ރިޕޯޓް

35،000 ހަމަވާނީ ގޭގެ ބޮޑުއަށި ލައިގެން!

Nov 21, 2021
2

ޓޫރިޒަމް ސިނާއަތުން 35،000 އެނދު ނެރުމަކީ މި ސަރުކާރުގެ ވައުދެކެވެ. މި އަމާޒު ކާމިޔާބު ކުރަން 20 ރަށެއްގައި ރިސޯޓު ހަދަން ނިންމާފައި ވެއެވެ. ނަމަވެސް މީގެ ތެރެއިން ދެ ބުރެއްގެ މަތިން މިހާތަނަށް ބީލަމަށް ލާފައިވަ ނީ 18 ވަރަކަށް ރަށެވެ. އެންމެ ފުރަތަމަ ބީލަމަށް ރަށް ތަކެއް ލައިގެން "އެ ތަޅުވަ ތަޅުވައި" ވެސް އޭގައި ހިފާނެ އިންވެސްޓަރަކު ނުވި އެވެ. އޭގެ ނަތީޖާއަކީ ކޮންމެ ވެސް ގޮތެއް ހަމަޖައްސާލައިގެން އެއް ރަށް އެވޯޑު ކުރަން ޖެހުމެވެ. ފުރަތަމަ ނެރުނު ރަށްތަކަށް އިންވެސްޓަރުންގެ ފަރާތުން ފިނި ތަރުހީބެއް ލިބިގެން ދިޔައިރު އެވޯޑު ކުރުމާ ހަމައަށް ގެންދެވުނީ އެންމެ ރަށެކެވެ.

އެ ރަށް ވެސް ދޭން ޖެހުނީ "ސަރުކާރުގެ ސައިޑް" ގައި ހުރި ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމްގެ ފިރިކަލުން، މުހައްމަދު ނާޝިޒުގެ ހިއްސާ އޮންނަ ކުންފުންޏަކަށެވެ. އެ އަށް ފަހު ސަރުކާރުން ވަނީ ދުބާއީގައި ކުރި އަށްދިޔަ "ދުބާއީ އެކްސްޕޯޓް 2020" ގައި ވެސް އިތުރު ރަށްތަކެއް ނެރެފަ އެވެ. ބޭނުމަކީ ޓޫރިޒަމްގެ އެނދު އިތުރު ކުރުމުގެ ވައުދު ފުއްދުމާ ދިމާލަށް ގެންދިއުމެވެ.

މިހެން ކަންކަން އޮތުމުން ރައީސް ސޯލިހުގެ މި ދައުރު ނިމޭއިރު 35،000 އެނދު މާކެޓަށް ނެރެވޭނެ ކަމާމެދު ޝައްކެވެ. އެކަމަށް ގޮންޖެހުން އެބަހުއްޓެވެ.

މިހާރުގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އަވަސްގެ "ސުވާލަކަށް ފަހު ސުވާލެއް" ޕްރޮގްރާމުގައި ހުކުރު ދުވަހު \ވިދާޅުވެފައިވާ ގޮތުގައި ކުރިއަށް އޮތް ދެ އަހަރާއެކު 35،000 އެނދު ނެރޭނެ އެވެ.

"މިދިޔަ އޮގަސްޓް / ސެޕްޓެންބަރުގައި އެކަނި ވެސް 1000 އެނދު ނެރެވުނު ދެން އަޅުގަނޑުމެން ހޯމްސްޓޭ ތައާރަފު ކޮށްލުމާއެކު ރާއްޖެ މުއްސަދިކޮށްލާނެ. ފަތުރުވެރިކަމުން ދިވެހިން ހެއްވާލާނެ،" މައުސޫމް ވިދާޅުވި އެވެ.

