ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ދަން ޖައްސަން މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ގޮވާލެއްވިކަމަަށް ބުނާ މައްސަލައިގައި ހިސާންގެ ކިބައިން މާފަށް އެދެން ސިޔާމްއަށް އަންގަން މަޖިލީހުގެ ސުލޫކީ އަދި އިމްތިޔާޒު ކޮމެޓީއިން ނިންމައިފި އެވެ.
މިދިޔަ އާދިއްތަ ދުވަހު ބޭއްވި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުމަށް ފަހު ސިޔާމް ވަރަށް ހުތުރުކޮށް ވާހަކަ ދެއްކެވިކަމަށް ހިސާން ތުހުމަތު ކުރައްވަ އެވެ. އަދި ހަމަ އެ ދުވަހުގެ އެހެން ވަގުތެއްގައި "ހިސާނަކީ ދަންޖައްސަން ޖެހޭ މީހެއް" ކަމަށާއި "މަރާލިޔަސް ފާފަވެރި ނުވާނެ" ކަމަށް ސިޔާމް ވިދާޅުވި ކަމަށް ވެސް ހިސާން ތުހުމަތު ކުރައްވަ އެވެ.
ހިސާން އެކަން މަޖިލީހުގެ ސަމާލުކަމަށް ގެނައުމާއެކު އެ މައްސަލަ އިިއްޔެ ވަނީ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީއަށާއި ފުލުހުން އަދި ޑިފެންސް މިނިސްޓްރީއަށް ވެސް ހުށަހަޅައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް އިމްތިޔާޒު ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރުން ހުށަހެޅުއްވީ ހިސާންގެ ކިބައިން މާފަށް އެދެން ސިޔާމްއަށް އަންގައި މަޖިލީހުން ސިޔާމަށް ނަސޭހަތްތެރި ވުމަށެވެ. އެ ހުށަހެޅުއްވުމަށް ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވަސީމް ތާއިދު ކުރައްވައި ދެން ތިއްބެވި މެމްބަރުންގެ ވޯޓާއެކު އެގޮތަށް ވަނީ ފާސްކޮށްފަ އެވެ.
ނަމަވެސް އެ ބައްދަލުވުމުގައި މަަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ހިސާންގެ ކިބައިން ސިޔާމް މިހާރު މާފަށް އެދިވަޑައިގެންފައިވާ ކަމަށެވެ.
"އެބޭފުޅުން ސަލާން ގަލަން ކުރައްވާ އެކަން ކުރައްވާ އެކަން މިހާރު އޮތީ ހަމަޖެހިފައި" އާދަމް ޝަރީފް ވިދާޅުވި އެވެ.
ސިޔާމް މާފަށްް އެދުނުކަމަށް އާދަމް ޝަރީފް ވިދާޅުވި ނަމަވެސް އެކަން ކަށަވަރެއް ނުވެއެވެ. އެކަން ސާފުކުރުމަށް ހިސާންއަށް "އަވަސް" އިން ގުޅުމުން ޖަވާބެއް ނުދެއްވަ އެވެ.