ރާ އްޖޭގެ އަގު ބޮޑު ރަށެއް 500 މިލިއަން ޑޮލަރަށް ވުރެ މަތިން ވިއްކާލި ވާހަކަ މީގެ ހަތް އަހަރު ކުރިން އިވުނެވެ. ނ. އަތޮޅުގައި މިހާރު ވެސް ހިންގާ މަތީ ފަންތީގެ އެ ރިސޯޓު ގަތް މެދުއިރުމަތީގެ ބިލިއަނުގެ ނަޒަރުގައި ރާއްޖެ ރަަށް ތަކަކީ މެދުއިރުމަތީގެ ތެލުގެ މުއްސަނދިކަން ހުރި ގައުމުތަކުގައި ހުންނަ ފަދަ "ތެޔޮވަޅު" ތަކެކެވެ. މީގެ ކުރިން ދުނިޔޭގެ ވިޔަފާރީގައި "ޕެޝަން" ހުރި މީހުން ދުށީ ވެސް މިގޮތަށެވެ. އެކަމަކު އެ މަންޒަރު ކުއްލި ގޮތަކަށް ބަދަލު ވެއްޖެ އެވެ. ރީތި ޖަޒީރާ މުތީތަކުގެ މައްޗަށްވާ އަދި ދިވެހިން ހަރުމުދާގެ ގޮތުގައި ބަލާ ރަށްތައް ނުއަގުގައި ވިއްކާ ކަމާއި އެ މަންޒަރު ދުނިޔެއަށް ފެންނަން ފަށައިފި އެވެ. މިހާރު ރާއްޖޭގެ ރަށްތަތައް ވިއްކަނީ "ބޮޑު ސޭލް" އަޅުވައިގެނެވެ. ރާއްޖޭގެ އެންމެ އަގު ބޮޑު ހަޒާނާ މި ފެންނަނީ އަގެއް ނެތް އެއްޗެއްގެ ގޮތުގައި ވެފައިވާ ތަނެވެ.
ކޮވިޑް-19 އިގެ މި ހާލަތުގައި ހަމަ ކޮންމެ ގޮތެއް ހަދައިގެން ވެސް މި ރަށްތައް ވިއްކަން އަގު ހެޔޮކޮށް އިއުލާނު ކުރުމަށް ވުރެ ބޮޑު ގޯހަކީ ކޮބައި ތޯ އެއީ ވިޔަފާރީގެ ތަޖުރިބާކާރުންގެ ސުވާލެކެވެ ރާއްޖޭގެ ރަށްތައް ނަގާނެ ބަޔަކު ނުވެ ދިވެހި ސަރުކާރުން ގޮތް ހުސްވަނީ ހެއްޔެވެ؟ ރާއްޖޭގެ ބިންތައް ނުއަގުގައި ދިނުމުން ބޭނުމަކީ ކޮބައި ހެއްޔެވެ؟ މި ދަރަޖައަށް ރަށްތަކުގެ އަގު ވައްޓާލަން ޖެހެނީ ކީއްވެގެން ވެގެން ހެއްޔެވެ؟
"ރަށެއް އެ ވިއްކާލަނީ ދެ ލައްކަ ޑޮލަރަށް. މިއަށް ވުރެ ބޮޑު ކޮރަޕްޝަނެއް ކޮބައިތޯ؟،" ކުރިީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު ރައްޔިތުންގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވި އެވެ. އޭނާ މިކަން ސިފަ ކުރައްވަނީ ބޮޑުވެގެންވާ ހިޔާނާތެއްގެ ގޮތުގަ އެވެ.
މި ސަރުކާރުން ފުރަތަމަ ފަހަރަށް ރިސޯޓު ހަދަން ހަދަން ރަށްތަކެއް ދޫކުރަން އުޅޭ ވާހަކަ ފެތުރުމާއެކު ދުނިޔޭގެ އިންވެސްޓްމަންޓް ކޮމިއުނީޓ "އެކްޓިވްވި" ތަން ފެނުނެވެ. ސަރުކާރުން 29 އަކަށް ރަށް ދޫކުރާ ވާހަކަ ބުނުމުން އެކަންވީ "އެކްސައިޓިން" ހަބަރަކަށެވެ.
