ރިސޯޓް

ރިސޯޓްތަކުގެ އިހްތިސާސް ސަރަހައްދު ބޮޑު ކުރަނީ

Jun 25, 2022
3

ރިސޯޓްތަކުގެ އިހްތިސާސް ހިމެނޭ ސަރަހައްދު ބޮޑުކޮށްދޭން، ރިސޯޓުތަކުގެ ވެރިން ހިމެނޭ ޖަމިއްޔާ އިން އެދިފައިވާތީ އެކަމަށް ސަރުކާރުން މަސައްކަތް ފަށައިފި އެވެ.

ރާއްޖޭގެ ރިސޯޓްތަކުގެ ވެރިން ހިމެނޭ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ވަނީ ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަމާއި އަދި އެ މީހުންގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް މަސްވެރިކަމުގެ ހަރަކާތްތައް ރިސޯޓްތަކާއި ކައިރީގައި ކުރާ ކަމަށް ބުނެ ޝަކުވާކޮށްފަ އެވެ.

އެ ޖަމިއްޔާއިން ވަނީ އެހެންވެ ރިސޯޓްތަކުގެ އިހްތިސާސް ހިމެނޭ ސަރަހައްދު 500 މީޓަރުން 1000 މީޓަރަށް ބޮޑު ކުރަން އެދިފަ އެވެ.

މި ހުށަހެޅުމާ ބެހޭ ގޮތުން ޕީއެސްއެމްގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ރިސޯޓުތަކުގެ ވެރިންގެ މި ހުށައެޅުން ސަރުކާރުން ބަލައިގަންނަ ކަމަށާ، އެކަމާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ރާއްޖޭގައި 160 އަށް ވުރެ ގިނަ ރިސޯޓު ހިމެނެ އެވެ. އަދި މި ރިސޯޓުތަކުގެ އިހްތިސާސް ހިމެނޭ ސަރަހައްދު ބޮޑުކޮށްފިނަމަ މަސްވެރިކަން ފަދަ އެހެން އިގްތިސޯދީ ހަރަކާތްތަކަުގައި ބައިވެރިވާ ފަރާތްތަކަށް ދަތިވެގެންދާނެ އެވެ. އަދި މިކަމުގެ ސަބަބުން ކައުންސިލްތަކުގެ އިހްތިސާސްގެ ތެރެއަށް ދީފައިވާ ސަރަހައްދުތަކެއްވެސް ރިސޯޓުތަކުގެ އިހްތިސާސްގެ ތެރެއަށް ވަދެގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.