ދުނިޔެ

އިޒްރޭލުގެ އާސަރުކާރު ހޮވުން ޖޫން 13 ގައި

ޔަހޫދީ އިޒްރޭލުގައި އާ ސަރުކާރެއް އުފައްދަން ކޯލިޝަނަށް ވޯޓު ދިނުން ޖޫން 13 އަށް އެޖެންޑާ ކޮށްފި އެވެ. ގާނޫނު ހަދާ މަޖިލީހުގެ ރައީސް، ޔަރީވް ލެވިން ވިދާޅުވީ ވޯޓްލާ ދުވަހު ބޮޑުވަޒީރު ހުވާ ކުރަވާނެ ކަމަށެވެ.

އިދިކޮޅު ޕާޓީތައް ގުޅިގެން ކޯލިޝަން ސަރުކާރެއް އެކުލަވާލަން އޮތީ އެއް ރޫހެކެވެ. އާ ސަރުކާރެއް އެކުލަވާލުމުގައި ޕާޓީތަކުން އެއްބަސްވެފައި ވަނީ ފުރަތަމަ ދެއަހަރު ނަފްތަލީ ބެނެޓް ބޮޑުވަޒީރުކަން ކުރެއްވުމަށެވެ. ޔައީރު ލަޕީދަށް ބޮޑުވަޒީރުކަން ލިބިވަޑައިގަންނަވާނީ ފުރަތަމަ ދެ އަހަރަށް ފަހު އެވެ.

އިޒްރޭލުގައި ސަރުކާރެއް އެކުލަވާލަން އެއްވެސް ޕާޓީއަކަށް ފުރުސަތު ލިބެނީ ގާނޫނު ހަދާ މަޖިލީހުން އަޣުލަބިއްޔަތު ލިބުމުންނެެވެ. އެއީ މަޖިލީހުގައި ހިމެނޭ 120 ގޮނޑިން 61 ގޮނޑި އެވެ. އެހެން ނަމަވެސް މި އަހަރުގެ މާޗް 23 ގައި އޮތް އާންމު އިންތިހާބުގައި އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތު ލިބިފައެއް ނުވެ އެވެ.

އިޒްރޭލުގައި އިދިކޮޅު އަށް ޕާޓީ ގުޅިގެން ކޯލިޝަން ސަރުކާރެއް އެކުލަވާލި ނަމަވެސް ދެމި އޮންނާނެ ކަމާ މެދު ޝައްކެވެ. ޕާޓީތަކަށް އެއްގަލަކަށް އެރުނީ ސަރުކާރެއް އުފައްދަން އޮތް ޝައުގުވެރި ކަމަށް ވުރެ ބޮޑަށް ބެންޖަމިން ނަތަންޔާހޫ ބޮޑުވަޒީރު ކަމުން ދުރު ކުރަން އޮތް އެދުންވެރިކަމާ ހެދި އެވެ.

ގާނޫންހަދާ މަޖިލީހުން އާ ސަރުކާރަށް ރުހުންދޭ ހިސާބުން ބެންޖަމިން ނަތަންޔާހޫއަށް މަގާމު ގެއްލިވަޑައިގެން 12 އަހަރުވީ ވެރިކަން ނިމިއްޖެ ކަމަށް ތާރީހުގައި ލިޔެވިގެން ދާނެ އެވެ.