އޮލީވިއާ ޖީރޫޑާއި އަންދްރޭ ޕިއޭރާ ޖެހި ލަނޑުތަކުން ޖަރުމަނު އަތުން ފްރާންސް ރޭ 2-0އިން މޮޅުވި މެޗަށް ފަހު ދަނޑުން ނުނުކުމެވި ސަޕޯޓަރުން ދަނޑުގައި މަޑުކުރަން ޖެހިއްޖެ އެވެ.
މިކަން މިގޮތަށް ހިނގީ ވެރިރަށް ޕެރިހުގެ އެކި ހިސާބުތަކުގައި ބޮންގޮއްވައި 100 އަށް ވުރެ ގިނަ މީހުން މަރުވި ހާދިސާގައި މެޗު ކުޅުނު ސްޓޭޑިއަމާ ގާތުގައި ވެސް ބޮމެއް ގޮއްވާލައި ތިން މީހުން މަރުވުމުންނެވެ. މެޗަށްފަހު ސަޕޯޓަރުންގެ ގިނަ ބަޔަކު ތިބީ ދަނޑުމަތީގައި ތިބިއިރު އެމީހުން ދަނޑުން ނުކުތީ ފުލުހުން ސަލާމަތީގޮތުން ޔަގީންކަން ދިނުމުންނެވެ.
މެޗު ބައްލަވަން ފްރާންސްގެ ރައީސް ފްރާންސިސް ހޮލާންޑޭ ވަޑައިގެންނެވި ނަމަވެސް އޭނާ މެޗުގެ ވަކި ހިސާބަކުން ސްޓޭޑިއަމް ދޫކުރައްވައި ވަޑައިގެން ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ފްރާންސްގެ ބޯޑަރުތައް ބަންދުކޮށްފަ އެވެ. ޕެރިހުގައި ބޮންގޮއްވި ހަބަރު ލިބިވަޑައިގަތުމުން ޓީވީން މަންޒަރުތައް ބައްލަވައި ގައުމުގެ ހާލަތު ދެނެވަޑައިގަތުމަށް ރައީސް އެންމެ ފުރަތަމަ ވަޑައިގެންނެވީ ދަނޑުގައި ހުރި ޓީވީ ކޮންޓްރޯލް ރޫމަށެވެ.
ބޮމުގެ ހާދިސާއާ ގުޅިގެން ފްރާންސާއި އިނގިރޭސިވިލާތް އަންނަ އަންގާރަ ދުވަހު ކުޅެން ހަމަޖެހިފައިވާ މެޗު ނުކުޅޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ފްރާންސްގައި ނުރައްކާތެރި ޓެރަރިސްޓް ހަމަތާކެއް މި އަހަރުގެ ތެރޭގައި ދެ ވަނަ ފަހަރަށް ދީފައިވާއިރު އެ ގައުމަކީ އަންނަ އަހަރު ޔޫރަޕުގެ ގައުމުތަކުގެ ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔޫރޯ ބާއްވަން ހަމަޖައްސާފައިވާ ގައުމެވެ.