ސަބަބަކީ ރާއްޖޭގައި ރިސޯޓެއް ހަދަން ރާއްޖެއިން ރަށެއް ލިބުމަކީ މީގެ ކުރިން ރަނގަޅު އަދި ފުރިހަމަ އިންވެސްޓްމަންޓެއްގެ ގޮތުގައި އޮތް އޮތުމެވެ. މިފަދަ ރަށަކަށް ކުރާ އިންވެސްޓްމަންޓުގެ ރިޓާން މިހާތަނަށް އައިއިރު ހަތް އަހަރާއި 10 އަހަރުން ކަވަރުވެ އެވެ. ނަމަވެސް ރިސޯޓު ހަދަން ރަށް ދޫކުރުން ވެސް ގެންދިޔައީ އިންވެސްޓް ކުރަން ތިބި ބަޔަކު ޝައުގުވެރި ކުރުމުގެ ބަދަލުގައި އެކަން ނުކުރާނެހާ ގޮތް ގޮތަށެވެ. އަދި އެކަން ނުވެ ލަސް ކުރަމުން އަދި މުޅި ޕްރޮސެސް ބޮޑުނަގުލަށް ދަނިކޮށް ކޮވިޑް-19 އިގެ ބަލާއާފަތް ދުނިޔެއަށް "ފާވެ" އިންވެސްޓަރުން ހޮރު ހޮރަށް ވަދެ "ފިލީ" އެވެ.
ރަށްތަކަށް ޝައުގުވެރި ނުވީ ކީއްވެ؟
ރާއްޖެއިން އިންވެސްޓްމަންޓަށް ރަަށްތައް ދޫކުރަން މި ސަރުކާރުން ފުރަތަމަ ދޫކުރީ ހަތަރު ރަށެވެ. އެ ހަތަރު ރަށް ދޫކުރިއިރު ވެސް ދޫކޮށްފައި ވަނީ ރަށަށް އިންވެސްޓަރުންގެ އެއްވެސް ޝައުގުވެރި ކަމެއް ނުހުންނާނެ ގޮތަށެވެ. އެއްވެސް "ދިލްޗަސްބެ" އް ނެތް ގޮތަށް ނަމެއްގައި ކަމެއް ކޮށްލާ ގޮތަށް ގެޒެޓުގައި ޖަހާލައި ހަމައެކަނި އިއުލާނެއް ކޮށްލީ އެވެ. ރަށްރައް ނެރޭނީ ވަރަށް ދިރާސާކޮށްފައި ކަމަށް ބުނި ނަމަވެސް ކުރި ދިރާސާގެ ފެންވަރު އެނގުނީ މާފަހުންނެވެ. އަދި އޭގެ ނަތީޖާއަކަށްވީ އެ ހަތަރު ރަށަށް އެންމެ މީހަކު ކުރިމަތިލުމެވެ. އެ ރަށްތަކަށް ޝައުގުވެރިކަން މަތިކުރަން އެއްވެސް ކަމެއް ސަރުކާރުން ކޮށްފައެއް ނުވެއެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިންވެސްޓްކޮށްފައިވާ ވިޔަފާރިވެރިއަކު ވިދާޅުވި ގޮތުގައި ރަށްތަކުގައި "ބޮޑު ސޭލު" އަޅުވަން ޖެހުނީ މި ސަރުކާރަށް އެކަން ކުރަން ނޭނގޭތީ އެވެ.
"ރަށްތައް ދޫކުރުމާ ހަމައަށް އައިއިރު ވެސް އިންވެސްޓަރުން މިތިބީ ފޫހިވެފައި. މުޅި ސިސްޓަމް އެއްކޮށް ސްލޯވެފަ މިއޮތީ. ކުރިން ވެސް ރާއްޖޭގައި އޮތީ ފާސްޓް ސިސްޓަމެއް ނޫން. އެކަމަކު އެ ލަސް ކަމަށް މި ސަރުކާރާއެކު އިތުރު ލަސް ކަމެއް އައީމަ ދެން ވާނެ ގޮތް ވިސްނާ. ސިޓީއެއް ލައިގެން އެ އަށް ޖަވާބު ނުލިބިގެން ވެސް ހަ މަސް އެބަދޭ. ސިޓީތައް އެ ހުރީ މިނިސްޓަރުންގެ މޭޒު މަތީގައި. ޑިސިޝަން ނަގާކަށް ނޫޅޭ. ދެން ކިހިނެއް މިތާގެ މީހަކު [އިންވެސްޓް] ކުރާނީ؟" ފުޅާކޮށް އިންވެސްޓް ކޮށްފައިވާ ބޭފުޅާ ނަން ނުޖެހުމަށް އެދިވަޑައިގެން ވިދާޅުވި އެވެ.
