މާލޭ ސިޓީ ބްލޮކް ތަކަކަށް ބަހާލައި ކޮންމެ ބްލޮކަކަށް ވެރިޔަކު ހޮވާ، މާލޭގެ ހަ އަވަށް ހިންގަން އަވަށު ބޯޑުތައް އެކުލަވައިލަން މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް ޖުލައި މަހުގެ ފުރަތަމަ ދުވަހު ބްލޮކް ވެރިންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން ނިންމައިފި އެވެ.
މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުރިއަށް އޮތްތާ ކޮންމެ ބްލޮކަކަށް ރައްޔިތުން ހޮވާ ވެރިއަކު ހުންނާނެ ކަމަށެވެ. ބްލޮކް ވެރިން ހޮވުމުގެ ކުރީން އެކަމަށް ބޭނުންވާ ގަވާއިދު ހަދަން ޖެހޭ ކަމަށާ މިހާރު އެ ގަވާއިދު ހަދާ ނިމި އިއްޔެ އޮތް ކައުންސިލުގެ ބައްދަލުވުމުގައި ފާސް ކޮށްފައިވާ ކަމަށެވެ.
މުއިއްޒު ވިދާޅުވީ މިހާރު ހަދާފައިވާ ގަވާއިދުގައި ބޮލްކް ވެރިން ހޮވާނެ ގޮތާއި ވެރިންގެ ޒިންމާ އާއި މަސްއޫލިއްޔަތު އަދި ޖަވާބުދާރީވުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތް ބަޔާން ކޮށްފައި ވާނެ ކަމަށެވެ. ކައުންސިލުން ހަދާފައިވާ ގަވާއިދު ގެޒެޓް ކޮށްދޭން އެދި މިއަދުގެ އެލްޖީއޭއަށް ފޮނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ގަވާއިދު ގެޒެޓްވުމުން ޖުލައި އެކެއްގައި ބްލޮކް ވެރިންނަށް ކުރިމަތިލާން ހުޅުވާލަން ވަނީ ނިންމާފަ އެވެ.
ބްލޮކް ވެރިން ހޮވަން ހަމަޖައްސާފައިވަނީ މާލެ ސިޓީ ކައުންސިލަށް ކައުންސިލަރުން ހޮވާ 18 ދާއިރާ އަށެވެ. ބްލޮކް ވެރިން މަސައްކަތް ކުރާނީ އެ ދާއިރާއެއްގެ ކައުންސިލަރާ ގުޅިގެންނެވެ. މުއިއްޒު ވިދާޅުވި ގޮތުގައި ބްލޮކް ވެރިން މަސައްކަތް ކުރާނީ ހާއްސަ ހައިސިއްޔަތަކާއި ހާއްސަ "ޕްރިވިލެޖްތަކެއް" ވެސް ލިބިގެނެވެ. އެކަމަކު ބްލޮކް ވެރިންނަކީ ފަށާއިރު މުސާރައެއް ލިބޭ ބައެއް ނޫނެވެ.
މުއިއްޒު ވިދާޅުވީ އިގްތިސޯދު ރަނގަޅުވުމުން އެ މީހުނަށް މުސާރައެއް ނުވަތަ އެލަވެންސެއް ދޭން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ވިލިމާލެ އާއި ހުޅުމާލެ ހިމެނޭ ގޮތަށް މާލޭގެ ހަ އަވަށް ހިންގަން އަލުން އަވަށު ބޯޑުތަކެއް އެކުލަވާލުމަށް ވެސް ކައުންސިލުން ވަނީ ނިންމާފަ އެވެ.