"ޑާޓީ ޕިކްޗާ" އަކީ ބޮލީވުޑްގެ ފިލްމެކެވެ. ސައުތު އިންޑިއާގެ އެފަދަ ދެ ވަނައެއް ނެތް ބަތަލާއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި ސިލްކް ސްމިތާގެ ހަޔާތުގެ މައްޗަށް އުފައްދައި 2011 ވަނަ އަހަރު ނެރުނު ފިލްމެކެވެ. ސިލްކް ސްމިތާ އަކީ 1980ގެ އަހަރުތަކުގައި އިންޑިއާގެ އެންމެ މަޝްހޫރު ބަތަލާ އެވެ.
އެންމެ ފުރަތަމަ "އެކްސްޓްރާއެއް" ގެ ގޮތުގައި ފިލްމަކުން ފެނިލުމަށް ފަހު އޭނާ މަޝްހޫރުކަން ހޯދީ ގައިގޯޅި މަންޒަރުތައް ކުޅެން ޖެހިލުން ނުވާ އެކްޓްރެސްއެއްގެ ގޮތުގަ އެވެ. ގައިގޯޅި މަންޒަރުތައް ހިމެނޭ ފިލްމުތައް ބްލޮކްބަސްޓާތަކަށް ބަދަލުކޮށްލުމުގެ ސަގާފަތެއް އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި ދިރުވައި ދިން އެކްޓްރެސް އަކީ ސިލްކް ސްމިތާ އެވެ.
އޭނާ މަޝްހޫރުވީ "ސެކްސް ސިމްބަލްއެއް" ނުވަތަ އޮން ސްކްރީނުގައި ތަމްސީލުކޮށްދިން ގައިގޯޅި ތެތް މަންޒަރުތަކަށެވެ.
ބޮލީވުޑް ނުވަތަ ޖުމްލަގޮތެއްގައި އިންޑިއާގެ ފިލްމު އިންޑަސްޓްރީ އަކީ ސިލްކް ސްމިތާ ކަހަލަ އެކްޓްރެސްއިންނަށް ނުވަތަ "ޑާޓީ ޕިކްޗަރަށް" ނިކަން ބޮޑަށް ބަރޯސާވެފައި އޮތް އިންޑަސްޓްރީ އެކެވެ. ގައިގޯޅި މަންޒަރުތައް ފިލްމުތަކުގައި ހިމެނުމަކީ އިންޑިއާގެ ބޮޑުވިޔަފާރި އެކެވެ. އެކަމުގެ ދަހިވެތިކަމުގައި ސަނީ ލިއޯނީއޭ ކިޔުނު ނިކަން ވަރުގަދަ ޕޯން ސްޓާރަކަށް ވެސް މިފަހުން ބޮލީވުޑްގެ މެއިން ސްޓްރީމް ފިލްމުތަކުން ފުރުސަތު ދީފައިވެ އެވެ.
މީގެ އިތުރުން ބޮލީވުޑްގެ އައިޓެމް ލަވަތަކަކީ ވެސް ސީދާ އަންހެނުންގެ ނިވާކަން ކުޑަ މަންޒަރުތައް އޯޑިއެންސަށް ދައްކައިގެން އޭގެ އަވާގައި އާންމުން ޖައްސައިގެން ފައިސާ ހޯދަން ބޭނުންކުރާ މަޝްހޫރު އުކުޅެކެވެ.
އިންޑިއާގެ ސިނަމާގެ މި ސަގާފަތުގެ ނޭދެވޭ އަސަރު އެކި ގޮތްގޮތަށް އެގައުމުގެ މުޖުތަމައަށް ކުރާ ކަމަށް މީހުން ބުނެ އެވެ. އިންޑިއާގައި "ރޭޕް ކަލްޗާ" އާލާ ކުރީ ވެސް ބޮލީވުޑޭ ބުނާ މީހުން ވަރަށް ގިނަ އެވެ.