ރާއްޖޭގެ މުޅި އިންވެސްޓްމަންޓުގެ މޫސުން މިގޮތަށް ކުރިއަށް ލަފާ ކުރާއިރު ރާއްޖޭގެ މާލީ ހިސާބުތައް ވެސް ފެންނަމުން ދިޔައީ މުޅިން ގޯސްކޮށެވެ. ރާއްޖޭގެ ހިސާބު ފެންނަ "ބުކްސް" އެއްގޮތަކަށް ވެސް ރަނގަޅެއް ނޫނެވެ. ބައިނަލްއަގުވާމީ ކްރެޑިޓް އެޖެންސީތަކުގެ ރޭޓިންތައް ނެގެޓިވެ ރާއްޖެ "ތިންސީ" އަށް ލައި ރާއްޖޭގެ ދަރަނި މަތިވެ އިންވެސްޓަރުން ދެކޭ ގޮތް ވެސް އޮތީ ރާއްޖެއާމެދު އިންތިހާއަށް ބަދަލުވެފަ އެވެ.
މިގޮތަށް ރާއްޖޭގެ ހާލަތު އޮއްވައި ރިސޯޓު ހަދަން ސަރުކާރުން އަނެއްކާ ވެސް އިތުރު 16 ރަށް މާކެޓަށް ނެރުނެވެ. އަދި އެވަރުން ނުވެގެން އެ ރަށްތަކުގެ އަގުތައް ބާޒާރުގައި 30 ޕަސެންޓަށް ވައްޓާލީ އެވެ.
އަގު ވައްޓާލި ސަބަބެއް ކަމަށް ބުނެ ޓޫރިޒަމް މިނިސްޓްރީން ވާހަކައެއް ކިޔައި ދެ އެވެ. މައިގަނޑު ވާހަކައަކީ އިންވެސްޓަރުންނަށް އިތުރު ވަގުތު ދިނުމެވެ. ކޮވިޑާއެކު އުފެދިފައި އޮތް މި ހާލަތަށް ބެލުމަށް ފަހު އެވެ. އެ މީހުންނަށް ދަތުރު ކުރުމުގައި ދަތިތަކެއް އޮތީ އެވެ.
އެެހެން ނަމަވެސް މިއީ ބޮޑު ހެއްވާ ޖޯކަކަށް ވާނެ އެވެ. ކޮވިޑަށްފަހު މުޅި ދުނިޔޭގެ އެންމެން މަސައްކަތް މި ކުރަނީ އޮންލައިންގަ އެވެ. "ވޯކް ފްރޮމް ހޯމް" ގަ އެވެ. ކޮންމެ އެއްޗެއް ބަލައިލަނީ ގޭގައި އިނދެ ވީޑިއޯއަކުންނެވެ. ވާހަކަ ދާއްކަނީ ޗެޓުންނާއި ޒޫމުންނެވެ. އެހެންވީއިރު މި އުޅެނީ ކޮން ބަޔަކު ރާއްޖެ ނުގެނެވިގެންތޯ މިއީ ސުލާލެކެވެ. މި ސުވާލަށް ޓޫރިޒަމާއި އެތާނގެ މިނިސްޓަރަކަށް ޖަވާބެއް ނުދެވެ އެވެ. މުޅީން ދައްކަނީ ދެއުޅި ދިމާ ނުވާ ހުސް ވާހަކަ އެވެ.
