ރިސޯޓް

ރިސޯޓު ހަދަން ނުވަ ފަރާތަކުން 13 ބީލަަން ލައިފި

Jun 25, 2021
2

ރިސޯޓު ހަދަން ސަރުކާރުން ހުޅުވާލި 16 ރަށުގެ ތެރެއިން ހަތް ރަށަކަށް ނުވަ ފަރާ ތަކުން ބީލަން ހުށަހަޅައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ރިސޯޓު ހަދަން ބީލަމަށް ހުޅުވާލި 16 ރަށަށް 18 ބީލަން ފޮތް ގަނެފައިވާ ކަމަށެވެ. އަދި މި ރަަށްތަކުގެ ތެރެއިން ނުވަ ފަރާތަކުން ހަތް ރަށަށް 13 ބީލަން ހުށަހަޅާފައިވާ ކަމަށެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި މި ރަށްތަކަށް ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފަ އެވެ. އެގޮތުން މި ފަހަރު މާލެއާ ދުރުގެ އަތޮޅުތަކަށް ވެސް ރަނގަޅު ރެސްޕޯންސެއް ލިބިގެން ދިޔަ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ބީލަން ހުށަހެޅި ހަތް ރަށް

  • ހއ. ވެލިފިނޮޅު
  • މ. ސީދީހުރާ އާއި އެކު ސީދީހުރާ ވެލިގަނޑު
  • ތ. އޮޅުފުށި، އޮޅުފުށި ފިނޮޅާއެކު
  • ތ. ކާއްޑޫ
  • ލ. ބޮޑުމުންޏަފުށި
  • ގއ. ފުނަދޫވިލިގިއްޔާ
  • ގދ. ކަނޑަހަލަގަލާ

އެ މިނިސްޓްރީން އިތުރަށް ބުނީ މި ރަށްރަތަކަށް ހުށަހެޅި ޕްރޮޕޯޒަލްތަކުގެ ތެރެއިން، އެންމެ މަތިން ހުށަހަޅާފައިވާ ލީޒް އެކުއިޒިޝަން ކޮސްޓްގެ ފަރަގު މިނިމަމް ލީޒް އެކުއިޒިޝަން ކޮސްޓަށްވުރެ 140 ޕަސެންޓް އަށްވުރެއް އިތުރު ކަމަށެވެ. މި އަގުން ބަލާނަމަ މިއީ ގާތްގަނޑަކަށް ތިން ލައްކަ ޑޮލަރަށް ވިއްކަން ޖެހި މިނިމަން އެކުއެޒިޝން ކޮސްޓު 750،000 ޑޮލަރު ވަރަށް އިތުރު ވުމެކެވެ.

ސަރުކާރުން މި ރަށްތަށް ބިޑަށް ހުށަހެޅުމަށްފަހު ކުރިން އަގު ދަަށްކުރި އެވެ. އެގޮތުން ރަށް ދޫކޮށްފައި ވަނީ 30 ޕަސެންޓުގެ ޑިސްކައުންޓެއް ދީގެންނެވެ. ޓޫރިޒަމް މިނިސްޓްރީން ވަނީ ބީލަމަށް ލީ ރަށްތަކުގެ ތެރެއިން ކުރިމަތި ނުލާ ރަށްތައް އިތުރަށް ދިރާސާ ކުރަން ނިންމާފަ އެވެ.