ބޮލީވުޑްގެ "ޑާޓީ ޕިކްޗާ" ގެ ވާހަކަ މި އާޓިކަލް އަށް މުހިންމުވީ ކީއްވެގެން ހެއްޔެވެ؟ އިބްރަތް ހާސިލުކުރާށެވެ. އެއީ ކިހިނެތް ހެއްޔެވެ؟
އެ ވާހަކައެއް ކިޔައިދޭން މި ވާހަކައެއް ދެން ފަށައިގަންނަން ޖެހޭނީ ރާއްޖޭގެ މަޝްހޫރު ސްކްރީންރައިޓާ މަހުދީ އަހުމަދުގެ "އާދަޔާހިލާފަށް މޮޅު" އަދި އެތައް މާނައެއް ނެގޭ ގޮތަށް ފައްކާކޮށްފައިވާ ސްކްރިޕްޓްތަކުންނެވެ.
މަހުދީ އަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ކާމިޔާބު އަދި އެންމެ ހުނަރުވެރި ސްކްރިޕްޓްރައިޓާ ކަމާ މެދަކު ސުވާލެއް ނުއުފެދެ އެވެ. ވަކިން ހާއްސަކޮށް އޭނާގެ އާޓް ނުވަތަ އެކްސްޕެރިމެންޓަލް ފިލްމުތަކަކީ (މިސާލަކަށް، އިނގިލި އާއި މިކޮއެ ބައްޕަ ބައެބައެ) ދިވެހި ސިނަމާގެ އާންމު ދަރަޖައިން މައްޗަށް އަރައިގެން ގޮސްފައިވާ ފިލްމުތަކެއްކަން ފާހަގަކޮށްލަން ޖެހެ އެވެ.
އެހެން ނަމަވެސް މަހުދީގެ "ކޮމާޝަލް ކުލަ" ޖައްސާފައިވާ ފިލްމުތަކުގައި ބޮޑުވަމުން އަންނަ މައްސަލައެއްގެ ވާހަކަ އެވެ. ފަހަރެއްގައި ފޮތުގައި ލިޔެ ބަޔާންކޮށްފައިވާ ކަހަލަ މައްސަލައަކަށް މި މައްސަލަ ނުވެދާނެ އެވެ.
އެހެންވިޔަސް މި ވާހަކައެއް މިފަހަރު އަހަރެމެން ދައްކާނީ އެވެ.
ދިވެހި ސިނަމާ އަކީ ވެސް ބޮލީވުޑް ނުވަތަ އިންޑިއާގެ އެހެން ފިލްމު އިންޑަސްޓްރީތައް ފަދައިން ގައިގޯޅި މަންޒަރުތައް ފިލްމުތަކުގައި ހިމަނައިގެން އޭގެ ފައިދާ ނަގަން ޝައުގުވެރިވާ އަދި އެގޮތަށް މީގެ ކުރިން އެކި ފަހަރު މަތިން މަސައްކަތްކޮށްފައިވާ ސިނަމާ އެކެވެ. ބައެއް މީހުން ބުނަނީ އެއީ ބެލުންތެރިންގެ ޝައުގުވެރިކަމާ ކުޅޭނެ ގޮތެއް ނޭނގިގެން، އެންމެ ފަސޭހައިން ވިކޭ އެއްޗަކީ "ސެކްސް" ކަމަށްވާއިރު އޭގެ ބޭނުން ދިވެހި ފިލްމީ ދާއިރާ އިން ވެސް ހިފަނީ ކަމަށެވެ.
އެހެން ނަމަވެސް މި ތަނުގައި އޮރިޔާން މަންޒަރުތައް ނުވަތަ މާ ބޮޑަށް ގައިގޯޅިވާ މަންޒަރުތައް ވެސް ނުދެއްކެ އެވެ. އަދި ބަޔަކު ނުވެސް ދައްކަ އެވެ.
