ލައިފްސްޓައިލް

ސްނޯކްލިން އަށް ދިޔަ މީހެއް މިޔަރު ކާލީ ކަމަށް ނިންމައިފި

ހަވާއީގައި ސްނޯކްލިން އަށް ގޮސް އުޅުނު ދުވަސްވީ ދެމަފިރިންގެ ތެރެއިން އަންހެންމީހާ ގެއްލިއްޖެ އެވެ. އަދި ހަވާއީގެ ކަމާ ބެހޭ އިދާރާތަކުން މިހާރު ބުނަނީ އަންހެންމީހާ އަށް މިޔަރެއް ހަމަލަދީ އޭނާ ކާލާފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ވޮޝިންޓަން ސްޓޭޓްގައި ދިރިއުޅޭ 60 އަހަރުގެ މި އަންހެންމީހާ އަށް މިޔަރެއް ހަމަލާދީ ކާލާފައިވާ ކަމަށް ހަވާއީގެ އޮފިޝަލުން ޔަގީން ކުރީ އަންހެންމީހާގެ ފިރިމީހާ ދައްކާފައިވާ ވާހަކަތަކާއި އެވަގުތު ކައެވަކޭޕޫ ބީޗުގައި ތިބި ބައެއް މީހުންނަށް ފެނުނު މަންޒަރުތަކުންނެވެ.

މި މަހުގެ އަށްވަނަ ދުވަހު ހިނގި މި ހާދިސާގައި އަންހެންމީހާއަށް މިޔަރު ހަމަލަ ދިން ތަން މި އެންމެންނަށް ވެސް ފެނިފައިވާ ކަމަށްވެ އެވެ.

އަންހެންމީހާ ގެއްލުމުން ހަވާއީގެ ފަޔާ އެންޑް ރެސްކިއު ޑިޕާޓްމަންޓްގެ އޮފިޝަލުން ފުރަތަމަ މަސައްކަތްކުރީ މިޔަރު ދަތްއަޅައި ޒަހަމްވީ މީހަކު ހޯދުމަށެވެ. ނަމަވެސް ގެއްލުނު މީހާގެ ފިރިމީހާ ދެއްކި ވާހަކަތަކުން އަންހެންމީހާ މިޔަރުގެ ޝިކާރައަކަށް ވީކަމަށް ނިންމީ އެވެ.

ފިރިހެންމީހާ ބުނި ގޮތުގައި އެމީހުން ސްނޯކްލިން ކުރަން 50 ޔާޑެއްހާ ތަނަށް އަޑިއަށް ދިޔަތަނާ ވަރަށް ބިޔަ ވަރުގަދަ އަދި އެހާމެ އަނިޔާވެރި މިޔަރަކާ ދިމާވި އެވެ.

އޭނާ ބުނި ގޮތުގައި އޭނާ އާއި އޭނާގެ އަންހެނުން ސްނޯކްލިން ކުރަމުން ދިޔައީ ކައިރި ކައިރީގައި ތިބެގެނެއް ނޫނެވެ. އަންހެންމީހާ އޮތީ ތަންކޮޅެއް ދުރުގައި ކަމަށާއި އޭނާއަށް އަންހެންމީހާ ފެންނަނީ ބައެއް ފަހަރު ކަމަށް ފިރިހެންމީހާ ބުނެފައި ވެއެވެ. އޭރު މިޔަރު ފިރިހެންމީހާގެ ވަށައިގެން ބުރު ޖަހާ ޖަހާ އޮތް ކަމަށާއި ފަހުން އަންހެނުން ނުފެނުމުން ދުރަށް ސްނޯކްލިން ކޮށްފައި ދިޔައީ ކަމަށް ހީކުރި ކަމަށް ފިރިހެންމީހާ ބުންޏެވެ.

ފަހުން އޭނާ އަންހެނުން އޮތް ދިމާލަށް ބަލާލިއިރު މިޔަރު މާ ދުރުން ދާތަން ފެނުނުކަމަށް އޭނާ ބުންޏެވެ.

ވަރަށް ދުރުން ކޮންމެވެސް އެއްޗެއް ވެސް ފެނުނު ކަމަށާއި އެއީ ކޯޗެއްކަން ވަކިކުރަން ނޭނގޭ ކަމަށް ފިރިހެންމީހާ ބުންޏެވެ. އަދި އިރުކޮޅަކުން މިޔަރު އެނބުރި އައިއިރު އެ ސޮރުގެ ކޮތަރިފަތްގަނޑުގައި ރަތްކުލައިގެ ކޮންމެވެސް އެއްޗެއް ހުއްޓާ ފެނުނު ކަމަށް ވެސް ފިރިހެންމީހާ ބުންޏެވެ.

އޭރު ގޮނޑުދޮށުގައި ތިބި މީހުންނަށް މިޔަރު ކޮންމެވެސް އެއްޗެއް ކާތަން ފެނިގެން ފިރިހެންމީހާ އާ ދިމާލަށް އަވަހަށް އެއްގަމަށް އަރާށޭ ކިޔާފައި ގޮވަމުން ދިޔަ ކަމަށް ވެސް ފިރިހެންމީހާ ބުންޏެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި އެ ދެމަފިރިން މޫދަށް އެރިގެން ސްނޯކްލިން އަށް އަޑިއަށް ދިޔަ ތަން އެމީހުންނަށް ފެނުނެވެ. އަދި މިޔަރު އެސޮރުގެ ބޮޑު އަނގަ ހުޅުވައިގެން ކޮންމެވެސް އެއްޗެއް ކަމުން ދިޔަ ތަނާއި އެ ސޮރުގެ އަނގައިން ރަތްކުލައިގެ އެއްޗެހިތަކެއް ނުކުންނަމުންދިޔަތަން ވެސް ފެނުނުކަމަށް މަންޒަރު ދުށް ބައެއް މީހުން ބުންޏެވެ.

ބީޗުގައި ތިބި މީހުންނަށް ފިރިހެންމީހާ އެކަނި ފެންނާތީ އަވަހަށް 911 އަށް ގުޅައިގެން ރެސްކިއު ޓީމެއް ގެނަ އެވެ. ނަމަވެސް އެމީހުން ހޯދާ ހޯދާ ވެސް އަންހެންމީހާއަށް ނުފެނުނެވެ. ފަހުން ސްވިމްސޫޓަކާއި ސްނޯކްލިން ގިއާ އެއް އެހިސާބު ކަނޑުން ފެނިފައި ވެއެވެ.