މެލޭޝިއާގައި އާންމުންގެ ޓެމްޕަރޭޗާ ބަލަން ފުލުހުން ޑްރޯން ބޭނުންކުރަނީ އެވެ. މިއީ މެލޭޝިއާގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ފުލުހުން ބޭނުން ކުރަން ފެށި އާ ޓެކްނޮލޮޖީ އެކެވެ.
ޑްރޯން ބޭނުންކޮށްގެން ޓެމްޕަރޭޗާ ބެލުން އާދައިގެ އުކުޅުތަކަށް ވުރެ ފަސޭހަވެފައި އަވަސް ކަމަށް ފުލުހުން ބުނެ އެވެ. ވަކި މީހެއްގެ ޓެމްޕަރޭޗާ ބެލުމަށް އޭނާ ހިފަހައްޓައި އޮބައިގަންނަން ނުޖެހޭ ކަމަށް ފުލުހުން ބުނެ އެވެ.
އާންމުން ޖަމާވާ ސަރަހައްދުތަކުން ވަކި މީހެއްގެ ޓެމްޕަރޭޗާ ބެލުމަށްޓަކައި އެމީހަކަށް ޑްރޯން ފޯކަސްކުރުމުން ދާދި ފަސޭހަކަމާއެކު ފިނިހޫނުމިން ރެކޯޑްކުރެވި ކޮންޓްރޯލް ސެންޓަރަށް ފޮނުވައިދެ އެވެ. އަދި އެމީހަކީ ހުންއައިސްފައި ހުރި މީހެއް ނަމަ އޭނާއަށް ސަމާލުވުމަށް ޑްރޯން އަންގައިދެ އެވެ.
ފުލުހުން ބުނީ ޓެމްޕަރޭޗާ ބެލުމަށް ޑްރޯން އެހާކައިރިވާން ނުޖެހޭ ކަމަށެވެެ. ބޯމަތިން އުދުހި ދަމުން – ގާތްގަނޑަކަށް 60 ފޫޓު މަތިން ޓެމްޕަރޭޗާ ނަގައިގަނެވޭ ކަމަށް ފުލުން ބުނެ އެވެ.
މެލޭޝިއާގެ ސިއްހަތާ ބެހޭ އިދާރާތަކުން ބުނާ ގޮތުން ކޮވިޑް ކޮންޓްރޯލް ނުކުރެވިގެން އުޅެނީ ސަބަބެއް ނެތި ކޮވިޑް ޖެހޭ މީހުން ކޮންޓްރޯލްނުކުރެވިގެންނެވެ. ކޮވިޑް ޖެހިފައި ހުރި މީހަކަ ކޮންޓެކްޓްވިކަން ނޭނގި އަދި އެފަދަ މާހައުލަކަށް ނިސްބަތްނުވާ މީހުންނަށް ކޮވިޑް ޖެހުން ކޮންޓްރޯލްކޮށްގެން މެނުވީ މުޅި ގައުމުން ކޮވިޑް ފިލުވައި ނުލެވޭނެ ކަމަށް އޮފިޝަލުން ބުނެ އެވެ.
ސިއްހީ އޮފިޝަލުން ބުނީ ފުލުހުން ޑްރޯން ބޭނުންކުރަން ފެށީ އަލާމާތައް ބެލުމުގައި ހަރަކާތްތެރިވާ ޓީމްތަކަށް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވޭތީ ކަމަށެވެ. އޮފިޝަލުން ބުނަ ގޮތުން މެލޭޝިއާގައި މިހާރު އެންމެ ބާރަށް އެނބުރެނީ ކޮވިޑްގެ އާވައްތަރުތަކެވެ.