ޓޫރިޒަމް އެނދު ނެރުމުގެ ވާހަކައާއެކު މުޅި އިންޑަސްޓްރީން އުފައްދާ ސުވާލަކީ ނުހެދި ހުއްޓިފައި ހުރި ރަށްތައް މި ނެރޭ އެނދުގެ ތެރޭގައި ހިމެނޭނެ ހެއްޔެވެ؟ ނޫނީ މިއީ މުޅިން އަލަށް ނެރޭ އާ އެނދު ތަކަކުން އުފެދޭ އެނދުތަކެއް ހެއްޔެވެ؟ ނުވަތަ މިދިޔަ ދައުރުގައި ފަށާފައިވާ ރިސޯޓުތައް ނިންމައި ނެރެވޭނެ އެނދު ތަކެއް ހެއްޔެވެ؟ މި އެނދުގެ އަދަދު ގުނާނީ ހޯމްސްޓޭގެ "ކުދި އެނދު" ތައް ހިމަނައިގެން ބާ އެވެ؟

ޓޫރިޒަމްގެ ތާރީހަށް ބަލާއިރު ޕްރޮޕަޓީ އިތުރުވުމުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަކީ ނަމްބަރުން ބޮޑު އަަދަދެއް އިތުރުވީ ދައުރެއް ކަމަށް ބުނެވެން އެބަ އޮތެވެ. އެ ދައުރުގައި އަލަށް 50 ރިސޯޓު ނެރުނެވެ. އަދި އެނދުގެ އަދަދުން ބަލާނަމަ ބޮޑު ތަނުން އިތުުރުވި އެވެ. އެ ދައުރުގައި ޓޫރިޒަމްގެ ގިނަ އިންވެސްޓަރުން ރާއްޖެ އަށް "ދަހިލަވައިގެން" ކައިރީގައި އެނބުރުނެވެ. ނަމަވެސް ކޮވިޑް-19 ގެ ހާލަތަށް ފަހު ދުނިޔޭގެ އިންވެސްޓަރުންގެ މޫޑު ވެސް މިހާރު ހުރި ގޮތުން ރިސޯޓު ފަދަ ޓޫރިޒަމާ ގުޅުންހުރި އިންވެސްޓްމަންޓްތައް ގެންނަން ދަތިވާނެ ކަމަށް ބެލެވެ އެވެ.

މާހިރުންގެ ނަޒަރުގައި މިހާރު ޓޫރިޒަމް ފަދަ "ރިސްކް ބޮޑު" އިންވެސްޓްމަންޓް ތަކަށް އިންވެސްޓަރުން ހޯދޭނީ ރޭވުންތެރި ކަމާއެކު އިންސެންޓިވްތަކެއް ވެސް ދީގެން ނެވެ.

"ދުބާއީ ކީއް ކުރަން އެހެންތަނެއްގައި ރަށް ވިއްކަން އުޅުނަސް މިހާރު ވިއްކަން ދަތިވާނެ. ވާގޮތަކީ ރަށެއް ހޯދަން ބޭނުންވާ މީހެއްގެ ކައިރީ ދެއްކޭނެ ވާހަކައެއް ނެތް. ކޮބައިތޯ މި ގައުމަށް އިންވެސްޓް ކުރަން އަންނަން ޖެހޭ ސަބަބަކީ؟ ސަބަބެއް ނެތެއް ނޫން ތޯ؟" ޓޫރިޒަމް ދާއިރާގެ ސީނިޔަ ބޭފުޅަކު ވިދާޅުވި އެވެ.

