ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާ ގުޅިގެން މާދަމާ ބާއްވާ ޝަރީއަތުގެ އަޑުއެހުމުގައި ބައިވެރިވެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އަލީ ވަހީދު އެދިވަޑައިގެންފި އެވެ.
މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި އަލީ ވަހީދު، ވީޑިއޯ ކޯލެއް މެދުވެރިކޮށް ޝަރީއަތުގައި ބައިވެރިވުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދިވަޑައިގެން ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށް އެނގިފައިވެ އެވެ. އެކަމަކު ކްރިމިނަލް ކޯޓުން މިމައްސަލާގައި އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ވީޑިއޯ ކޯލެއް މެދުވެރިކޮށް އަލީ ވަހީދު ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވުމަށް ހުށަހަޅުއްވާފައި ވީނަމަވެސް އެއީ ކްރިމިނަލް ކޯޓުން އަމަލުކުރާ އާންމު އުސޫލެއް ނޫނެވެ.
އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވި މައްސަލައާއި ގުޅިގެން ސުޕްރީމް ކޯޓާއި ހައިކޯޓުގެ ނިންމުމެއްގައި ދައުވާ ލިބޭ މީހާގެ ޣައިރު ހާޒިރުގައި ޖިނާއީ މައްސަލަތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
އޭނާގެ މައްޗަށް ޖިންސީ ގޯނާގެ ބޮޑެތި ދައުވާތަކެއް އުފުލާފައި ވަނިކޮށް ބޭސް ފަރުވާއަށް ރާއްޖޭން ވަޑައިގަތުމަށް ދިން ހަތަރު މަހުގެ މުއްދަތު ވެސް މިއަދަށް ހަމަވާނެ އެވެ.
މާދަމާ ބާއްވާ އަޑުއެހުމަކީ އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ބާއްވާ އަޑުއެހުމަކަށްވީ ނަމަވެސް މަތީ ކޯޓުތަކުގެ ނިންމުންތައް ހުރި ގޮތުން މާދަމާގެ އަޑުއެހުމުގައި ކުރިއަށް ގެންދާނީ އަލީ ވަހީދުގެ މައްސަލައާއި ގުޅިގެން ޕީޖީ އޮފީހުން އެދިފައިވާ ބައެއް ކަންކަމުގައި ގޮތް ނިންމުން ކަމަށް ބެލެވޭ ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލަކު ކުރިން ވިދާޅުވެފައިވެ އެވެ.
އަލީ ވަހީދަށް ދައުވާކޮށް އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޕާސްޕޯޓް ދޫކުރަން ކޯޓުން އަމުރުކުރުމުން ބޭސް ފަރުވާއަށް ކަމަށް ވިދާޅުވެ އަލީ ވަހީދު ވަނީ ތުރުކީ އަށް ވަޑައިގެންފަ އެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާ ފުރަން މަނާކުރަން ކްރިމިނަލް ކޯޓުން ކުރިން ނެރެފައި އޮތް އަމުރެއް ފަހުން އެ ކޯޓުން ބާތިލުކުރީ އޭނާގެ ސިއްހީ ހާލަތާއި ގުޅޭގޮތުން ހުށަހެޅުއްވި ލިޔުންތަކެއްގެ މައްޗަށް ބިނާ ކޮށްފަ އެވެ.
އެ އަމުރުގައި ބުނެފައިވަނީ އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހޭކަން ކަށަވަރު ކުރުމުގެ ގޮތުން ޑރ. ޔޫސުފް ޝާން ކޯޓަށް ހާޒިރުުކޮށް އޭނާގެ ވާހަކަތައް އަޑު އަހާފައިވާ ކަަމަށެވެ. އަދި އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ދައުލަތުން އިއުތިރާޒު ކޮށްފައި ނުވާ ކަމަށްވެސް އަމުރުގައިވެ އެވެ.
އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްފަހު އެނބުރި ވަޑައިނުގެންފާނެތީވެ އޭނާ ފުރަން ކޯޓުން ހުއްދަ ދިނީ އަލީ ވަހީދަށް ޖާމިނުވާނެ ފަރާތެއްގެ ނަން ކޯޓަށް ހުށަހެޅުމުން އެއްބަސްވުމެއް ހެދުމަށްފަހު އެވެ. ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނެރުއްވި އަމުރުގައިވާ ގޮތުން އަލީ ވަހީދުގެ މައްސަލައަށް ޖާމިނުވެފައިވަނީ އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) އެވެ. ޖާމިނުވާ ފަރާތަކީ އަސްލު މައްސަލަ ރައްދުވާ ފަރާތް ޝަރީއަތަށް ހާޒިރު ނުވެ ފިލައިފިނަމަ އަދަބު ލިބޭނެ ފަރާތެކެވެ.
އެހެންވެ ދައުލަތުން ވަނީ އަލީ ވަހީދު ފިލާފައިވާ ކަމަށް ބަލައި ޖާމިނުވުމަށް ހަދާފައިވާ އެއްބަސްވުމާ އަސްއަދު ޚިލާފުވެފައިވާ ކަމަށް ފެންނާތީ އެކަމުގެ އަދަބެއްގެ ގޮތުގައި އަސްއަދުގެ މައްޗަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކަނޑައަޅައިދިނުމަށް އެދިފަ އެވެ.
މިކަމާ ގުޅޭ ދެ ސިޓީއެއް ދައުލަތް ތަމްސީލް ކުރާ ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވި ނަމަވެސް އެ ދެ ސިޓީ އަށް ކޯޓުން ޖަވާބު ދީފައި ނުވާ ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލް ވަނީ މައުލޫމާތު ދެއްވާފަ އެވެ. ނަމަވެސް އަލީ ވަހީދުގެ މައްސަލާގައި ޖޫން މަހުގެ 10 ވަނަ ދުވަހު އަޑުއެހުމެއް ބާއްވާނެ ކަމަށް އަންގާފައިވާތީ އެ ދުވަހުގެ އަޑުއެހުމުގައި ކޯޓުން އަސްއަދަށް ފިޔަވަޅު އެޅުމާ މެދު ގޮތެއް ނިންމާނެ ކަމަށް ދައުލަތުން ދެކެ އެވެ. ޖާމިނު އެއްބަސްވުމާއި އަސްއަދު ހިލާފުވުމަކީ ކޯޓްގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށްވެސް ދައުލަތުން ގަބޫލުކުރެ އެވެ.
އަލީ ވަހީދަށް އުފުލާފައިވާ ދައުވާތައް
ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ
ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ
ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ކުށުގެ ދައުވާ
ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ
ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ
ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ
އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ބާތިލުކުރި މައްސަލައާ ގުޅިގެން އެ އަމުރު ނެރުއްވި ކްރިމިނަލް ކޯޓްގެ ގާޒީ ހަސަން ސައީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިހާރު ދަނީ ބަލަމުންނެވެ.