ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ހާއްސަ ގެކޮޅެއް ހަމަޖެއްސުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލް ބަލައިގަނެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފި އެވެ.
މަޖިލީހުގެ ރައީސް އަށް ވެސް ރަސްމީ ގެކޮޅު ހަމަޖައްސަން ސަރުކާރުން ނިންމީ މި މަހުގެ ހަވަނަ ދުވަހުގެ ރޭ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ރައީސް ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެންގެވުމާ ގުޅިގެންނެވެ.
ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ހުށަހެޅުއްވި ބިލްގެ އިބްތިދާއީ ބަހުސް ނިންމައި އެ ބިލް ބަލައިގަތުމާ ގުޅޭގޮތުން މިއަދު މަޖިލީހުގައި ވަނީ ވޯޓަށް އަހާފަ އެވެ. އެ ބިލު ބަލައިގަންނަން ފެންނަ ކަމަށް 51 މެމްބަރަކު ވޯޓު ދެއްވި އިރު ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.
ނިހާދު ހުށަހެޅުއްވި ބިލްގައިވާ ގޮތުން މަޖިލީހުގެ ރައީސާއި އާއިލާ ދިރިއުޅޭނެ ރަސްމީ ގެކޮޅެއް ހަމަޖައްސައި އެމްއެންޑީއެފް އިން ސެކިއުރިޓީ ހަމަޖައްސައިދޭން ޖެހެ އެވެ. އަދި އެގެއަށް ބޭނުންވާ އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި އެގެއަށް ހިނގާނެ ހަރަދު ދައުލަތުން ހަމަޖައްސައިދޭން ޖެހޭނެ އެވެ.
މަޖިލީހުގެ ރައީސް ދިރިއުޅުއްވާ ގެއަށް ބޭނުންވާ މުވައްޒަފުން ހަމަޖައްސައިދޭން ޖެހޭނީ މަޖިލީހުގެ އިދާރާ އިން ކަމަށް ބިލްގައިވެ އެވެ.
މަޖިލީހުގެ ރައީސްއަށް ގެކޮޅު ހަމަޖައްސަން ހުށަހެޅިއިރު އުއްތަމަ ފަނޑިޔާރަށް ވެސް ހާއްސަ ގެކޮޅެއް ހަމަޖައްސަން ބިލެއް ވަނީ ހުށަހަޅާފަ އެވެ. އެ ބިލްގެ ބަހުސް ވެސް މިހާރު ވަނީ ފަށާފަ އެވެ.