ލައިފްސްޓައިލް

28 އަނބިން ތިބި މީހަކު 37 ވަނަ ފަހަރަށް ކައިވެނިކޮށްފި

ވަރަށް އިހު ޒަމާނުގެ ރަސްރަސްކަލުން ގިނަ އަދަދެއްގެ އަނބިކަނބަލުންނާ ކައިވެނި ބެއްލެވި ކަމަށް ތާރީހީ ފޮތްފޮތުގައި ލިޔެފައި ހުއްޓާ ފެނެ އެވެ. ނަމަވެސް 21 ވަނަ ގަރުނުގައި މިފަދަ ވާހަކަތައް ވަރަށް މަދުން ނޫނީ ނުއިވެ އެވެ. ދާދި ފަހުން އިންޓަނެޓުގައި ވައިރަލް ވެގެން އުޅޭ ވީޑިއޯއެއްގައި ފެންނަނީ މިފަދަ ކައިވެންޏެއް ކުރާ ތަނެވެ. އުމުރުން ދުވަސްވީ މީހަކު 37 ވަނަ ފަހަރަށް ކައިވެނި ކުރާތަން މި ވީޑިއޯގައި ފެނެ އެވެ.

މި ކައިވެނީގެ ހަފުލާގައި އެ މީހާގެ މިހާރު ތިބި 28 އަނބިންނާއި 135 ދަރިން އަދި 126 ކާފަ ދަރިން ބައިވެރިވި އެވެ.

ފާއިތުވީ އަހަރުތަކުގެ ތެރޭގައި މި މީހާ 36 ކައިވެންޏެއް ކުރި އެވެ. އޭގެ ތެރެއިން މިހާރު ތިބީ 28 އަނބިންނެވެ. މި ވީޑިއޯ ޓުވިޓާގައި ޝެއާކުރި އިންޑިއާގެ އައިޕީއެސް އޮފިސަރު ރުޕިން ޝަރުމާ ބުނި ގޮތުގައި މި މީހާ އަކީ މުޅި ދުނިޔޭގައި ވެސް ހުރި އެންމެ ހިތްވަރުގަދަ މީހާ އެވެ.

ކައިވެނީގެ ރަސްމިއްޔާތު ކުރިޔަށް ދަނީ

"އަށާވީސް އަނބިން، 135 ދަރިން އަދި 126 ކާފަ ދަރިން ކުރިމަތީގައި 27 ވަނަ ކައިވެންޏެއް ކުރަން ކެރުނު އެންމެ ހިތްވަރުގަދަ މީހާ،" މި ވީޑިއޯ ޝެއާ ކުރަމުން ރުޕިން ބުނެފައި ވެއެވެ.

ވީޑިއޯ ބެލި ގިނަ މީހުން ތިބީ މިމަންޒަރު ބަލާފައި ބުނާނެ އެއްޗެއް ނޭނގި އަނގަ ހުޅުވިފަ އެވެ. އެމީހުންގެ ތެރެއިން ހިތްވަރުގަދަ ބައެއް މީހުން ސުވާލުކުރަނީ މި ހުރިހާ މީހުން ގޮވައިގެން މި ފިރިހެންމީހާ އުޅޭނީ ކިހިނެއް ހެއްޔޭ؟ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ޒިމްބާބުވޭ މީހަކު ވެސް މިގޮތަށް ކައިވެންޏެއް ކުރި އެވެ. ނަމަވެސް އެމީހާގެ ވެސް ތިބީ 16 އަނބިންނާއި 151 ދަރިންނެވެ.

މިސްޗެކް ނަޔެންޑޯރޯ ނަމަކަށް ކިޔާ 66 އަހަރުގެ މި މީހާ އޭރު ބުނެފައިވަނީ 17 ކައިވެންޏަކަށް ތައްޔާރުވަމުން ދާ ކަމަށެވެ. މަރުވުމުގެ ކުރިން 100 އަނބިންނާއި 100 ދަރިން ހޯދުމަކީ އޭނާ އެދޭ ގޮތް ކަމަށް ވެސް ޒިމްބާބުވޭގެ މީހާ ބުނެފައި ވެއެވެ.