މަހުދީ އަހުމަދު ފަދަ ކުޅަދާނަ ސްކްރީންރައިޓަރެއް ދިވެހި ސިނަމާ އަށް މުހިންމުވާ ހިސާބަކީ މިއީ އެވެ. ބޮލީވުޑްގެ ފިލްމުގައި ނުވަތަ ހޮލީވުޑްގެ ފިލްމެއްގައި ހިމަނާފައި ހުންނަ "ގައިގޯޅިކަން ބޮޑު މަންޒަރެއް" ނުވަތަ "ނިއުޑް ސީންއެއް"، ފިލްމުގައި ދައްކުވައިދޭ ކެރެކްޓާސްތައް ބޭނުންކޮށްގެން ކިޔައިދޭށެވެ.
މި މަސައްކަތަށް މަހުދީ ވަރަށް ވެސް ކުޅަދާނެ އެވެ. މިފަހުން އޭނާ ލިޔުނު އެންމެ ބޮޑު ކޮމާޝަލް ފިލްމަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި "އެންމެ ފަހު ވިންދާ ޖެހެންދެން" އެވެ. އެއަށް ފަހު މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަ އަލީ ސީޒަންގެ މަސާލާ ފިލްމު "އަހްޝަމް" އަކީ ވެސް މަހުދީގެ މި ހުނަރުވެރިކަން ހާކާފައި އޮތް ފިލްމެކެވެ.
މިސާލަކަށް މި އޮތީ "އެންމެ ފަހު ވިންދާ ޖެހެން ދެން" ގެ މަންޒަރެއްގެ އެފަދަ ޑައިލޮގްކޮޅެކެވެ.
"އަޅެ ހާދަ ބޮޑޭ"
"ކޯއްޗެއްތަ؟"
"އޭނަގެ ލެންސް"
މިއީ ކެމެރާއެއް ހިފައިގެން ފޮޓޯނަގަން ނުކުމެ އުޅޭ އެޓްރެކްޓިވް ފިރިހެން ކެރެކްޓާއެއް ފެނިގެން ފިލްމުގައި އުޅޭ ދެ އަންހެނަކު ބަދަލުކުރާ ޑައިލޮގްކޮޅެކެވެ. ދެ އަންހެން ކުދިންގެ މޫނު މައްޗަށް ޖައްސާ ވައްތަރުތަކުން އެމީހުން ދައްކަމުން ގެންދާ ވާހަކައިގެ "ނުބައި މާނަ" ހަމަޖެހޭ ކޮންމެ މީހަކަށް ވެސް ނަގައިގަނެވޭނެ އެވެ.
އަދިވެސް އެ ފިލްމުގެ އެހެން މަންޒަރެއްގެ ޑައިލޮގްކޮޅެކެވެ. މި ވެސް ދެ އަންހެން ކެރެކްޓާއެއްގެ ދެމެދު ދެކެވޭ ވާހަކަތަކެކެވެ.
"މަށަށް ހީވަނީ އެ މީހުން ވަރަށް މޮޅުވާނެހެން"
"ކޯއްޗަކަށް؟"
"ޖަހާކަށް ނޫން"
"މި ބުނީ ގިޓާ ޖަހާކަށް ނޫން."
"އެހެން ނޫނަސް އެ ސޮރުގެ އެހާމެ ލެންސް ބޮޑޭ. އަނެއްކާ އެހާ މޮޅަށް ޖަަހަން އެނގޭ. ގިޓާ. އަނެއްކާ އެހާ ފޮނިރަހަލާ ސޮރެކޭ އެއީ."
މިހެން ބުނީމަ އައްޗީޑިއޭ ކިޔާފައި އެއް އަންހެން ކުއްޖާ ދުރަށް ހިނގައިގަންނީ އެވެ.
