ހުރިހާ އިންސާނުންގެ ހަށިގަނޑު ހުންނަނީ އެއްގޮތަކަށް ނޫނެވެ. ކޮންމެ މީހެއްގެ ވެސް ހަށިގަނޑުގައި ތަފާތު އެތައް ކަމެއް އެކުލެވިގެން ވެއެވެ. އެއް ބަޔަކަށް ކުރެވޭ ކަންތައް އަނެއް ބަޔަކަށް ނުކުރެވެނީ އެހެންވެ އެވެ. ނަމަވެސް ޓިކްޓޮކްގައި މިހާރު ވައިރަލްވެ ތިން މިލިއަނަށްވުރެ ގިނަ މީހުން ބަލާފައިވާ މި ވީޑިއޯގައި ފެންނަ މީހާ ކަހަލަ މާ ގިނަ ބަޔަކު ދުނިޔޭގައި އުޅޭނެ ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ މި މީހާއަށް އޭނާގެ ބޯ 180 ޑިގްރީއަށް އަނބުރާލެވޭތީ އެވެ. އަދި އަނބުރާލުމަށްފަހު އިރުކޮޅެއް ތެރޭ އެއްވެސް ތަކުލީފަކާ ނުލާ އޭނާ ބޯ އަނބުރާ ކުރިން ހުރި ގޮތަށް އިއާދަ ކޮށްލަ އެވެ.
ޝިއާބުއްޓޫ ކިޔާ މީހަކު ޓިކްޓޮކްގައި ޝެއާކުރި މި ވީޑިއޯގައި އޭނާ ލިޔެފައިވަނީ މިއީ "ޕާޓީ ޓްރިކެއް" ކަމަށެވެ. މި ވީޑީއޯ ކްލިޕްގައި ފެންނަނީ މީހަކު މަގުމަތީގައި ހުރެފައި އޭނާގެ ބޮލާއި ދަތްދޮޅީގައި ހިފާ އަނެއް ފަރާތަށް ބޯ އަނބުރާލާ ތަނެވެ. އަދި އަތް ދޫކޮށްލުމާއެކު ބޯ އަނބުރާ އަސްލު އިންނަ ޕޮޒިޝަނަށް އެނބުރުނު ތަނެވެ.
މިއީ މިކަމުގެ ޕްރޮފެޝަނަލުންނަށް ކުރެވޭނެ ކަމެއް ކަމަށާއި ގޭގައި މިކަހަލަ ކަންތައް ކުރަން މަސައްކަތް ނުކުރުމަށް ވީޑިއޯގެ ތިރީގައި އިންޒާރެއްގެ ގޮތުގައި އަރުވާފައި ވެއެވެ.
މި ވީޑީއޯ ޓިކްޓޮކްގައި ޝެއާކުރި މީހަކާ ހެޑްލައިނަކަށް ލިޔެފައިވަނީ ބަކަމޫނެއް ފަދައިން ބޯ 180 ޑިގްރީއެއް އަނބުރާ ލެވޭ މީހެއް" ކަމަށެވެ. ޖަނަވާރުންގެ ތެރެއިން ވެސް މިގޮތަށް ބޯ އަނބުރާ ލެވެނީ ބަކަމޫނު ފަދަ މަދު ޖަނަވާރަކަށެވެ.
މި ވީޑިއޯއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ކަމާ ބެހޭ ތަޖުރިބާކާރު ޑޮކްޓަރެއް ކަމަށްވާ ޑރ. ސިމްރަން ޑިއޯ ވިދާޅުވީ ރައްކާތެރިކަމާއެކު މިގޮތަށް ބޯ އަނބުރާލެވޭ މަދު ބަޔަކު އުޅޭކަން އެނގޭ ކަމަށެވެ. މިއީ ހައިޕަމޮބައިލް ޖޮއިންޓްސް ނުވަތަ ކޮނެކްޓިވް ޓިޝޫ ޑިސްއޯޑާ އަކުން ދިމާވާ ކަމެއް ކަމަށް ވެސް ޑރ. ސިމްރަން ވިދާޅުވި އެވެ.
މި ޑިސްއޯޑާ ހުންނަ މީހެއްގެ މަސްތަކާއި ލިގަމެންޓްސް އަދި ޓެންޑަންސް މާބޮޑަށް ސްޓްރެޗް ވާނެ ކަމަށާއި އެހެންވެ މި މައްސަލަ ނުހުންނަ މީހުންނަށް ވުރެ މައްސަލަ ހުންނަ މީހުންނަށް އެމީހުންގެ ގައިގެ ކަށިތައް އެކި ފަރާތް ފަރާތަށް ބަޅުކުރަން ފަސޭހަ ވަނީ ކަމަށެވެ.
ނަމަވެސް މިކަން ކުރެވުނަސް މިއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ވެސް ޑރ. ސިމްރަން ވިދާޅުވި އެވެ. މިގޮތަށް ހަދަނިކޮށް ކަރާއި ބޮލަށް ސިކުނޑި ފޮނުވައިދޭލެއް މަދުވެގެން ސްޓްރޯކެއް ޖެހި ވާގި ނެތިދާނެ ކަމަށެވެ.