އެންމެން ވެސް ކިޔަނީ ގައުމުގައި އަދުލު އިންސާފެއް ނެތް ވާހަކަ އެވެ. އަދި ގައުމު ހަމަ މަގަށް އެޅުވުމުގެ ޒިންމާ އިން ފުލުހުންގެ މުއައްސަސާ ނިކަން ބޮޑަށް ކައްސާލާފައިވާ ވާހަކަ އެވެ.
އެހެންވީމަ ބޮއްސުންލާފައި އޮތް މި ގައުމު ހަމަ މަގަށް އެޅުވުމަށް ދިވެހިންނަށް ބޭނުންވަނީ "އަހްޝަމް" ކަހަލަ ފުލުހެއް ހެއްޔެވެ؟ އޮލިމްޕަހުގައި މިހާރު ދައްކަމުން އަންނަ ދިވެހި ފިލްމު "އަހްޝަމް" އަކީ ޖެހިލުންކުޑަ އެންމެ ފުލުހެއްގެ ހިތްވަރު ކޮރަޕްޝަނާއި ފަސާދައާ ދެކޮޅަށް ނެރެގެން ރަށެއްގައި އަދުލު އިންސާފާއި ހަމަޖެހުން ގާއިމުކުރާ މަންޒަރު ދައްކުވައިދޭ ފިލްމެކެވެ.
އެފަދަ އެންމެ ފުލުހަކު ނެރެގެން މި ގައުމުން ކޮރަޕްޝަނާއި ފަސާދަ އާއި ހަމަނުޖެހުން ނައްތާލެވިދާނެ ހެއްޔެވެ؟ ނުވަތަ ބަތަލް އަލީ ސީޒަން ފިލްމުގައި ކުޅެފައިވާ ފަދަ އާދަޔާހިލާފު އަދި އެހާމެ އިންސާފާއި ހަމަ އަށް ލޯބިކުރާ ފުލުހެއްގެ އެހީ އަށް ދިވެހިން ތިޔަ ތިބީ ބޭނުންވެފައި ހެއްޔެވެ؟
މި ފިލްމެއް ބަލަމުން ދިޔައިރު އޯޑިއެންސުން "އަހުޝަމް" އަށް ދެމުން ދިޔަ ހިތްވަރަށް އަދި ފިލްމު ބެލި މީހުންގެ ވާހަކަތަކަށް ބަލާއިރު ވަރަށް ގިނަ ދިވެހިން ތިބީ "އަހުޝަމް" ފަދަ ހިތްވަރުގަދަ ފުލުހަކަށް ނުހަނު ބޭނުންވެފަ އެވެ.
"ގޭންގްތަކާއި ކޮރަޕްޓް ޕޮލިޓީޝަނުންނާ ދެކޮޅަށް އެގޮތަށް ހަރަކާތްތެރިވާނެ ފުލުހަކު މި ގައުމުން ދެކެން ބޭނުން،" ފިލްމު ބަލައިފައި ނުކުތް މެދުއުރުމުގެ އަންހެނަކު ބުނީ މިހެންނެވެ.
"އެކަމަކު ހިތާމަ އަކީ މިތަނުގައި ކުޅޭ ފިލްމު އަދި މި އަށް ވުރެ މާ ވަރުގަދަކަން."
ފިލްމުގައި ދައްކުވައި ދެނީ ރަށެއްގައި އޮންނަ ސިޔާސީ ވާދަވެރިކަމެއްގެ ތެރެއިން ކޮރަޕްޝަނާއި ފިތުނަ އުފަންވެ ރަށެއް ހަލާކުގެ ތެރެއަށް ވެއްޓިގެން ދާ ގޮތެވެ. އެއަށް ފަހު ގޭންގްތަކާ ކުރިމަތިލައި އެމީހުންނަށް އަދި ފުއްޕާލާފައި އުޅޭ ކޮރަޕްޓް ސިޔާސީ މީހުންނަށް ހެދުނު އެއްޗެއް އަހުޝަމް ހަދާލާ ގޮތެވެ.
ފިލްމުގައި ދައްކުވައިދޭ ފަސާދައިގެ މާހައުލު ރާއްޖޭގެ މިއަދުގެ ހާލަތާ ވަރަށް ގުޅެ އެވެ. އަދި އަހުޝަމް ފިލްމުގައި ގޭންގްތަކާއި ކޮރަޕްޓް ޕޮލިޓީޝަނުން ތަޅައި އެމީހުން ބަލިކުރަމުންދާ މަންޒަރު ފެނުމުން ފިލްމު ބަލަން ތިބި ބައެއް މީހުންނަށް އުފަލުން އެމީހުންގެ ގޮނޑިތަކުން ފުންމައިގެން ދެވެނީ ފިލްމުގައި ދައްކުވައިދިން މަންޒަރުތައް އާންމުންގެ ދިރިއުޅުމުގެ އަސްލާ ގުޅިފައިވާ މިންވަރު ބޮޑުކަމުންނެވެ. ނުވަތަ ގައުމަށް ވެރިވެފައި އޮތް އަނދިރިކަން ވެސް އެފަދަ ގޮތަކަށް ފޮޅައިލަން ބައެއް މީހުން ބޭނުންވެފައި ތިބީމަ އެވެ.
އެކަމަކު "އަހުޝަމް" އެއް ކިތަންމެ ބޭނުންވިޔަކަށް ނުއެއް ލިބޭނެ އެވެ. ސަބަބަކީ ފިލްމުތަކުގައި ދައްކުވައިދޭ އެފަދަ އިންސާފާއި ލޯބި އާންމުންގެ އަސްލު ދިރިއުޅުމުގައި ނެތީމަ އެވެ.
"އަހަރެން ހިތަށް އަރާ އަހުޝަމް ކަހަލަ ފުލުހަކު ނުކުމެ މި ގައުމު ހަމަ މަގަށް އަޅުވާނެ ނަމައޭ. އެކަމަކު ކީއްކުރާނީ. އަހުޝަމް އަކީ ހަމައެކަނި ފިލްމެއް،" ފިލްމު ބެލި އެހެން މީހަކު ބުންޏެވެ.
"އަހުޝަމް" އަށް މިކަން ވެދާނެއޭ ކިޔައިގެން ބަޔަކު މީހުން ހުވަފެނެއްގެ ތެރެއަށް ގެއްލިގެން ދިޔަ ނަމަވެސް ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަކީ އަހުޝަންގެ ބަލިފައިތަކެއް ވެސް އެބަހުރި ކަމެވެ. މިސާލަކަށް ލޯތްބެވެ.
އަހުޝަމް އަހަރެމެންނަށް އޮލިމްޕަހުގެ ސްކްރީނުން ފެނިގެން ދިޔައީ ލޯބީގައި ޖެހިއްޖެ ނަމަ ދީވާނާވެ މޮޔަވެގެންދާ މީހެއްގެ ގޮތުގަ އެވެ. ހާއްސަކޮށް ރަށު ތެރެއިން ފެންނަ ރީތި އަންހެން ކުދިންނަށް އޭނާގެ ހިތްކިޔަ އެވެ.
އެހެންވީމަ ކޮރަޕްޝަނާއި ފަސާދަ ގައުމުން ސަލާމަތްކުރުމަށް އަހުޝަމް މިތަނަކަށް ގެނައުމުގެ ކުރިން ހުރިހައި އަންހެން ކުދިންތައް ފިލުވަން ޖެހޭނެ އެވެ.