ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން އިޓަލީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އުމަރު އުބައިދު މުހައްމަދު އައްޝަމްސީ އިޓަލީ ފޮރިން މިނިސްޓްރީއަށް ހާޒިރު ކޮށްފި އެވެ.
ޔޫއޭއީ އެމްބެސެޑަރު އިޓަލީ ފޮރިން މިނިސްޓްރީއަށް ހާޒިރު ކުރީ 40 ނޫސްވެރިން ގޮވައިގެން އަފްޣާނިސްތާނަށް ދަތުރުކުރި އިޓަލިއަން އެއާ ފޯސްގެ މަތިންދާ ބޯޓެއް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ވައިގެ ސަރަހައްދު ހުރަސް ކުރަން އަބޫ ދާބީން ހުއްދަ ނުދިނުމުންވެ.
އިޓަލީ ފޮރިން މިނިސްޓްރީން ބުނީ ބޮއިން 767 މަރުކާގެ ބޯޓު އަފްޣާނިސްތާނަށް ދަތުރު ކުރީ ދިދަ ތިރިކުރާ ރަސްމިއްޔާތަކަށް ކަމަށެވެ. އެ ރަސްމިއްޔާތުގައި އިޓަލީގެ ޑިފެންސް މިނިސްޓަރު ބައިވެރިވެ ވަޑައިގަންނަވާތީ ނޫސްވެރިން ދިއައީ ފޮޓޯނަގައި ހަބަރު ލިޔަން ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެބޯޓު އަފްޣާނިސްތާނަށް ދިއައީ ސައޫދީ އަރަބިއްޔާއަށް ޖެއްސުމަށް ފަހު އެހެން މަގަކުންނެވެ.
އަބޫ ދާބީއާ ރޯމްގެ ގުޅުން ބަލިކަށިވާން ދިމާވީ އިޓަލީގެ ސަބަބުންނެވެ. އިޓަލީން ޔޫއޭއިއަށް މިސައިލާއި އޭރިއަލް ބޮން ވިއްކަން އެއްބަސްވުމަށް ފަހު ހުއްދަ ކެންސަލްކުރީ އެވެ. އިޓަލީން ބުނީ އެކަންކުރަން ޖެހުނީ އިންސާނީ ކަރާމަތަށްޓަކައި ކަމަށެވެ.
އެމެރިކާއާ އިޓަލީ އަދި ބައިވެރިން ގަބޫލުކުރާ ގޮތުގައި ސައޫދީއާ ޔޫއޭއީން މެދުއިރުމަތީގައި ހިންގަނީ ދިފާއީ ހަރަކާތްތަކެއް ނޫނެވެ. އެއީ ޓެރަރިޒަމް އެވެ. ސައޫދީއަށް ހޫތީން ދޭ ޑްރޯން ހަމަލާތަކާއި ފޮނުވާ މިސައިލްތައް، އެކަން އެގޮތަށް ހިނގަން ދޫކޮށްލަންވީ އެވެ. ދުނިޔޭގައި ހަރަކާތްރެރިވާހާ ބާޣީ ޖަމާއައްތަކަށް ހަތިޔާރު ސަޕްލައިކޮށް ވިޔަފާރި ކުރަނީ އެެމެރިކާއާ ޔޫރަޕުންނެވެ.