އެމެރިކާގެ ފްލޮރިޑާ ސްޓޭޓުގެ އެންމެ ދިގު ކޯރު ކަމަށްވާ ސެއިންޓް ޖޯންސް ރިވާގައި ދާދިފަހުން ހިނގި ހާދިސާއެއްގައި އެކްސިޑެންޓެއްގައި ހަތް އަހަރުގެ ކުޑަ ފިރިހެންކުއްޖެއްގެ ހިތްވަރާއި އަޒުމު ވަނީ ފެނިފަ އެވެ. އޮއިބާރު ކޯރުގައި އޮޔާދިޔަ ބައްޕަ އާއި އަންހެން ކޮއްކޮ އާއެކު މި ކުއްޖާވެސް އޮޔާ ދިއުމުން ގަޑިއެއްހާއިރު ފަތައިގެން ކުއްޖާ ވަނީ އަމިއްލައަށް އެއްގަމަށް އަރާފަ އެވެ.
ސްޓީވަން ޕައުސްޓް އެ ދުވަހު އޭނާގެ ދެ ދަރިން ކަމަށްވާ އަބިގެއިލް، 4، އާއި ޗޭސް، 7، ގޮވައިގެން ދިޔައީ މަސް ބާނާށެވެ. އެމީހުން ދުއްވި ބޯޓު ނަގިލި ލުމަށްފަހު ދެބެން ފޭބީ ކޯރަށް ފަތާލާށެވެ. އެ ވަގުތަކީ އޮޔާއި ވައި ވަރަށް ބާރު ވަގުތެއް ކަމުން ޗޭސް ބޯޓަށް އެރީ އެވެ. ނަމަވެސް އަބިގެއިލް އަކަށް ނޭރުނެވެ. އޭނާ ބޯޓުގައި ހިފަހައްޓައިގެން އޮއްވާ އޮއިބާރުކަމުން އަތް ދޫވެގެން އޮޔާ ދާން ފެށީ އެވެ. މި މަންޒަރު ފެނިފައި ހަތް އަހަރު ކުއްޖާ ކޮއްކޮ ސަލާމަތްކުރަން ފުންމާލީ އެވެ. އެހިސާބުން ދެބެން ދެ ފަރާތަށް އޮޔާ ދަމައިގަތީ އެވެ. ދެ ދަރިން އޮޔާދާ މަންޒަރު ފެނުމުން އެކުދިންގެ ބައްޕަ ކޯރަށް ފުންމާލި އެވެ.
ފިރިހެންކުއްޖާ ލައިފް ޖެކެޓް ނާޅާ އޮތީމަ ފުރަތަމަ ޕައުސްޓް ދިޔައީ އޭނާއާ ދިމާލަށެވެ. އަދި އެއްގަމަށް އަވަހަށް ދާން ދަރިފުޅަށް އޭނާ އިރުޝާދު ދީފައި އަންހެން ދަރިފުޅު ސަލާމަތްކުރަން އޭނާ މަސައްކަތް ފެށީ އެވެ. އެ ކުއްޖާ އޮތީ ލައފް ޖެކެޓް އަޅައިގެން ނަމަވެސް ވަޔާއި އޮއިބާރުކަމުން ދަރިފުޅު ގައިގައި ހިފައިގެން މާގިނައިރު އޮވެވޭނެ ގޮތެއް ޕައުސްޓް އަކަށް ނުވި އެވެ. ދަރިފުޅުގެ ގައިން ޕައުސްޓްގެ އަތް ދޫވުމާއެކު ވަރަށް ބާރަށް އެ ކުއްޖާ ވެސް އޮޔާ ދަމައިގަތެވެ.
ހަތް އަހަރުގެ ފިރިހެންކުއްޖާ އެއް ގަޑިއިރު ވަންދެން ކޯރުގައި ފަތާފައި ވެއެވެ. ފުރާނަ ސަލާމަތްކުރަން އޭނާ މި ކުރި ހިތްވަރުގަދަ މަސައްކަތުގައި އޭނާ ދަސްކޮށްފައިވާ އެކި ކަހަލަ ފެތުމުގެ ހުނަރުތައް ކުޑަ ކުޑަ ޗޭސް ބޭނުންކޮށްފައި ވެއެވެ. އެގޮތުން ބެކް ފްލޯޓާއި ޑޯގް ޕެޑްލްގައި އޭނާ ވަރަށް ގިނަ ވަގުތު ހިތްވަރުކޮށްފައި ވެއެވެ.
އެހާ އޮޔާއި ވައި ބާރުއިރު އަދި އޮއިހުރީ އެއްގަމާ އިދިކޮޅަށް ކަމަށް ވާތީ ފަތަން އިންތިހާއަށް އުނދަގޫވި ކަމަށާއި އެއްގަމަށް އެރުނު ގޮތެއް ބުނަން އޭނާއަށް ވެސް ނޭނގޭ ކަމަށް ޗޭސް ބުންޏެވެ.
ޗޭސް އަށް އެއްގަމަށް އެރުނުއިރު ވެސް އޭނާގެ ބައްޕަ އާއި ކޮއްކޮ އޮޔާއެކު ބެހެމުން ދިޔަ އެވެ. އެއްގަމަށް އެރުމާއެކު ޗޭސް ދުވެފައި ގޮސް ފަޔާ އެންޑް ރެސްކިއު ޑިޕާޓްމަންޓަށް ގުޅައި އެހީއަށް އެދުނެވެ. އެ މީހުން އައިސް ބައްޕަ އާއި ދަރިފުޅު ސަލާމަތްކުރިއިރު އެމީހުން ތިބީ ދެ މޭލަށް ވުރެ ދުރަށް އޮޔާ ބެހިގެން ގޮއްސަ އެވެ.
ފަޔާ އެންޑް ރެސްކިއު ޓީމުން ފަހުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެމީހުން ބުނީ އެ ދެ ބަފައިން ނުފެނިގެން ހޯދަން އިތުރު އޮފިސަރުންގެ އެހީ ހޯދަން ޖެހުނެވެ. ނަސީބަކުން ތިން ބަފައިންނަށް ވެސް މާ ބޮޑު ސިއްހީ މައްސަލައެއް ކުރިމަތިނުވެ އެމީހުންގެ ފުރާނަ ސަލާމަތް ވެފައިވާކަން ފަޔާ ޑިޕާޓްމަންޓް އޮފިޝަލުން ފާހަގަ ކުރި އެވެ. އަދި ކުޑަކުޑަ ޗޭސްގެ ހިތްވަރަށް އެމީހުން ވަރަށް ބޮޑަށް ތައުރީފުކުރި އެވެ. އޭނާ ހިތްވަރާއެކު ފަތައި އެއްގަމަށް އަރައި ނޭންގިނަމަ ފަހަރެއްގައި އޭނާގެ ބައްޕަ އާއި ކޮއްކޮ ފުރާނަ ހުއްޓާ ސަލާމަތް ނުކުރެވުމަކީ އެކަށީގެންވާ ކަމެކެވެ.