ދުނިޔެ

"މުސްލިމް އާއިލާއަށް ދިނީ ޓެރަރިސްޓް ހަމަލާއެއް"

ކެނެޑާގައި މުސްލިމް އާއިލާއަކަށް ގަސްދުގައި ދިން ހަމަލާއެއްގައި ހަތަރު މެންބަރު ވަނީ މަރާލާފަ އެވެ. މިކަމާ ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވީ މުސްލިމް އާއިލާއަށް ދިނީ ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ.

މި ހާދިސާ ހިންގާފައި ވަނީ ކެނެޑާގެ އޮންޓާރިއޯ ޕްރޮވިންސްގައި އޮންނަ ލަންޑަން ސިޓީގަ އެވެ. އަންގާރަ ދުވަހު މަގު ހިނގާލަން ނުކުމެ އުޅުނު މުސްލިމް އާއިލާއެއް މަގު ހުރަސް ކުރަން މަޑުކޮށްލައިގެން ތިއްބައި ހާލަތާ ނުބައްދަލު ބާރު ދުވެލީގައި ދިއަ ލޮރީއަކުން އެމީހުންގެ ގައިގައި ޖައްސައި ހަތަރު މެމްބަރުން މަރާލީ އެވެ.

ބޮޑުވަޒީރު ޓްރޫޑޯ ޕާލަމެންޓްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ޝޮކްޖެހިވަޑައިގެންފައި ހުންނެވި ކަމަށެވެ. އެއީ ރުޅިވެރިކަމާއި ނަފުރަތުގެ އަމަލެއް ކަމަށް ވިދާޅުވެ ބޮޑުވަޒީރު ވިދާޅުވީ މިނިވަންކަމާ ނުލައި ދީނީ ޝިއާރު ފާޅު ނުކުރެވޭނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ޓެރަރިސްޓުންނަށް ލުއި ނުދެއްވާނެ ކަމަށާއި ގާނޫނުގައި ކަނޑައަޅާފައި އޮތް އެންމެ ބޮޑު އަދަބު ދެއްވާނެ ކަމަށެވެ.

ކެނެޑާގައި ކޮވިޑަށް ދިން ލުޔާ ގުޅިގެން އާންމުން މަގުތަކަށް ނިކުމެ ވައިޖައްސާލަން ތިބެ އެވެ. ޓްރޫޑޯ ވިދާޅުވީ މުސްލިމުން މާމަ ދަރިން ގޮވައިގެން ބޭރަށް ނުކުމު އުޅުނީ ކެނެޑާގެ އެހެން ރައްޔިތުން ފަދައިން ވައިޖައްސާލައި ފިނިކޮށްލަން ކަމަށެވެ.

އިދާރާތަކުން ބުނާ ގޮތުން މުސްލިމް އާއިލާއަށް ހަމަލާދިނީ އެއީ މުސްލިމުންނަށް ވާތީ ގަސްދުގަ އެވެ. އެެއް އާއިލާއަކަށް ނިސްބަތްވާ ފަސް މެމްބަރުން އެކުއެކީގައި ތިއްބައި ދިން ހަމަމާގައި ބޮޑެތި ޒަހަމަތަކެއް ލިބުނު ނަމަވެސް ކުޑަކުއްޖަކު ވަނީ ސަލާމަތްވެފަ އެވެ.

މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 74 އަހަރުގެ އަންހެނަކާއި 46 އަހަރުގެ ފިރިހެނެއް އަދި 44 އަންހެނަކާއި 15 އަހަރުގެ ޒުވާނެކެވެ. އެމީހުންގެ ތެރެއިން ސަލާމަތްވީ ނުވަ އަހަރުގެ ފިރިހެން ކުއްޖެކެވެ.

ފުލުހުން ބުނީ ލޮރީ ޑްރައިވަރު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ދެތިން ދައުވާއެއް އުފުލާނެ ކަމަށް ވެސް ބުނެ އެވެ. އެއީ ގަސްދުގައި ބަޔަކު މެރުމާއި، ބަޔަކު މަރަން ނިޔަތް އޮތުމާއި އާންމު މަސްލަހަތު ނަގާލައި ބިރުވެރިކަން އުފެއްދުމެވެ. ފުލުހުން ބުނީ ޑްރައިވަރު އިނީ އެކްސިޑެންޓް ހިންގަން ތައްޔާރަށް އަދި އޭނާއަށް އަނިޔާއެއް ނުލިބޭ ކަހަލަ ސޭފްޓީ ހެދުމެއް ލައިގެން ކަމަށެވެ.