ޓޫރިޒަމް

ބޭނުންވަނީ ނައިޓަށް ދެވޭ ހިސާބުގައި ރަށްތައް ހަދަން

މި ސަރުކާރުން ރިސޯޓުތައް ތަރައްގީ ކުރަން ބޭނުން ވަނީ ނައިޓަށް ދެވޭ ހިސާބުގައި ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގައި މިއަދު އޭނާއަށް އަމާޒު ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މައުސޫމް ވިދާޅުވީ ހުރިހާ އަތޮޅެއްގައި ވެސް ރަށްތައް ހެދުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ. އަދި ރާއްޖޭގައި މިހާރު ހުރި 51،000 އެނދަކީ މިހާރު ޓޫރިޒަމަށް މަދު އަދަދެއްކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"ރާއްޖޭގައި ހުރި އެނދު ތަކަކީ އެކަށީގެންވާ އަދަދެއް ނޫން. ރާއްޖޭގެ ޑޮމެސްޓިކް ޓްރާންސްޕޯޓް ނެޓްވޯކް ހިންގޭނީ އިތުރު އެނދު ތަކެއް އައިސްގެން،" މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ޓޫރިސްޓް ރިސޯޓް ހަދަން 28 ރަށެއް ނެރެން ނިންމާފައި ކަމަށެވެ. އެ އެނދުތައް ނެރޭނީ ފިޔަވަހިތަކަށް ބަހާލައިގެން ކަމަށެވެ.

"މި ތަނުން ހަތަރު ރަށެއް މިހާރު ވަނީ ކުއްޔަށް ދެވިފައި. ރިސޯޓުތައް ނެރޭ ތާވަލް މި ވަގުތު ހާމަ ކުރަނީ. މާކުރިީ މި ވާހަކަ ހާމަ ނުކުރަނީ މާކެޓަށް އައިސްފާނެ ބަދަލުތަކަށް ބަލާފަ. މި އަހަރު ތެރޭގައި އިރާދަ ކުރެއްވިއްޔާ މަސައްކަތް ކުރިއަށް ދާނެ،" މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ރާއްޖޭގައި ނުހެދި ހުރި 85 ތަނެއް އެބަހުރި ކަމަށެވެ. މީގެތެރޭގައި 65 ފަޅެއް ހިމެނެ އެވެ.

"ޓޫރިޒަމް ފަހި ކުރާ ބިލުގެ އަލީގައި މި ތަންތަން ހެދުމުގެ މަސައްކަތް ކުރިއަށް އެބަދޭ. ބައެއް ފަރާތްތަކާ ބައްދަލުވެސް ކޮށްފި. މި މަސް ނިމޭއިރު ނޫނީ މާޗް މަހު އެ ބޭފުޅުން [ރަށްތައް ނަގައިގެން ތިބި ފަރާތްތަކާ] ބައްދަލު އެބަ ކުރަން. އެ ބޭފުޅުނަށް ކިޔައިދެމުން އެ ބޭފުޅުންނަށް ލިބޭ ފަހިކަން ކިޔައިދޭން. ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ހުޅުވުން،" މައުސޫމް ވިދާޅުވި އެވެ.