ނުހެދި އޮތް 75 ރަށެއްގައި ރިސޯޓު ހަދާ ހުޅުވަން ލާޒިމްކޮށް ޓޫރިޒަމް މިނިސްޓްރީން އެ ރަށް ތަކަށް "ސުންގަޑި" ދީފި އެވެ.
ރައްޔިތުން މަޖިލީހުގައި މިއަދު ސުވާލުތަކަށް ޖަވާބު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ރަށާއި ކައިރީގައި އޮތް ރަށް ރިސޯޓު ހަދަން ދޫކޮށް، ނުހުޅުވުމަކީ ޓޫރިޒަމް މިނިސްޓްރީއާއި ސަރުކާރަށް ވެސް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި އެކަމަށް ހައްލު ހޯދަން މަސައްކަތް ކުރައްވަމުންދާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
"މިވަގުތު ރާއްޖޭގެ ކަންތައް ޕްރެކްޓިސް ކުރަމުން އައި ގޮތުން ރަށްތައް ނުހެދި އޮތުމުގެ ޒިންމާވެސް އެންމެ ފަހުން ނަގަން ޖެހެނީ ސަރުކާރުން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެ ކަންތައް އެބަ ބަދަލުކޮށްލަން. މަޖިލީހުގައި ވާހަކަ ދައްކަމުން ކުރިން ބުނިން ނުހެދި ހުރި ރަށްތައް ހުޅުވަން އެގްރީމެންޓް ކުރާ ވާހަކަ. އެގޮތަށް އެއްބަސް ވެސް އެގްރީމެންޓް ކުރަމުން ދާނެ،" މައުސޫމް ވިދާޅުވި އެވެ.
ޓޫރިޒަމް ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހަށް އިޝާރަތް ކުރައްވައި މިނިސްޓަރު ވިދާޅުވީ ނުހެދި ހުރި ރަށްތައް ހަދަން ތިން އަހަރު މަޑު ކުރުމުގެ މަގުސަދެއް ވެސް ނެތް ކަމަށާ އެއް އަހަރުތެރޭގައި ރަށް ހަދަން ތަކެތި އެއްކޮށް ނުގެންދާނަމަ އެ ރިސޯޓެއް ނުހިންމޭނެ ކަމަށެވެ.
"އެންމެ އަވަހަށް ވެސް ރަށެއް ހެދެނީ ދޮޅު އަހަރުން. އެހެންވެ އެގްރީމެންޓްގައި ސޮއިކޮށްފަ ދޮޅު އަހަރުތެރޭ އެއްކޮށް މޮބަލައިޒް ނުކުރާނަމަ ހަދަން ފެށޭނެ ކަމަށް ނުބެލެވޭ. އެހެންވެ އެ ރިސޯޓު ތިން އަހަރު ތެރޭ ނުހިންމޭނެ. އެންވެ ޓޫރިޒަމް މިނިސްޓްރީން އެރަށް ނެގުމުގެ ބާރު ލިބޭނެ،" މައުސޫމް ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރިން ބުނި ގޮތުގައި ރާއްޖޭގައި ރިސޯޓު ހަދަން ދޫކޮށް ނުހެދި 100 އަށްވުރެ ގިނަ ޕްރޮޕަޓީ އެބައޮތެވެ. މީގެތެރޭގައި 25 އެއްހާ ފަޅުވެސް އެބައޮތެވެ.