ރިސޯޓް

އާ ރަށްތައް ނެރެނީ ކިހާވަރަށް ވިސްނާފައި؟

ރިސޯޓް ހަދަން ރަށް ދޫނުކުރާ ސަރުކާރެއް ނާދެ އެވެ. ކޮންމެ ސަރުކާރެއްގެ ވެސް ކުރީކޮޅު އެންމެ އަވަހަށް ކުރާ ކަމަކީ ރިސޯޓު ހަދަން ރަށް ދޫކުރުމެވެ. ފަޅު ރަށެއް އޮތީއްޔާ ދޫކުރުމެވެ. ބޭނުމަކީ ބަޖެޓަށް ފައިސާ ހޯދުމެވެ. ރަށް ދޫކުރުން ސަރުކާރަށް ލިބޭ މާލީ މަންފާ ހޯދުމެވެ. ރިސޯޓު ހަދަން ރަށް ދޫކުރުމުގައި ނިމިދިޔަ ސަރުކާރު އޮތީ އެހެން މީހުންނަށް ވުރެ ކުރީގަ އެވެ.

އެ ސަރުކާރުގެ ފަސް އަހަރު ނިމުނިއިރު 140 ރަށް ތަރައްގީ ކުރަންވަނީ ދޫކޮށްފަ އެވެ. އެހެންވެ މި ސަރުކާރުން ވެރިކަމަށް އައިސް އިތުރުރަށްތައް ދޫކުރުން މެދުކަނޑާލި އެވެ. ނަމަވެސް އަނެއްކާ ވެސް ސަރުކާރުން ވަނީ ރިސޯޓު ހަދަން ރަށް ދޫކުރަން ފަށަން ނިންމާފަ އެވެ. މިފަހަރު ރިސޯޓު ހަދަން ރަށް ދޫކުރަނީ ކިހާ ވަރަކަށް އެކަން ބެލުމަށްފަހުގައި ހެއްޔެވެ؟

"މިހާރު އަޅުގަނޑުމެންގެ މެނިފެސްޓޯ އާއި ރާއްޖޭގެ ޓޫރިޒަމް ދިރާސާކޮށް ގާތްގަނޑަކަށް ނިންމާލެވިއްޖެ. އެހެންވެ އޯޕަން ބިޑިން އަށް ރަށްތައް ނެރެވޭނެ ކަމަށް މި ބެލެނީ ޖުލައި މަހުގެ ކުރިން. މިކަން ކުރަނީ ކަމާބެހޭ މިނިސްޓްރީތަކާ ސްޓޭކް ހޯލްޑަރުންނާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު،" ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.

މާލެ އަތޮޅަށް އެކަނި ބަލާނަމަ 26 ފަޅު ހިއްކަމުން ދެ އެވެ. މި ތަންތަން ނިމޭއިރު ހުންނާނީ ބޮޑެތި ރިސޯޓުތަކަށްވެފަ އެވެ. އަދި ފަޅުތައް ނުލައި ގިނަ ރަށްތަކެއް ވެސް ވަނީ ދޫކޮށްފަ އެވެ. ޓޫރިޒަމުން އެންމެ ފަހުން އާއްމުކުރި ހިސާބުތައް ދައްކާ ގޮތުގައި 54 ރަށެއްގެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. މި ރަށްތައް ނުނިމި އޮއްވައި އިތުރު ރަށްތަކެއް ދޫކުރުމަކީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟

ހުވަދު އަތޮޅާއި މާލެ އަތޮޅުގައި ބޭރުގެ އިންވެސްޓަރުންނާއެކު ރިސޯޓު ހިންގާ، ހޮޓެލް އެންޑް ރިސޯޓްސް ކޮންސްޓްކަޝަން (އެޗްއާރުސީ) ގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު ވިދާޅުވި ގޮތުގައި އަލަށް ރަށް ދޫކުރަން ވާނީ ވަރަށް ރަނގަޅަށް ދިރާސާ ކޮށްގެނެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ސަރުކާރުން އަލަށް ރިސޯޓު ހަދަން ރަށް ދޫކުރާނީ ވަރަަށް ވިސްނާފައި. ވަރަށް ރަނގަޅަށް ދިރާސާކޮށްފައި ނޫނީ އިތުރު ރަށްތަކެއް މާކެޓަށް މިވަގުތު ނެރުމަކީ އެންމެ ރަނގަޅު ކަމެއްތޯ ބަލަން ޖެހޭ. މީގައި ވިސްނަން ޖެހޭ ރަށްތައް ދޭއިރު އެންމެ ރަނގަޅު، އެ ރަށްތައް ހެދޭ މީހުންނާ ހަވާލު ކުރަން. އެހެންނޫނީ ދައުލަަތަށް އިތުރު ބުރައެއް ކުރިމަތިވާނެ،" ޖަނާހު ވިދާޅުވި އެވެ.