ރާއްޖެ ނުގެނެވިގެން އުޅެނީ ކޮން ގައުމެއްގެ އިންވެސްޓަރުން ތަކެއް ހެއްޔެވެ؟ މި އުޅެނީ ކޮން ގައުމަކުން ރާއްޖެއަށް މީހުން އައުން ބަންދު ވެގެން އިންވެސްޓަރުންނަށް ދަތިތަކާ ކުރިމަތިވެގެން ހެއްޔެވެ؟ އެއެއް ސާފެއް ނުވެ އެވެ.
ރަށް ނެރެ އަގު ވައްޓާލުން - ކޮރަޕްޝަނަށް މަގެއް!
ރަށެއްގައި ރިސޯޓު ހަދަން މާކެޓަށް ނެރެ އެ ރަށުގެ އަގު "ކަކުލާ ހަމަ އަށް" ތިރި ކޮށްލުމަކީ ކިހާ ބޮޑު ގޯހެއްކަން، ވަރަށް ގިނަ ފަހަރު ދެއްކެވޭ ވާހަކައިގެ ސަބަބުން ފާޑުކިޔުންތައް އަމާޒުވާ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް އެނގިވަޑައި ނުގަންނަވަނީ ހެއްޔެވެ؟ އެކަން އެގޮތަށް ކުރަން އިކޮނޮމިކް ކައުންސިލުން ލަފައެއް ދިން ހެއްޔެވެ؟
އެކަން ކުރީ އިކޮނޮމިކް ކައުންސިލުގެ ލަފާގެ މަތިންނަމަ މިއީ ކޮން ދިރާސާއެއްގެ މައްޗަށް ކުރިކަމެއްތޯ ވެސް ބަލަންޖެހެ އެވެ. ދުނިޔޭގައި ކޮވިޑް އުޅޭކަން އެނގުނީ ރަށްރަށް ރިސޯޓު ހަދަން ނެރުނު ފަހަކުން ނޫނެވެ. އަނެއްކޮޅުން ދުނިޔޭގައި އިންވެސްޓަރުންގެ މޫވްމެންޓް ހުރި ގޮތް ސަރުކާރުން ބެލިހެނެއް ވެއް ހީއެއް ނުވެއެވެ. މުޅީން އުޅުނީ އިންޑިއާގެ ހަފޮޅުގެ ތެރޭގަ އެވެ.
އެއްޗެއް ބާޒާރަށް ނެރެ އެ ގަންނަން ބޭނުންވާ މީހުން ފިހާރާއިގެ ތެރޭގައި ތިއްބައި ހަރުތަކުގައި ހުރި އެ މުދަލުގެ އަގު ވައްޓާލުމުން އެނގޭނެ އެއް ކަމަކީ އެއުޅެނީ އެ މުދާ ނުވިކި، ދެން ހަދާނެ ގޮތް ހުސްވެގެން ކަމެވެ. އަނެއް ގޮތަކީ އެ މުދާ އެކްސްޕަޔާވާން ކައިރިވުމުން އަވަހަށް ހުސް ކޮށްލަން ބޭނުންވަނީ އެވެ. މިއީ މާމޮޅު ތަޖުރިބާކާރަކު ވިދާޅުވެ ދެއްވަންޖެހޭ ވާހަކައެއް ހެއްޔެވެ؟
މިގޮތަށް ސޭލް އެޅުވުމުގެ ބަދަލުގައި ބަދަލުގައި ހާލަތު ގޯސްނަމަ ރިސޯޓް ހަދަން ދޫކުރާ ރަށްތައް ފަދަ ބޮޑެތި ހަރުމުދާ އިއުލާނު ކުރުން މަޑު ޖައްސާލުން ވެސް ގައުމެއްގެ ފެންވަރުން ބަލާއިރު މަންޒަރު މާ ރީތި ވާނެ އެވެ. މިގޮތަށް ރަށުގެ އަގު ވައްޓާލުމުން ވަކި ބަޔަކަށް ރަށްތައް ދޭން މަސައްކަތް ކުރާކަމުގެ ތުހުމަތު ވެސް ސަރުކާރު ބޮލުގައި އެޅިގެން ދާނެ އެވެ. ރާއްޖޭގެ މުޅި ބޮޑު މަންޒަރުން ޔަގީންވާ އެއް ހަގީގަތަކީ ވެސް މިއީ އެވެ. ރީތިކޮށް ބޮޑު ކޮރަޕްޝަނަކާ ދިމާލަށް މިކަން ގެން ދަނީ އެވެ. މިކަން ވެސް ކުރިން އެމްއެމްޕީއާރުސީން ރަށް ދޫކުރިއިރު ދިމާވިފަދަ ބޮޑު ކަންތައް ގަނޑަކަށް ވެދާނެ އެވެ.