އިންވެސްޓްމަންޓް އިސްތިހާރެއް ނުކުރެވޭ

ސަރުކާރުގެ 35،000 އެނދުގެ ޓާކެޓަށް ވާސިލް ވާން ބޭނުންނަމަ އެންމެ ފުރަތަމަ ކަމަކީ ރާއްޖެ އިންވެސްޓަރުންނަށް ފަހި ތަނެއްގެ ގޮތުގައި ދެއްކުމެވެ. އިންވެސްޓާ ކޮންފިޑެންސް އުފެއްދުމެވެ. އަދި ރާއްޖޭގެ
އެންމެ "ޓޫރިޒަމް ބީރަށްޓެހި" އައްޑޫ ފަދަ ތަންތަނަށް ޓޫރިޒަމް ގެންދާނަމަ އެ ސަރައްދު ހާއްސަ ޒޯނެއްގެ ގޮތުގައި އިސްތިހާރު ވާން ޖެހޭ ކަމަށް މާހިރުން ގަބޫލު ކުރައްވަ އެވެ. މިގޮތުން އެއް ގޮތަކީ ވަކި އަހަރަކަށް ބަލައި ޑިއުޓީ ނުނަގާ "ޑިއުޓީ ފްރީ" ޒޯނެއްގެ ގޮތުގައި ބޭއްވުމެވެ. އޭރުން އަންނަ އިންވެސްޓްމަންޓްތަކުން ޓެކްސް ލިބެން ފަށާނެ އެވެ. ނަމަވެސް މީގެ ބަދަލުގައި މުޅި ރާއްޖޭގެ ހުރިހާ ދިމާލަކަށް އެއް ލިބާހެއް ފަހައި އެ ލައްވަން މަސައްކަތް ކުރުމަކީ މިހާރު ފެއިލް ވާނެ ކަމެކެވެ.

ޓޫރިޒަމްގެ އެނދު ގުނާއިރު "ހޯމް ސްޓޭ" ފަދަ އަލަށް އަންނަ ޓޫރިޒަމްގެ ކުޑަ ކޮމްޕޯނެއްޓަކަށް އަންނަ އެނދުގެ އަދަދު ގުނައިގެން ނޫން ގޮތަކަށް އެނދު ހަމަ ކުރުން ދަތިވާނެ އެވެ. މި ހަމަ ކުރަން ޖެހޭނީ ގޭގެ ބޮޑު އަށިވެސް ގުނައިގެންނެވެ.

ސަރުކާރުން ބުނާ ގޮތުން ދަނީ އަލަށް ފަށާ "ރިއަލް އެސްޓޭޓް ޓޫރިޒަމް" ކާމިޔާބުވާނެ އެވެ. އެކަން ކުރަން ފަންޑް މެނޭޖުމަންޓުގެ ބެލުމުގެ ދަށުން އިކޮނޮމިކް މިނިސްޓްރީން ވެސް ދަނީ މަސައްކަތް ތަކެއް ކުރަމުންނެވެ. ނަމަވެސް މިހާރު ޓޫރިޒަމްގައި ހުރި ގޮންޖެހުންތައް ނައްތާލައިގެން ނޫން ގޮތަކަށް އެ ޓޫރިޒަމް ވެސް ކާމިޔާބުވުމުގެ ޔަގީންކަމެއް ނެތެވެ. އެންމެ ބޮޑު ގޮންޖެހުކަކީ ރާއްޖޭގެ ލަގްޒަރީ ޓޫރިޒަމަށް އޮތް އެންމެ ބޮޑު ދަތި ކަމަށްވާ މައި އެއާޕޯޓުގެ މައްސަލަ އެވެ.

ޓޫރިޒަމްގެ މައި ސީޒަން އަންނައިރު ރާއްޖެ އަންނަ މެހުމާނުން އެތެރެވޭތަނުން ތަޖުރިބާ ކުރަން ޖެހޭ މައްސަލަ ތަކަކީ މިވަގުތުގެ އެންމެ ބޮޑު ގޮންޖެހުމެވެ. މިހާރު ވެސް އަންދާޒާ ކުރެވޭ ގޮތުން ކުރިއަށް އޮތް ދެ އަހަރުވެސް އެއާޕޯޓް ނުނިންމޭނެ އެވެ. އެހެންވެއްޖެނަމަ 35،000 އެނދު ނެރެވޭނެ ގޮތަކީ ކޮބައި ހެއްޔެވެ؟ މިހާރު ހުރި ބައި ލައްކަ އެނދަށް އިތުރު 35،000 އެނދު އިތުރުވުން ދެން މިހާރު އެއާޕޯޓުގެ ހާލަތުން ވާނީ ކިހިނެއް ހެއްޔެވެ؟