ފޮރިން އިންވެސްޓްމެންޓް

ވެލި ފިނޮޅު މެމްބަރު ނާޝިޒުގެ ޕާލް ސޭންޑްސް ކުންފުންޏަށް

ރިސޯޓު ތަރައްގީ ކުރަން އިއުލާނުކުރި ހއ. ވެލިފިނޮޅު، ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމްގެ ފިރިކަލުން، މުހައްމަދު ނާޝިޒުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ލިބިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ރިސޯޓު ހަދަން އެންމެ ފަހުން ހުޅުވާލި 16 ރަށުގެ ތެރެއިން ހަތް ރަށަކަށް ނުވަ ފަރާ ތަކުން ބީލަން ހުށަހެޅި އެވެ. މި ރަށްތަކުގެ ތެރެއިން ވެލިފިނޮޅު ރިސޯޓަށް ބީލަން ހުށަހަޅާފައިވާ އެއް ކުންފުންޏަކީ ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު ނާޝިޒުގެ ހިއްސާ އޮންނަ ޕާލް ސޭންޑްސް އޮފް މޯލްޑިވްސް އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޮތުން 2013 ވަނަ އަހަރު ރަޖިސްޓްރީކޮށްފައިވާ ޕާލް ސޭންޑްސް އޮފް މޯލްޑިވްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އިބްރާހިމް ސައީދު އެވެ. އަދި ޑިރެކްޓަރުންގެ ބޯޑުގައި އެމްޕީ މުހައްމަދު ނާޝިޒް އިންނަވަ އެވެ.

މި ރަށަށް އެމްޕީ ރަޝީދު ވެސް ވާދަކުރި

އަވަސް އަށް އެނގިފައިވާ ގޮތުގައި ޕާލް ސޭންޑްސް އޮފް މޯލްޑިވްސް ކުންފުންޏަށް ވެލިފިނޮޅުގެ ބީލަން ކާމިޔާބު ކުރިކަން ޓޫރިޒަމް މިނިސްޓްރީން އިއްޔެ ވަނީ އަންގައި އެވޯޑް ސިޓީ ވެސް ފޮނުވާފަ އެވެ. މި ރަށަށް ޕާލް ސޭންޑްސް ކުންފުނިން އެކުއެޒިޝަން ކޮސްޓެއްގެ ގޮތުގައި ޖަހާފައިވަނީ 610،000 ޑޮލަރު (ގާތްގަނޑަކަށް 9.4 މިލިއަން ރުފިޔާ) އެވެ.

ބޮޑު މިނުގައި 4.1 ހެކްޓަރު ހުންނަ ވެލިފިނޮޅަށް ޕާލް ސޭންޑްސްގެ އިތުރުން ބިޑް ހުށަހެޅި އަނެއް ކުންފުންޏަކީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދުގެ ހިއްސާ އޮންނަ ބީޗް އެކްސް ކުންފުންނިންނެވެ. އެ ކުންފުނިން މި ރަށަށް އަގެއްގެ ގޮތުގައި ޖަހާފައިވަނީ 625،000 ޑޮލަރު ނުވަތަ ގާތްގަނޑަކަށް 9.6 މިލިއަން ރުފިޔާ އެވެ.

އެހެން ހުރިހާ ބިޑްތަކެއް ކެންސަލް

އެނގިފައިވާ ގޮތުގައި ޕާލް ސޭންޑް ކުންފުންޏަށް ވެލިފިނޮޅު އެވޯޑު ކުރިއިރު މި މަޝްރޫއުގެ ދަށުން ބިޑްކުރި ހުރިހާ ރަށްތަކެއްގެ ބިޑުތައް ޓޫރިޒަމް މިނިސްޓްރީން ވަނީ ކެންސަލްކޮށްފަ އެވެ. މި ބިޑްތައް ކެންސަލްކޮށްފައިވަނީ ބިޑް އެވޭލުއޭޓްކޮށް ނިމުމަށްފަހު އިތުރު ތަފުސީލް ހޯދައި ވެރިފައި ކުރުމުގެ ސްޓޭޖުގައި ފާހަގަވީ ބައެއް ކަންތައްތަކުގެ ސަބަބުން ކަމަށް އަވަސް އަށް އެނގިފައިވެ އެވެ.

