މިނިސްޓްރީ އޮފް އެޑިއުކޭޝަން

ދިރާސީ އަހަރު ނިމެންދެން މާލޭގެ ސުކޫލުތަކުގައި ކިޔެވުން އޮންލައިން ކޮށްފި

ދިރާސީ އަހަރު ނިމެންދެން މާލޭގެ ސުކޫލުތަކުގެ ކިޔެވުން އޮންލައިން ކޮށް ކުރިއަށް ގެންދަން ނިންމައިިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެ މަތިން ދިރާސީ އަހަރު ނިމެންދެން މާލެ ސަރަހައްދުގެ ސުކޫލުތަކުގެ ހުރިހާ ގުރޭޑެއްގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އޮންލައިން ކޮށް ކަމަށެވެ.

2020 ވަނަ އަހަރުގެ ދިރާސީ އަހަރު ނިމޭނީ މި ހިނގާ ޖޫން މަހުގެ 24 ވަނަ ދުވަހު އެވެ. އެ ދުވަހު ރިޕޯޓް ފޮތް ހަވާލުކޮށް ދަރިވަރުންގެ އަހަރީ ޗުއްޓީ ފަށާނެ އެވެ. 2021 ގެ ދިރާސީ އަހަރު ފެށޭނީ އޮގަސްޓް މަހުގެ ކުރީކޮޅުގައެވެ.

ކޮވިޑް-19 ގެ ހާލަތު ގޯސްވެ މީގެ ދެ ހަފްތާ ކުރިން ފެށިގެން މާލެ ސަރަހައްދުގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

މީގެ ދެ ހަފްތާ ކުރީން ފެށިގެން މާލެ ސަރަހައްދުގައި ހަވީރު ހަތަރަކުން ހެނދުނު އަށަކަށް ދަނީ ކާފިއު ހިންގަމުންނެވެ. އަދި ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ހުއްދަ ނެތި ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ. އެ ވަގުތުތަކުގައި ބޭރަށް ނިކުމެ އުޅެވޭނީ ފުލުހުން ދީފައިވާ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އެ ހުއްދަ ދޫކޮށްފައިވަނީވެސް ކޮންމެ ގޭބީސީއަކަށް ދެ މީހަކަށެވެ.

އިތުރު ހަފްތާއަކަށް ފިޔަވަޅުތައް ދަންމާލާފައިވާއިރު އޭގެ ފަހުންވެސް އިތުރު ހަފްތާއަކަށް ފިޔަވަޅުތައް ދަންމާލާނެ ކަމުގެ އިޝާރާތެއް ސަރުކާރުން ވަނީ ކޮށްފައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން މުޅި ރާއްޖޭގައި ހާއްސަ ފިޔަވަޅުތަކެއް އަޅަން އެންގުމާއި ގުޅިގެން މާލެ ސަރަައްދުގެ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖައްސަވައިފައިވާ މުއްދަތު ޖޫން މަހުގެ 15 ވަނަ ދުވަހުގެ ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އިތުރު ކުރައްވާފައެވެ.