނެ އެވެ.
އައިއެސް ޖައްވަށް ފޮނުވީ 1998 ގައެވެ. އަދި 2000 އަށް ފަހު ޖައްވީ ސްޓޭޝަންގައި އިންސާނުން އަބަދު ވެސް ޑިއުޓީ އަދާކުރެ އެވެ.
އައިއެސްއެސްއަށް ފަޅުވެރިންނާއި މުދާ އުފުލުމުގައި އެމެރިކާޣެ އުޅަދުތައް ކުރިން ހަރަކާތްތެރިވި އެވެ.
އެހެން ނަމަވެސް 2003 ގައި އެމެރިކާގެ އުޅަނދު ކޮލަމްބިއާ ޖައްވީ ސްޓޭޝަން ފުރައިގެން ބިމަށް ކުރި ދަތުރުގައި، ދުނިޔޭގެ ވައިގެ ފަށަލަ ތެރޭގައި ފަޅުވެރިންނާ އެކު އަނދާ ހުލިވި ހާދިސާއަށް ފަހު އެމެރިކާއިން ސީރިއަސް ދަތުރުތަކެއް ނުކުރެވެ.
އައިއެސްއެސްއަށް މީހުންނާއި މުދާ މިހާރު އުފުލަނީ ރަޝިއާގެ ސޮޔުޒު ރޮކެޓްތަކުގަ އެވެ. އެހެންކަމުން، ރަޝިއާއިން އެހާ ކުރު މުއްދަތެއްގެ ތެރޭގައި ޖައްވީ ސްޓޭޝަނުން އަތްދޫކޮށްލައިފި ނަމަ އެމެރިކާއަށް ވާނީ ފޫބައްދަން ދަތި ކަމަކަށެވެ. ފަހަރެއްގައި ޖައްވީ ސްޓޭޝަން ދޫކޮށް ވެސް އެމެރިކާއަށް ޖެހިދާނެ އެވެ.