ޖިންސީ ގުޅުމުން އަރާ އާ ބައްޔެއް ހޯދައިފިއެވެ. މި އާ ބައްޔަށް ކިޔަނީ މައިކޯޕްލާސްމާ ޖެނިޓޭލިއަމް ނުވަތަ އެމް ޖެނިޓޭލިއަމް އެވެ.
މި ބަލި ޖައްސާ ބެޓްރީއާ 80 އިގެ އަހަރުތަކުގައި ހޯދިފައިވީ ނަމަވެސް މިއީ ޖިންސީ ގުޅުމުން ގައިން ގަޔަށް އަރާ ބައްޔެއްކަން ހޯދިފައި ވަނީ އަދި ކިރިޔާ އެވެ.
މިއޮށްހާ ދުވަހު ސައިންސްވެރިންނަށް މިކަން ނޭނގި އޮތީ ކީއްވެ ހެއްޔެވެ؟ ސަބަބަކީ މި ބަލި ޖެހިފައިވިޔަސް އެކަމުގެ އަލާމާތްތަކެއް ނުވަތަ މާ ބޮޑު އުނދަގޫތަކެއް ބަލި ޖެހިފައިވާ ފަރާތަށް ނުކުރާތީ އެވެ. އެމް ޖެނިޓޭލިއަމް އަށް ޕޮޒިޓިވްވާ ފިރިހެނުންގެ ތެރެއިން 90 މީހުންގެ ފަރާތުން އެއްވެސް ކަހަލަ އަލާމާތެއް ފެނިފައެއް ނުވެ އެވެ.
އަދި މި ބައްޔަށް ޕޮޒިޓިވްވާ އަންހެނުންގެ ދެ ބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންގެ ފަރާތުން ވެސް އަލާމާތްތަކެއް ނުފެނެ އެވެ. އެކަމަކު ބައެއް އަންހެނުން ގުޅުން ހިންގުމަށް ފަހު ބްލީޑްވެ އެވެ. މިއީ މި ބަލީގެ އެންމެ އާންމު އަލާމާތެވެ.
މިއީ ޓެސްޓް ނުކޮށް ދޫކޮށްލާ ވަރަށް ވުރެ ނުރައްކާތެރި ބައްޔެކެވެ. އެގޮތުން މި ބެކްޓީރިއާގެ އަސަރު ކުރުމަކީ ފިރިހެނުންގެ ދަރިފަނީގެ ދުވަސް ގޮސް ކުދިން ލިބުމުގެ ފުރުސަތު ގެއްލިދާނެ ކަމެއް ކަމަށް ބައެއް ސިއްހީ ތަޖުރިބާކާރުން ބުނެ އެވެ. މީގެ އިތުރުން ބަލިޖެހި ފަރުވާ ނުހޯދާ އަންހެން މީހާ އަށް މިފަދަ ސީރިއަސް މައްސަލަތަކެއް ދިމާވުމުގެ ބިރު އެބައޮތް ކަމަށް ދިރާސާތަކުން ދައްކަ އެވެ.
ޖިންސީ ގުޅުމުން އަރާ މި ބަލި ފެނިގެން އުޅެނީ އިނގިރޭސި ވިލާތުގައި ކުރިއަށް ގެންދިޔަ ޓެސްޓަކުންނެވެ. ބަލި އިތުރަށް ދިރާސާކުރުމުގެ މަސައްކަތް ކުރެވެމުންދާއިރު ޖެނެރަލް ޕޮޕިއުލޭޝަންގެ ޓެސްޓްތަކެއް ކުރުމަށް އިންގްލެންޑްގެ ސިއްހީ އޮފިޝަލުން ދަނީ މިހާރު ތައްޔާރުވަމުންނެވެ.