ރިސޯޓު ހަދަން ސަރުކާރުން އެންމެ ފަހުން ދޫކުރި 16 ރަށް، ބިޑު ކުރުމަށް ފަހު އަގު ދަށް ކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ އެންމެ ފަހުން ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައެޅި 16 ބިމަކާއި ރަށެއްގެ ލޭންޑް އެކުއިޒިޝަން ކޮސްޓް ދަށް ކޮށްފައިވާ ކަމަށެވެ. ރިސޯޓު ހަދަން ސަރުކާރަށް ދައްކަން ޖެހޭ މި ފައިސާ ދަށް ކުރުމާއެކު ހުރިހާ ރަށަކާއި ބިމަކުން ވެސް އެކިއުޒިޝަން ކޮސްޓް 30 ޕަސެންޓް ކުޑަވެފައިވެ އެވެ.
އެ މިނިސްޓްރީން ބުނީ އަގު ދަށްކުރީ މިހާރު އިންވެސްޓް ކުރަން އިންވެސްޓަރުންނަށް ދަތި ތަކެއް ހުރުމުންނެވެ. ނަމަވެސް އާއްމުކޮށް މިފަދަ ބޮޑެތި މަޝްރޫއު ތަކަށް ބިޑް ކުރުމުގެ ކުރިން ހާލަތަށް ބަލައި ދުރާލާ އަގަށް ބަދަލު ގެނެސް ބިޑު ކުރުމަކީ ދުނިޔޭގައި މިކަން ކުރާ ގޮތެވެ.
އަގު ބަދަލު ކުރުމުން މިހާރު ނަގާ އަގުތައް
- ހއ. ވެލިފިނޮޅު: 420،000 ޑޮލަރު
- ހއ. އަލިދުއްފަރުފިނޮޅި: 350،000 ޑޮލަރު
- ހދ. ކުޑަފަރުފަސްގަނޑު: 210،000 ޑޮލަރު
- މ. ސީދީހުރާ : 875،000 ޑޮލަރު
- މ. މާއުސްފުށި: 1،575000 މިލިއަން ޑޮލަރު
- ތ. ކާއްޑޫ: 700،000 ޑޮލަރު
- ތ. ކަނިމީދޫ (އުތުރުފަރާތުން 10 ހެކްޓަރު): 1،050000
- ތ. އޮޅުފުށި އަދި އޮޅުފުށި ފިނޮޅު: 700000
- ލ. ކަށިދޫ: 700،000 ޑޮލަރު
- ލ. ބޮޑުމުންޏަފުށި: 700،000 ޑޮލަރު
- ލ. ދޮންބެރަހާ އަދި ހޮޅުރަހާ: 525،000 ޑޮލަރު
- ގއ. މާރެހާ: 1،400000 މިލިއަން ޑޮލަރު
- ގއ. ފުނަދޫވިލިގިއްޔާ: 700000 ޑޮލަރު
- ގދ. ކަނޑަހަލަގަލަ: 875،000 ޑޮލަރު
- ގދ. ކަނޑެވާރެހާ އަދި ދިގުރެހާ: 700،000 ޑޮލަރު
- ގދ. ފެރޭތަވިލިގިއްލާ އާއި ދެކާނބާ، ކޮޑެރަޓާ އަދި ކޯޑިނޭޓްސް ގައިވާ ރަށް: 700،000 ޑޮލަރު
ޓޫރިޒަމް މިނިސްޓްރީން މި ރަށްތަކަށް ބީލަން ހުށައެޅުމަށް ދީފައިވާ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 10 ވަނަ ދުވަހެވެ.
އަލަށް ރިސޯޓު ހަދަން ނެރުނު ރަށްތަކުގެ އަގު ދަށް ކުރިއިރު، މިހާތަނަށް ރިސޯޓު ހަދަން ނެރުނު ރަށްރަކަށް ލިބިފައިވަނީ ކުޑަ ތަރުހީބެކެވެ. މި ސަރުކާރުން މިހާތަނަށް ރިސޯޓު ހަދަން ހުޅުވާލާފައިވަނީ ހަތަރު ރަށެކެވެ. ނަމަވެސް މި ރަށްތަކަށް ކުރިމަތިލާފައިވަނީ އެންމެ ފަރާތެކެވެ.
މި އަހަރުގެ ބަޖެޓުގައި ޓޫރިޒަމް ތަރައްގީ ކުރުމަށްޓަކައި 10 ރަށެއް ނެރެން ނިންމާފައިވެ އެވެ. އަދި މި ރަށް ތަކުން ދައުލަތަށް 130 މިލިއަން ރުފިޔާ ހޯދަން ކަނޑައަޅާފައިވެ އެވެ. މި އަގު ދަށް ކުރުމާއެކު މި އަހަރު ދައުލަތުގެ ބަޖެޓަށް އާމްދަނީގެ ގޮތުގައި މި ދާއިރާއިން ލިބޭ ދަށްވެގެންދާނެ އެވެ.