އަދިވެސް ހަމަ އެ ފިލްމުގެ މިފަދަ އެހެން ޑައިލޮގްކޮޅެކެވެ.
"ތިއީ އެ ސޮރު ނަމަ އެ ސޮރުގެ ކޮން ތަނެއްގައި ފިރުމާލާނީ،" މިއީ ފިލްމުގެ ފިރިހެން ލީޑް ކެރެކްޓާ ކުޅެން ގެންގުޅޭ ގިޓާއެއްގައި ލީޑް އަންހެން ކެރެކްޓާ ފިރުމަން ފެށުމުން ދެން ހުންނަ އަންހެން ކުއްޖަކު ބުނާ ވާހަކަކޮޅެކެވެ.
މި ޑައިލޮގްތަކުގެ މާނަ ވަރަށް ވެސް ސާފެވެ. އަދި މިފަދަ ގޮތަކަށް މި ޑައިލޮގްތައް ފިލްމުގައި ބޭނުންކޮށްފައި ވަނީ ކޮން ސަބަބަކާ ހެދިކަން ވެސް ސާފެ އެވެ. އަދި މިފަދަ ޑައިލޮގްތައް ފިލްމުގައި ހިމެނުމުގެ ބޭނުން ވެސް ވަރަށް ސާފެވެ.
ފިލްމު "އަހްޝަމް" އަކީ ވެސް ހަމަ މިފަދަ "ނުބައި އެތައް މާނައެއް ނެގޭ ގޮތަށް" ނުވަތަ އެ މާނަ ބެލުންތެރިޔާ އަށް ވިސްނޭ ގޮތަށް ސެޓްކޮށްފައިވާ މަންޒަރުތަކެއް ހިމެނޭ ފިލްމެކެވެ.
މި ފިލްމުތަކުގައި މިފަދަ ޑައިލޮގްތައް ބޮޑަށް ބޭނުންކޮށްފައި ހުންނަނީ "ސަމާސާއެއް އުފެއްދުމަށް" ނުވަތަ "މަޖާކޮށް" ބެލުންތެރިން ހެއްވާލުމަށް ކަމަށް ފާހަގަކުރެވެ އެވެ. އަނެއް ބޭނުމަކީ ދިވެހި ފިލްމަކަށް ވަދެވުނު މޮޔަހީވެފައި ހުންނަ ބެލުންތެރިޔާގެ ސިކުނޑި އަށް "ނުލަފާ ޑޯޒެއް" ދީ އެމީހާ ނިދިން ހޭލައްވާލުމެވެ.
އެކަމަކު ހަގީގަތަށް ވިސްނާލާއިރު މިފަދަ ޑައިލޮގްތަކަކީ އޭގެ ނޭދެވޭ އަސަރު މުޖުތަމަ އަށް ނިކަން ބޮޑަށް ކޮށްފާނެ ކަމެކެވެ. މިހެން ބުނީމަ ބައެއް މީހުން ބުނެފާނެ އެވެ. ފިލްމުތަކުގައި ދައްކުވައި ދެނީ މުޖުތަމައުގެ އަހުލާގު އޮތް ގޮތެއް ނޫންތޯ އެވެ؟ އެހެންވިޔަސް ހެވެވެ.
ކޮންމެ ކަމެއް ކުރިޔަސް ޒިންމާ އެންމެ ފުރިހަމަ އަށް އުފުލަން ޖެހޭނެ އެވެ. އަދި ސަމާސާއަކަށް ހަދައިގެން ނުވަތަ "އެންޓަޓެއިންމަންޓަށް" ކަމަށް ވިޔަސް ކަމެއް ކުރާއިރު އޭގެ ސަބަބުން ބަޔަކަށް ކޮށްފާނެ އަސަރަށް ހަގީގަތުގައި ބަލައިލުމަކީ އެންމެ ރައްކާތެރި ގޮތެވެ.
