ޖުލައި އެކެއްގައި މާލޭގެ ސުކޫލްތަކުގެ ކިޔެވުން ފެށި ނަމަވެސް ކިޔަވައި ދޭނީ ގްރޭޑް ނުވައަކުން މަތީގެ ގުރޭޑްތަކަށް އެކަނި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެންއީއޯސީގެ މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ބަލި ނެތް ރަށްރަށުގައި ހުރިހާ ގުރޭޑް ކްލާސްތަކަށް ކިޔަވައިދިން ނަމަވެސް މާލެ ސިޓީގެ ސުކޫލްތަކުގައި ކިޔަވައި ދޭނީ ގުރޭޑް 9، 10، 11 އަދި 12 އިގެ ދަރިވަރުންނަށް ކަމަށެވެ.
މީގެ އިތުރުން މާލޭ ސިޓީގެ ތިން ރަށުގައި ކިޔަވައިދޭނީ އެއް ސެޝަނަކަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ މާޗު 12 ވަނަ ދުވަހުން ފެށިގެން ސުކޫލްތަކުގެ ކިޔެވުން ވަނީ މެދުކަނޑާލާފަ އެވެ. މިނިސްޓަރު ވިދާޅުވީ އަލުން ސުކޫލްތައް ފަށާއިރު އެކި ދަރިވަރުން ސުކޫލަށް ދާނީ ވެސް އެކި ވަގުތުގައި ކަމަށެވެ. އަދި ކައިރިކައިރީ ސުކޫލްތައް ހުންނަ ބައެއް މަގުތަކުގައި ޓްރެފިކްވިޔަ ނުދިނުމަށް ހާއްސަ ފިޔަވަޅުތަކެއް ވެސް އަޅާނެ ކަމަށެވެ.
"ސްކޫލްގެ ވަގުތުތައް ހަމަޖެހިފައި މިވަނީ ސްޓެގާޑް ގޮތަކަށް، ހާއްސަކޮށް ޗާންދަނީ މަގު ކަހަލަ އެންމެ ބާރުބޮޑުވާ މަގުތަކުގައި ސުކޫލްތަކުގެ ދަރިވަރުން ދާނީ އެކި ވަގުތުތަކުގައި. މިސާލަކަށް ޗާންދަނީ މަގުގެ ތިން ސުކޫލްގެ ޕްރިންސިޕަލުން މަޝްވަރާކޮށްފައި ދަރިވަރުން ގެންދާނެ ގަޑިތައް ކަނޑައަޅާނީ އެ ބޭފުޅުން." މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެހެން ގުރޭޑްތަކަށް މިހާރު ވެސް ކުރިއަށްދާ ގޮތަށް ޓެލެކިލާސްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ފެސިލިޓީތަކުގައި ތިބި ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު އިންތިޒާމް ވެސް ހަމަޖައްސަމުން ގެންދާ ކަމަށެވެ. އެއީ ކިހާ ކުދިންނެއް ކަމެއް ސާފެއް ނުވެއެވެ.
ސުކޫލްތައް ހުޅުވަން ތައްޔާރު ވަމުން އަންނަ އިރު އަމަލު ކުރާނެ ގައިޑްލައިނެއް ތައްޔާރު ކޮށްފައިވާ ކަމަށާއި ސްކޫލް ހުޅުވުމުގެ ކުރިން ކުރަންޖެހޭ ކަންކަމާއި، ސުކޫލް ހުޅުވުމަށް ފަހު ކުރަންޖެހޭ ކަންކަން ވަރަށް ތަފްސީލްކޮށް އެ ގައިޑްލައިންގައި ހިމަނާފައިވާނެ ކަމަށްވެސް މިނިސްޓަރު މިރޭ ވިދާޅުވި އެވެ.
ޖުލައި މަހު ކިޔެވުން ފެށި ނަމަވެސް ބަލީގެ އެއްވެސް އަލާމާތެއް ހުރި ޓީޗަރަކު ސުކޫލަށް ނުދާނެ އެވެ. އަދި އަލާމާތެއް ހުރި ދަރިވަރުން ވެސް ސުކޫލްތަކަށް ނުފޮނުވަން މިނިސްޓްރީން ވަނީ އެދިފަ އެވެ.
މިނިސްޓަރު ވިދާޅުވީ ސުކޫލްތައް ހުޅުވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށާ ކޮންމެ ދަރިވަރަކު ވެސް ސްކޫލް ގޭޓް ކައިރިން ހުއްޓުވައި ހުން ޗެކް ކުރުމަށްފަހު ނޫނީ ކްލާސް ރޫމަށް ނުވައްދާނެ ކަމަށެވެ.