ދުނިޔެ

ޔޫއޭއީގެ އެއާބޭސްތަކުން އިޓަލީ ބޭރުވާން އަންގައިފި

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަލްމިންހާޖް އެއާބޭސްއިން އިޓަލީގެ މަތިންދާބޯޓުތަކާއި މީހުން ބޭރު ކުރަން ޔޫއޭއީން އަންގައިފި އެވެ. ޔޫއޭއީން ވަނީ އިޓަލީ އަސްކަރިއްޔާއަށް އެ ގައުމުގެ ވައިގެ ސަރަހައްދު ވެސް ބަންދު ކޮށްފަ އެވެ.

ޔޫއޭއީ އެއާބޭސްތައް އިޓަލީން ބޭނުން ކުރަން ފަށާފައި ވަނީ 2015 އިގަ އެވެ. އިޓަލީން މައިގަނޑު ގޮތެއްގައި ޖެޓްތައް މަރުކަޒު ކުރުވަނީ އަލްމިންހާޖު އެއާބޭސްގަ އެވެ. އިރާގަށާއި އަފްޣާނިސްތާނަށް ޖެޓްތައް ދަތުރު ކުރަނީ އެތަނުން ފުރައިގެން ގޮހެވެ.

ދެގައުމުގެ ދެމެދުގައި ގުޅުން ގޯސްވެފައި މިވަނީ އިޓަލީން މަސްލަހަތު އިހުތިޔާރުކުރި ގޮތުންނެވެ. ޔޫއޭއީއަށް ހަތިޔާރު ވިއްކަން އެދުމުން ރޯމްއިން ވަނީ މިއަހަރު ޖެނުއަރީގައި އެކަމަށް އިންކާރު ކޮށްފަ އެވެ.

ޔޫއޭއީއަށް ހަތިޔާރު ނުވިއްކަން އިޓަލީން ނިންމީ ސައޫދީއާ ޔޫއޭއީ ހިމެނޭ ގޮތުން އަރަބި އިއްތިހާދުން ޔަމަނުގެ ހޫތީންނަށް ދޭ ހަމަލާތައް އާންމުންނަށް އަމާޒުވެ ފަނާ ކުރަނިވި ގެއްލުންތައް ލިބޭ ކަމަށް ބުނެ އެވެ.

އެމެރިކާއިން ވެސް ޔޫއޭއިއަށް ހަތިޔާރު ވިއްކުން މިއަހަރު ޖެނުއަރީގައި ހުއްޓުވި އެވެ. އެއީ ޓްރަމްޕް ސަރުކާރުން ހަދާފައި އޮތް 23.37 ބިލިއަން ޑޮލަރުގެ އެއްބަސްވުމަށް ވާތީ މުއާމަލާތްތަކުގެ ސައްހަކަން ބެލުމަށް މަޑުޖައްސުވާލީ އެވެ. އެހެން ނަމަވެސް މި އަހަރު އޭޕްރީލް މަހު ވޮޝިންޓަނުން ވަނީ އެ ޑީލަށް ރުހުންދީ ހަތިޔާރު ވިއްކަން އެއްބަސްވެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޖުލައި ދޭއްގެ ކުރިން ޔޫއޭއީގެ އެއާބޭސްތަކުން އިޓަލީ ބޭރުވާން ޖެހެ އެވެ. އިޓަލީން މިހާރު ވަނީ ބޮޑުބައި ބޭރުކޮށްފައި ކަމަށް ވެސް ވެ އެވެ.

އިޓާލީގެ ސިޔާސީ މަޝްރަހު ދިރާސާކުރާ މީހަކު ރަޝިއާގެ ޓާސް ނިއުސްއަށް ބުނީ މެދުއިރުމަތީ ގައުމަކާ ގުޅުން ކެނޑުމަކީ ނުރައްކާ ކަމެއް ކަމަށާއި ދެން ގުޅުން ބަދަހިކުރަން ކުރާ މަސައްކަތްތަކުގައި ދިލަ ގަދަވާނެ ކަމަށެވެ.

އިޓަލީގެ މި ނިންމުމަކީ ޒިންމާދާރު ކަމެއް ނެތި ނިންމި ނިންމުމެއް ކަމަށް ބުނެ އިދިކޮޅު ސިޔާސީ ލީޑަރުން ދަނީ އެ ގައުމުގެ މިހާރުގެ ޒައާމަތަށް ފާޑުކިޔަމުންނެވެ. އިޓަލީން ގެއްލުވާލާފައި ވަނީ ވަރަށް އަގުބޮޑު ފުރުސަތެއް ކަމަށް ވެސް އެ މީހުން ބުނެ އެވެ.