އެހެން ބިންތަކުގެ އަގު ވެސް ވައްޓާލަނީ!
ރާއްޖޭގެ ބޮޑު ކުންފުންޏެއްގެ އިސް މަގާމެއް ފުރުއްވުމަށް ފަހު މިހާރު ބޭރުގެ ކުންފުނިތަކަށް ފައިނޭޝަން ލަފާ ދެއްވާ ފައިނޭންޝަލް އެކްސްޕާޓަކު ނަން އެއް ފަރާތްކޮށްލާން އެދިވަޑައިގެން ވިދާޅުވި ގޮތުގައި ސަރުކާރުން ހަމައެކަނި އަގު ވައްޓާލައިގެން އުޅެނީ ރިސޯޓު ހަދަން ދޫކޮށްލާފައިވާ ރަށްތައް އެކަންޏެއް ނޫނެވެ. މާލޭގައި ފްލެޓް އަޅަން ސަރުކާރުން ބުނި ބިންތަކުގެ އަގު ވެސް ވައްޓާލައި އެ ތަންތަން ވެސް ދެނީ މުޅީންހެން "ހިލެ" އެވެ.
"އިންޑިއާ ދެ ކުންފުންޏަކުން އައި އަޅުގަނޑު ކައިރި އަށް ފައިނޭންޝަލް އެކްސްޕަޓީސް ހޯދަން. މިހާރު މި ބިންތައް ވެސް މި ދެނީ އާއްމު މީހާ ގޯތި ނުހެދިގެން ގެ ހަދަން އުޅޭ އުސޫލުން. ސަރުކާރުން މި ބުނަނީ އަތުގަ އެބައޮތޭ ގޯއްޗެއް. މިތަނުގައި ދިހަ ބުރިއަށް ގެ އަޅާފައި ދެ ފްލޯ ދޭށޭ ސަރުކާރަށް. މި އުސޫލުން ސަރުކާރުން ބޮޑެތި ބިންތައް މި ދެނީ. ހެޔޮ ނުވާނެ ގައުމަކަށް މިހެން ހަދާކަށް! މިއީ ދިވެހިންގެ އަގު ބޮޑެތި ޕްރޮޕަޓީތައް،" އޭނާ ވިދާޅުވި އެވެ.
އިންޑިއާ ދެ ކުންފުންޏަކުން އައި އަޅުގަނޑު ކައިރި އަށް ފައިނޭންޝަލް އެކްސްޕަޓީސް ހޯދަން. މިހާރު މި ބިންތައް ވެސް މި ދެނީ އާއްމު މީހާ ގޯތި ނުހެދިގެން ގެ ހަދަން އުޅޭ އުސޫލުން. ސަރުކާރުން މި ބުނަނީ އަތުގަ އެބައޮތޭ ގޯއްޗެއް. މިތަނުގައި ދިހަ ބުރިއަށް ގެ އަޅާފައި ދެ ފްލޯ ދޭށޭ ސަރުކާރަށް. މި އުސޫލުން ސަރުކާރުން ބޮޑެތި ބިންތައް މި ދެނީ. ހެޔޮ ނުވާނެ ގައުމަކަށް މިހެން ހަދާކަށް! މިއީ ދިވެހިންގެ އަގު ބޮޑެތި ޕްރޮޕަޓީތައް،ފައިނޭންސިއަލް އެކްސްޕާޓެއް
ރާއްޖޭގެ ހަރުމުދަލުގައި "ހުސްކުރާ ސޭލް" އަޅުވާފައިވާއިރު، ދުނިޔޭގެ އިންވެސްޓްމަންޓް ކްލައިމެޓް އޮތްގޮތަށް ބަލައިލުން ވެސް ރަނގަޅެވެ. ރާއްޖެ ރަށްތަކުގައި "ހަގީގީ ބޮޑު ސޭލު" އަޅުވަން ޖެހޭ ހާލަތަށް ކަންތައް ދިއުމުގައި ސަބަބެއް ވެސް އޮންނާނެ އެވެ.
