ރަޝިއާއިން އެމެރިކާއަށް އުފައްދައިދޭ ރޮކެޓް އިންޖީންތައް ސަޕްލައި ނުކޮށްދޭނެ ކަމަށް ރަޝިއާ ބުނެފި އެވެ. މިއީ އެމެރިކާ އާއި ބައިވެރިން ރަޝިއާއަށް ދަތިކުރަން އެޅި ފިޔަވަޅުތަކަށް ބަދަލުހިފުމަށް އެޅި ފިޔަވަޅެއް ކަމަށް ބުނެވެ އެވެ.
ރަޝިއާގެ ޖައްވީ އިދާރާ ރޮސްކޮސްމޮސްގެ ވެރިޔާ ދިމިތުރީ ރޮގޮޒިން ވިދާޅުވި ގޮތުން ރަޝިއާގެ ފެކްޓަރީތަކުގައި އެމެރިކާއާށް ޖައްވީ ބައިތައް އުފައްދައި ދިނުން މިވަގުތަށް މަޑުޖައްސާލާނެ އެވެ.
ދިމިތުރީ ރޮގޮޒިން ވިދާޅުވި ގޮތުން އެމެރިކާގެ ހަސަދަވެރިކަމާއި ޖެއްސުން މިހާބޮޑު ދުވަސްވަރެއްގައި ރަޝިއާގެ އަމިއްލަ ޓެކްނޮލޮޖީން އުފައްދާ ރޮކެޓް އިންޖީންތައް އެމެރިކާއަށް ސަޕްލައި ކޮށްދެވޭނެ ގޮތެއް ނެތެވެ.
އޭނާ ވިދާޅުވީ އިގުތިސޯދީ ގޮތުން ރަޝިއާ އޮބިނޯންނަ ވަރަށް ފިއްތަމުން އެމެރިކާ އެގެންދަނީ ރަޝިއާއަށް ބޭނުން ނުޖޭނެ ކަމަށް ބަލައިގެންނެވެ. އޭނާ އަދި ވިދާޅުވީ ދެން އެންމެ ރަނގަޅުވާނީ އެމެރިކާގެ ޖައްވީ ފަޅުވެރިން ޖައްވަށް އަރަން ކޮންމެވެސް އެހެން އެއްޗެއް ބޭނުންކުރުމެވެ.
ކުނިކަހާ ފިހިގަނޑެއްގައި ޖައްވަށް އެރޭނަމަ އެމެރިކާއަށް އެންމެ ރަނގަޅުވާނީ އެގޮތް ކަމަށް ރޮގޮޒިން ވިދާޅުވި އެވެ.
ރޮގޮޒިން ވިދާޅުވި ގޮތުން 1990 އިން ފެށިގެން 122 ރޮކެޓް އިންޖީން އެމެރިކާއާށް ސަޕްލައިކޮށް ދީފައި ވާނެ އެވެ. އޭގެ ތެރެއިން 98 އިންޖީން އެޓްލަސް ރޮކެޓްތަކުގައި ބޭނުންކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމެރިކާގެ ޖައްވީ އިދާރާއިން ބޭނުންކުރާ އެއްވެސް އިންޖީނެއް ދެން ސާވިސްނުކޮށްދޭނެ އެވެ.
ރަޝިއާ ކުރިން ބުނި ގޮތުން ޔޫރަޕާ އެކުވެސް ޖައްވީ މަސައްކަތްތަކެއް ދެން ނުކުރާނެ އެވެ.
އިނގިރޭސިވިލާތުގެ ވަންވެބްއިން އެދިގެން ޖައްވަށް ފޮނުވަން ތައްޔާރުކޮށްފައި ހުރި ސެޓެލައިޓް ފޮނުވައި ނުދޭނެ ކަމަށް ވެސް ރަޝިއާ އޮތީ ބުނެފަ އެވެ. ރާޝިއާ ބުނީ އެކުންފުނީގައި އޮތް އިނގިރޭސިވިލާތުގެ ހިއްސާ ދޫކޮށްލުމަށް ދާންދެން އެ ރޮކްޓް ކަޒަކިސްތާންގެ ބައިކޮނޫރުގައި ބަހައްޓާނެ ކަމަށެވެ.
ވަންވެބުން ބުނި ގޮތުން އެކުފުނީގެ ސެޓެލައިޓްތައް ދެން ބައިކޮނޫރު ކޮސްމޮޑްރޯމުން ޖައްވަށް ދެން ނުފޮނުވާނެ އެވެ.