މިސާލަކަށް މަތީގައި ފާހަގަކޮށްފައި އެވާ ޑައިލޮގްތަކުން ގެތިގެން ކުލަވެގެން އަންނަ މަންޒަރުތައް އޮލިމްޕަހުގެ ސްކްރީނަށް އެޅޭ ވަގުތުތަކުގައި އޯޑިއެންސް ކެކިއަރައިގަންނަ ގޮތަށް ބަލައިލަމާ ހިނގާށެވެ. އެ މަންޒަރުތަކުން ހަމަލާ ދެނީ އާންމު އަހުލާގަށެވެ. އަދި ހިތްވަރު ދެނީ ފިލްމުގައި ބޭނުންކޮށްފައިވާ "އުކުޅު ޑައިލޮގްތައް" ބޭނުންކޮށްގެން މީހުންނާ ފޮށުމަށެވެ.
"އަހްޝަމް" ފިލްމުން އެފަދަ ޑައިލޮގްތަކުގެ އަޑު ކެނޑިގެންދާއިރަށް ދެން އިވެނީ ފިލްމު ބަލަން ގޮސް އިންނަ މީހަކު އެފަދަ "ނުބައި މާނަ ނެނގޭ" ވަށްބަހަކުން ދެން ހުންނަ މީހަކާ ބެހިގަންނަ އަޑެވެ. މުޖުތަމައުގެ އަހުލާގީ މިންގަނޑުން ފާހަގަކޮށްލެވޭ ދަށު ދަރަޖައިގެ އަމަލުތަކެއް ސަމާސާއަކަށް ހަދައިގެން މިގޮތަށް ފިލްމުތަކުގައި ގެނެސްދިނީމަ އެއީ އެގޮތަށް އުޅުމަށް ދެވޭ ހިތްވަރެކެވެ.
ފިލްމު ބަލާފައި ނުކުތް ބައެއް ޒުވާންކުދިން ފިލްމުގެ "ދެ މާނަ ފޮރުވިފައިވާ ޑައިލޮގްތަކުން" އެހެން މީހުންނާ ފޮށި މަޖާކުރަމުން ދިޔަ މަންޒަރު ވެސް ފެނުނެވެ. މިއީ މަހުދީމެން ފަދަ ޒިންމާދާރު އަދި އެހާމެ ހުނަރުވެރި ފަންނުވެރިން ހަގީގަތުގައި ވެސް ވިސްނާލަން ޖެހޭ ކަމެކެވެ. މަހުދީގެ ފިލްމުތަކުގައި މި ފެންވަރުގެ ދަށު ދަރަޖައިގެ އަހުލާގު ސަމާސާއަކަށް ހަދައިގެން ބެލުންތެރިންނަށް ވިއްކުން މިހާރު އޮތީ ހަމަ އަސްލަށް ވެސް ބޮއްސުންލައިފަ އެވެ.
ފިލްމުތަކުގައި މަޖާކުރުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު ކޮންމެ ކަމެއްގައި ވެސް ހައްދެއް އޮންނަން ޖެހޭނެއެއް ނޫން ހެއްޔެވެ؟
އެކަމަކު އެހެނެއް ނުވެ އެވެ. ލޮލުގައި އޮންނަ ނަމްބަރު އައިނު ހެޔޮވަރުކޮށްލަން މައިދައިތަ ނުވަތަ މަންމަ ވެސް މި ފެންނަނީ އިނގިލިން އަވަގުރާނައިގެ އިޝާރާތެއްކޮށްލާ މަންޒަރެވެ. މި ހުންނަނީ ދިވެހި ސިނަމާ އިން ހަދާފައި ހުންނަ ބްލަންޑާސްތަކެއް ނޫނެވެ. މިއީ ވަކި މަގުސަދެއް ހާސިލުކުރުމަށް ގަސްދުގައި އެމީހުން ބޭނުންކޮށްފައި ހުންނަ އުކުޅުތަކެކެވެ.