އިންވެސްޓްމަންޓް ނުލިބޭތީ ގޮތް ހުސްވީތަ؟
ރާއްޖޭގައި މިހާރު ވެސް ނުހެދި 85 ރަށެއް އެބައޮތެވެ. އެހެންވެ މި ވަގުތަކީ އިންވެސްޓަރުން ނުގެވޭނެ ކަމަށް ބެލެވޭ ދުވަސް ވަރެއް ނަމަ މި ރަށްތައް ހެދޭނެ ގޮތެއް ހޯދައި ދިނުން މާ މުހިންމު ވާނެ އެވެ. ބައެއް ރަށްތައް ހުރީ ކޮންމެވެސް ޕަސެންޓެއް ހަދައި މަސައްކަތް ހުއްޓިފަ އެވެ. އެހެންވެ އެ ރަށްތައް ހެދިއްޖެނަމަ ދައުލަތަށް ދެ އަހަރުތެރޭ ޔަގީނުން ވެސް ޓެކްސް ލިބެން ފަށާނެ އެވެ. ހަމައެކަނި ޓޫރިޒަމް ގާނޫނަށް ބަދަލުތަކެއް ގެނެސް "އެއްފަޅި ވިއްކާލައިގެން" ރަށް ހުޅުވާށޭ ބުނުމުގެ ބަދަލުގައި "ތަޅެއް އެޅުވިފައި" ތިބި މީހުނަށް ފައިސާ ލިބޭނެ ގޮތެއް ފަހި ކޮށްދިނުން ސަރުކާރަށް މާ ބުއްދިވެރި އެވެ. ބަޖެޓަށް 130 މިލިއަން ރުފިޔާ ލިބެން އޮތް ކަމަކުން 30 ޕަސެންޓުގެ ޑިސްކައުންޓެއް އެޅުވުމުގެ މާނައެއް ނެތެވެ. މި ގޮތަށް ރަށްތަކުގައި ބޮޑުސޭލް ނާޅުވައި އެހެން ކޮންމެވެސް ގޮތަކުން މި ފައިސާ ހޯދުން ވެސް މާ ތާހިރުވާނެ އެވެ.
މި ދުވަސްވަރު 30 ޕަސެންޓުގެ ޑިސްކައުންޓަކާއެކު "ބޮޑު ސޭލް" ގައި ރަށް ވިއްކާއިރު، ރާއްޖެ އަންނަ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ތައް މަދު ނުވާކަމަށް ސަރުކާރުން މިހާތަނަށް އައީ ބުނަމުންނެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ގިނަ ޕްރޮޕަޓީތައް ވިއްކާ ކޮންސަލްޓަންސީ ފާމް ސިންގަޕޫރުގެ ޖޭއެލްއެލް ހޮޓެލްސް އެންޑް ހޮސްޕިޓަލިޓީ އިން ވެސް ބުނެފައި ވަނީ މި އަހަރުތެރޭގައި އޭޝިއާގެ އިންވެސްޓްމަންޓްތަކަށް ފުރުސަތު އޮންނާނެ އެވެ. އެހެންވީއިރު ހަރުމުދާ ނުއަގުގައި ވިއްކުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ސަރުކާރުން ގޮތް ހުސްވީ ހެއްޔެވެ؟ ނޫނީ ވަގުތުގެ ފައިދާ ނަގައި ވަކި ބަޔަކަށް ރަށްތަކެއް ދޭން ބޭނުންވަނީ ހެއްޔެވެ؟ ރައްޔިތުން ބޭނުންވަނީ މިއަށް ޖަވާބެވެ. އެ ކަމަކު މައުސޫމު ލައްވައި ޖަވާބެއް ނުދެއްޗެވެ. އޭނާ ދައްކާ ވާހަކަ ހަމައެއް ނުޖެހެ އެވެ.