ޕާލް ސޭންޑް ކުންފުންޏަށް ފެލިފިނޮޅު އެވޯޑު ކުރިނަމަވެސް ރަސްމީކޮށް މި ރަށާ އެ ކުންފުންޏަށް ހަވާލު ވެވޭނީ އަދި އިތުރު ދެ މަރުހަލާއެއް ފުރިހަމަ ކުރުމަށްފަހު އެވެ. މި ރިސޯޓުގެ އެކުއެޒިޝަން ކޮސްޓު ދެ މަސް ތެރޭގައި އެ ކުންފުނިން ދައްކަން ޖެހޭނެ އެވެ. މީގެ އިތުރުން އިނީޝަލް އެންވަޔަރަންމަންޓް އެސެސްމަންޓް ރިޕޯޓް ވެސް ހުށަހަޅަން ޖެހޭނެ އެވެ.

މި ސަރުކާރު ވެރިކަމަށް އައިސް ރިސޯޓު ހަދަން 29 ރަށެއް ކަނޑައެޅި އެވެ. އަދި އެންމެ ފުރަތަމަ ބިޑަށްލީ 16 ރަށެކެވެ. ނަމަވެސް މި ރަށްތަކުގެ ތެރެއިން ބިޑް ހުށަހެޅީ ހަތް ރަށަށެވެ. ކޮވިޑުގެ ބަލި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން ދިޔަ ދުވަސްވަރު މި ރަށަތައް ބިޑް ކުރުމަށްފަހު ރަށުގެ އަގު ސަރުކާރުން 30 ޕަސެންޓް ދަށްކުރި އެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ އެންމެ ފަހުން ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައެޅި ރަށްތަކުގެ ލޭންޑް އެކުއިޒިޝަން ކޮސްޓް ދަށްކުރީ އިންވެސްޓް ކުރަން އިންވެސްޓަރުންނަށް ދަތި ތަކެއް ހުރުމުން ކަމަށް ބުނެފަ އެވެ. ނަމަވެސް އާއްމުކޮށް މިފަދަ ބޮޑެތި މަޝްރޫއު ތަކަށް ބިޑް ކުރުމުގެ ކުރިން ހާލަތަށް ބަލައި ދުރާލާ އަގަށް ބަދަލު ގެނެސް ބިޑު ކުރުމަކީ ދުނިޔޭގައި މިކަން ކުރާ ގޮތެވެ.

މި ރަށްތަކުގެ ބިޑްތައް އިވޭލުއޭޓްކޮށް ނިމުމަށްފަހު ވެސް ރަށްތައް އެވޯޑު ކުރުން ލަސް ވެގެން ދިޔަ އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ ރަށްތައް އެވޯޑު ކުރުން ލަސްވަނީ އިތުރަށް ވެރިފައި ކުރުމަށް ކަމަށެވެ. ނަމަވެސް އެމްޑީޕީ އެތެރޭގެ އިންތިހާބު ހަމަ ނިމުމާއެކު މި ރަށްތަކަށް ކުރިމަތިލި ގިނަ ފަރާތްތަކުގެ ބިޑްތައް ކެންސަލްކޮށް އެންމެ ރަށެއް މިވަނީ އެވޯޑުކޮށްފަ އެވެ.

މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި ޓޫރިޒަމް ތަރައްގީ ކުރުމަށްޓަކައި 10 ރަށެއް ނެރެން ނިންމާފައިވެ އެވެ. އަދި މި ރަށް ތަކުން ދައުލަތަށް 130 މިލިއަން ރުފިޔާ ހޯދަން ކަނޑައަޅާފައިވެ އެވެ.