މި ފަހަރު ދެ ފުށް ފެންނާނެތަ؟

ސުވާލަކީ މި އެވެ. މިފަހަރު ރަށްތައް މާކެޓަށް ނެރެ ރަށް ދޫކުރަން ފަށާއިރު އެކަން ހިނގާނީ ކިހިނެއް ބާއެވެ؟ ރާއްޖޭގެ ރިސޯޓުތައް ކުރިން ދޫކޮށްފައިވާ ގޮތުން ގިނަ އިންވެސްޓަރުންގެ އިތުބާރު ވަނީ ގެއްލިފަ އެވެ. ރަށް ދޫކުރުމުގައި ކޮރަޕްޝަން އިންތިހާއަށް އޮތްއިރު އަލަށް ރަށް ދޫކުރާނަމަ ފުރަތަމަ ކުރަންޖެހޭ ކަމަކީ އޯޕަން ބިޑިން ޕްރޮސެސްއެއްގެ ދަށުން އެކަން ކުރުމެވެ. އަދި ރަށް ދޫކުރާނެ އުސޫލުތަކާއި މާކްސް ދެވޭނެ އުސޫލުތައް ވަރަށް ރަނގަޅަށް އެނގެން އޮންނަން ޖެހެ އެވެ.

ޓްރެވަލް ކުންފުންޏެއް ކަމަށްވާ ލެޓްސްގޯ ކުންފުނީގެ ވެރިޔާ މުހައްމަދު ރިޔާޒު ވިދާޅުވި ގޮތުގައި އެންމެ މުހިންމު ކަމަކީ ޓްރާންސްޕޭރެންސީ އެވެ.

"ނިމިދިޔަ ސަރުކާރުން މިކުރި ކަމަކީ އަމިއްލަ ޖީބަށް ބުރަ ކުރުން. އެހެންވެ އެގޮތަށް ނުހަދައި މިކަން ވަރަށް ޓްރާންސްޕޭރެންޓްކޮށް ކުރަން ވާނީ. އެހެން ނޫނީ ވާގޮތަކީ ބޭނުން މީހަކަށް ރަށްދީ ނުހެދި ހުރުމުން ވަޒީތަކެއް އެބަ ގެއްލިގެންދޭ. އަނެއްކޮޅުން ރަށް ނުހުޅުވުމުން ސަރުކާރަށް ލިބެން ޖެހޭ ޓެކްސް ތަކެއް ނުލިބޭ. ޓުއާ އޮޕަރޭޓަރުންނަށް ގެއްލުންވޭ،" ރިޔާޒު ވިދާޅުވި އެވެ.

ނުހެދި ހުރި ރަށްތަކަށް ހަދާނީ ކިހިނެއް؟

ރާއްޖޭގައި 140 ރިސޯޓެއް ހަދާއިރު، މިހާރު 53 ރަށެއް ނުހެދި އެބައޮތެވެ. މި ރަށްތަކަށް ހަދާނީ ކިހިނެއް ހެއްޔެވެ؟

މިދިއަ ހަތަރު ވަރަކަށް އަހަރުގެ ތެރޭގައި 700 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ރާއްޖެއަށް ގެނެސްދިން، ޖަނާހު ވިދާޅުވި ގޮތުގައި ނުހެދި ހުރި ރަށްތައް ހެދޭނެ ގޮތް ތަކެއް ވެސް ހޯދައިދޭން ޖެހޭނެ އެވެ.

"ހުވަދު އަތޮޅުގައި އަޅުގަނޑު އެކަނި މި ހިންގަނީ 2500 އެނދު. އެކަމަކު މި އަތޮޅުގައި އެބަހުރި 2000 އެނދުގެ އަދަދަށް ރަށް ދޫކޮށްފައި ނުހެދި. މައްސަލައަކީ ނުހެދޭ މީހުންނަށް ތަންތަން ނަގައިގެން އުޅުން. މިއީ ވިސްނަންޖެހޭ ކަމެއް ސަރުކާރުން،" ދުބާއީގެ "ބަނާނާ އައިލެންޑް" މަޝްރޫއު ހިންގި ޖަނާހު ވިދާޅުވި އެވެ.

ޓޫރިޒަމް ސިނާއަތުގައި ހަރަކާތެރިވާ އެހެން ވިޔަފާރިއަކު ވިދާޅުވި ގޮތުގައި މިހާރު ހުރި ރަށްތައް ހެދޭނެ ގޮތްތަކެއް ހޯދަން ޖެހެ އެވެ.

"ބޭރުގެ އެހެން ގައުމުތަކުގައި މި ފަދަ ކަންކަމުގައި ވަރަށް އެހީވާނެ ވިޔަފާރިވެރިންނާ. މިހާރު އެބަޖެހޭ ރާއްޖެ އަށް އިންވެސްޓްމަންޓް ބޭންކެއް. އެކަން ވެސް ސަރުކާރުން ކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ޓޫރިޒަމް ޕްރޮޕަޓީ ބެހިފައިވާ ގޮތަށް ބަލާއިރު އެންމެ ގިނަ ރަށްތައް ތަރައްގީ ކޮށްފައިވަނީ މާލެ އަތޮޅުގައެވެ. އެހެންވެ އަލަށް ރިސޯޓުތަކެއް މާކެޓަށް ނެރޭނަމަ ފުރަތަމަ އެންމެ އިސްކަމެއް ދޭން ޖެހޭނީ ޓޫރިޒަމް ނެތް ހިސާބުތަކަށް ޓޫރިޒަމް ގެންދިއުމަށެވެ.

ރިސޯޓު އަލަށް މާކެޓަށް ނެރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް މިހާރު ކުރަން ޖެހޭ ފުރަތަމަ ކަމަކީ މިކަން ދެ ފުއް ފެންނާނެ ގޮތަކަށް ކުރިއަށް ގެންދިއުމެވެ. ރިސޯޓުތައް މާކެޓަށް ނެރުމުގެ ކުރިން ދިރާސާ ކުރަން ޖެހެ އެވެ.