ޑރ. އަބްދުﷲ މައުސޫމް

"ގަލު އަޅާފައިވާ" 15 ރަށުގެ މުއާމަލާތް ކުރިއަށްދޭ: މައުސޫމް

ރިސޯޓް ހަދަން ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން އެކި ސަބަބުތަކާހުރެ ނުހެދި ހުރި 83 ރަށުގެ ތެރެއިން 15 ރަށެއްގެ މުއާމަލާތް ކުރިއަށްދާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވަނީ ރިސޯޓު ތަރައްގީކުރަން ފުރުސަތު ހުޅުވާލާފައިވާ 83 ރަށެއްގެ މަސައްކަތް ކުރިއަށް ނުގޮސް "ގަލު އަޅާފައިވާ" ކަމަށް މިނިސްޓަރު މައުސޫމް މިދިޔަ އަހަރު ވިދާޅުވެފައިވާތީ އެ ރަށްތަކުގެ ހާލަތު މިހާރު އޮތް ގޮތުގެ ތަފްސީލެއް ހިއްސާކުރެއްވުމަށް އެދިވަޑައިގެންފި އެވެ.

ނުހެދި ހުރި ރަށްތަކަށް ސަރުކާރުން ހަމަޖައްސައިދިން ލުއިތަކާއެކު ރަށްތަކުގެ މަސައްކަތް ކުރިއަށްދޭތޯ މެންބަރު ވަނީ ސުވާލު ކުރައްވާފަ އެވެ.

މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވީ ފަތުރުވެރިކަން ތަރައްގީކުރުމުގައި ފަހި ފުރުސަތު ހޯދައިދިނުމަށް މަޖިލީހުންވެސް ވަރަށް ގިނަ މަސައްކަތް ކޮށްދީފައިވާ ކަމަށެވެ. އެގޮތުން މަޖިލީހުން ކުރި މަސައްކަތުން އެކި ސަރަހައްދުތަކުގެ ކުލިތަކަށް ބަދަލު ގެނެވި ޖޫރިމަނާ މާފުކުރުން ނުވަތަ ފަސްކުރުމާ ގުޅޭ ގަވާއިދުތައް ހެދިފައިވާ ކަމަށް ވިދާޅުވި އެވެ.

"މި ދެންނެވި ނުހެދި ހުރި ގަލުގައި އަޅާފައި ހުރި ރަށްތަކުގެ ތެރެއިން އަޅުގަނޑަށް އެކަމަކު ހިނގަމުންދާ މުއާމަލާތްތައް ވީމަ ތަފުސީލު ނުދެންނެވިޔަސް 15 ވަރަކަށް ރަށުގެ މުއާމަލާތްތައް އެބަދޭ ކުރިއަށް. އެއީ އެރަށް ވިޔަފާރީގެ ގޮތުން މިހާރު ކޮނޑު ޖަހާލެވޭވަރުގެ އެއްޗަކަށް ބަދަލުވެއްޖެ،" މައުސޫމު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފައިސާ ހުރި ދުރުރާސްތާގެ އިންވެސްޓްމަންޓް ރިކަވާކުރަން ބޭނުންވާ ބޭފުޅުން އެ ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. އެއީ ކުރިއެރުމެއް ކަމަށްވެސް ސިފަކުރެއްވި އެވެ.

މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުގައި ޑރ. މައުސޫމް ވަނީ 83 ރަށެއް "ގަލު އަޅާފައިވާ" ކަމަށް ވިދާޅުވެފަ

ރަށް ނުހެދި ލަސްވާނަމަ މާލީ ތަކުލީފަކާ ކުންފުނިތައް ކުރިމަތިލާން ޖެހޭނެ ކަމަށް މައުސޫމް ވިދާޅުވި އެވެ. އަދި އެކަންކަމުގައި މަޝްވަރާ ކުރެއްވުމަށް އެދިވަޑައިގެންނެވި އެވެ.

"ރަށް ދޫކޮށްލައްވަންޏާ ދޫކޮށްލާފައިވެސް މިއަދަށްވުރެ މާދަމާގެ ދަރަނި ކުޑަކުރެވޭތޯ މަސައްކަތް ކުރަމާ ހިނގާށޭ،" މައުސޫމު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ނުހެދި ހުރި ރަށްތައް ހެދުމަށް ފައިނޭންސް ހޯދުމަށް އެކިއެކި ބޭފުޅުންނާ މަޝްވަރާ ކުރައްވާ ކަމަށެވެ. އަދި އިންވެސްޓަރުންނަށް މައުލޫމާތު ދޭން ރިސޯޓްތަކުން ހުއްދަ ދީފައިވާ ކަމަށް ވިދާޅުވި އެވެ.

ރިސޯޓް ހަދަން ދޫކޮށްފައިވާ 83 ރަށެއްގެ މަސައްކަތް "ގަލުގައި އަޅާފައިވާ" ކަމަށް މައުސޫމް ވަނީ މިދިޔަ އަހަރު ވިދާޅުވެފަ އެވެ.

ނުހެދި ހުރި ރަށްތަކަށް ސަރުކާރުން ހަމަޖައްސައިދޭ ލުއިތަކާ ކުރެވުނު މަސައްކަތްތަކުގެ ދަށުން 2021 ވަނަ އަހަރު ހަތް ރިސޯޓު ހުޅުވުނު ކަމަށް މައުސޫމް ވަނީ ފާހަގަކުރައްވާފަ އެވެ.

ރާއްޖޭގެ ތިން އަތޮޅެއްގައި މިދިޔަ އަހަރު ހުޅުވި ފަސް ރިސޯޓުގެ ތެރޭގައި ހިމެނެނީ ކ. އަތޮޅުގައި ހުޅުވާފައިވާ ތިން ރިސޯޓަކާއި މ. އަތޮޅުގައި ހުޅުވި ރިސޯޓަކާއި ރ. އަތޮޅުގައި ހުޅުވި ރިސޯޓެކެވެ.

ރިސޯޓް ތަރައްގީކުރަން މިއަހަރުވެސް 15 ތަނެއް ޓޫރިޒަމް މިނިސްޓްރީން ހުޅުވާލި އެވެ. އެ ލިސްޓުން ފަހުން އުނިކުރީ މ. ބޯހުރާ އެވެ.

މިހާރު ރާއްޖޭގައި 172 ރިސޯޓު އޮތް އިރު ހިންގަމުން އަންނަނީ 168 ރިސޯޓެވެ.