ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ސޮއިކުރައްވާ މަޖިލީހަށް ފޮނުއްވި ސިޓީއާ ގުޅިގެން އޭނާގެ އިމްތިޔާޒުގެ މައްސަލަ ބަލަން ނުފެންނަ ކަމަށް މެންބަރުން ވޯޓު ދެއްވި ގޮތުގެ މައުލޫމާތުތައް އާންމުވި މައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ހުށަހަޅައިފި އެވެ.
މައްސަލަ ހުށަހެޅުއްވީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް އެވެ. އޭނާ އަކީ އިމްތިޔާޒު ކޮމިޓީން ބަލަމުން ދިޔަ ޒަމީލްގެ މައްސަލަ ބަލަން ނުފެންނަ ކަމަށް އެމްޑީޕީން ވޯޓު ދެއްވި ހަތަރު މެންބަރުންގެ ތެރެއިން އެއް މެންބަރެވެ. ސަނީފްގެ އިތުރުން އެ މައްސަލަ ބޭރުކޮށްލަން ވޯޓު ދެއްވި އެމްޑީޕީގެ މެންބަރުންނަކީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމްއާއި، ކޮމަންޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި، މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އެވެ.
ސަނީފް ކޮމިޓީއަށް ހުށަހެޅުއްވި މައްސަލާގައި ވަނީ ޒަމީލްގެ މައްސަލާގައި މެންބަރުން ވޯޓު ދެއްވި ގޮތް އާންމުވެގެން ދިޔަ މައްސަލަ ބަލައި ދިނުމަށް ހުށަހަޅުއްވާފަ އެވެ. ޒަމީލްގެ މައްސަލަ ބޭރުކޮށްލި ކޮމިޓީ އަކީ ސިއްރު ކޮށްގެން ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ.
ސަނީފް ހުށަހެޅުއްވި މައްސަލައާއި ގުޅިގެން އިމްތިޔާޒު ކޮމިޓީގެ ބައްދަލުވުމެއް މިއަދު މެންދުރުފަހު 2:00 އަށް ވަނީ ތާވަލްކޮށްފަ އެވެ.
އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ސަނީފް ވިދާޅުވީ ސިއްރު ކޮމިޓީއެއްގެ މައުލޫމާތު އާންމުވި ގޮތް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ނޫނީ އިމްތިޔާޒު ކޮމިޓީގެ އިތުރު ބައްދަލުވުމެއް ބޭއްވިދާނެ ކަމަށް އޭނާ އަށް ގަބޫލުނުކުރެއްވޭ ކަމަށެވެ. އަދި އޭނާ ގަބޫލުކުރައްވާ ގޮތް ސަނީފް ވަނީ ކޮމިޓީގެ މުގައްރިރަށް ވެސް ހުށަހަޅުއްވާފަ އެވެ.
"މިކަމުގެ ސަބަބުން ކޮމިޓީގެ ހަތަރު މެންބަރެއްގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންތައްތައް ގޮސްފި. އަދި މުޅި މައްސަލަ އޮޅުވާލައިގެން އެކި ތަންތާ އެތައް ހުތުރު ބަދުނާމެއް ކުރަމުން ދަނީ. މިއީ މުހިއްމު ކަމެއް ކަމަށް ދެކިގެން މި މައްސަލަ ފުރަތަމަ ބަލަންޖެހޭނީ،" ސަނީފް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މަޖިލީހުގެ ޗެމްބަރުގައި އަދި ކޮމިޓީގެ ބައްދަލުވުމުގައި މެންބަރަކު ވޯޓް ދެއްވާ ގޮތަކުން ފުރާނައާ ނަފްސަށް ގެއްލުން ދޭން މީހުންގެ މެދުގައި ނަފްރަތު އުފެއްދުމަކީ ކުށެއް ކަމަށެވެ. އެއީ ހުއްޓުވަންޖެހޭ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.
އެމްޑީޕީގެ ސާފު މެޖޯރިޓީއެއް އޮތް އިމްތިޔާޒު ކޮމިޓީއަށް ޒަމީލްގެ މައްސަލަ ބަލަން ހުށަހެޅުއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
ކޮމިޓީގައި އެ މައްސަލަ ބަލަން ނުފެންނަ ކަމަށް ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އެވެ.
ނާޒިމް އަވަސް އަށް ވިދާޅުވި ގޮތުގައި ޒަމީލް ސޮއިކުރައްވާ މަޖިލީހަށް ފޮނުއްވި ސިޓީގެ މައްސަލަ ބަލާނަމަ ބަލަން ޖެހޭނީ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީގެ މައްސަލަ ކަމަށެވެ. ނާޒިމްގެ ހުށަހެޅުއްވުން ފާސްވީ އެމްޑީޕީގެ ހަތަރު މެންބަރުންނާއި ނާޒިމްގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވޯޓު ދެއްވައިގެންނެވެ.
ޒަމީލް މަޖިލީހަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ރައީސް ނަޝީދު އަވަހާރަ ކޮށްލަން ހަމަލާއެއް ދިން އިރު ސިފައިން ދެމުން ދިޔަ ސެކިޔުރިޓީ ބްރީޗްވި ގޮތް ބެލުމަށް މަޖިލީހުން ކުރިއަށް ގެންދާ އިންކުއަރީ އަށް ވަކިވަކި ސިފައިން ކޮމިޓީ އަށް ހާޒިރު ނުކުރެވޭނެ ކަމަށާއި ވަކިވަކި ސިފައިންގެ ފަރާތުން މުއައްސަސާއިން ޖަވާބުދާރީ ވާނެ ކަމަށެވެ.