ހިިސާން ހުސައިން

ހިސާން ދަން ޖައްސަން ގޮވި މައްސަލަ ފުލުހަށް

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ދަން ޖައްސަން މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ގޮވާލެއްވި ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.

މިއަދުގެ މަޖިލީހުގެ ރިޔާސަތު ފައްޓަވަމުން ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ ދަން ޖައްސަން ގޮވާލި މައްސަލައިގައި ހިސާންގެ ސިޓީއެއް މަޖިލީހަށް ލިބިފައިވާ ކަމަށާއި އެ މައްސަލަ ފުލުހުންނަށާއި ޑިފެންސް މިނިސްޓްރީ އާއި މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުމަށް ފަހު ސިޔާމް ވަރަށް ހުތުރުކޮށް ވާހަކަ ދެއްކެވިކަމަށް ހިސާން ތުހުމަތު ކުރައްވަ އެވެ. އަދި ހަމަ އެ ދުވަހުގެ އެހެން ވަގުތެއްގައި "ހިސާނަކީ ދަންޖައްސަން ޖެހޭ މީހެއް" ކަމަށާއި "މަރާލިޔަސް ފާފަވެރި ނުވާނެ" ކަމަށް ސިޔާމް ވިދާޅުވި ކަމަށް ވެސް ހިސާން ތުހުމަތު ކުރައްވަ އެވެ.

އެއާ ގުޅޭ އޯޑިއޯއެއް ވެސް އާންމުވެފައި ވެއެވެ. ނަމަވެސް ސިޔާމް އެ ވާހަކަތައް ދޮގު ކުރައްވަ އެވެ. އަދި ވިދާޅުވަނީ "ދަން ޖެއްސުން" ކަމަށް ވިދާޅުވީ އެހެން ނިޔަތެއްގައި ކަމަށެވެ.

ސިޔާމަކީ އާންމުކޮށް މަޖިލިސް ޖަލްސާތަކާއި ކޮމެޓީތަކަށް ވަޑައި ގަންނަވާ ބޭފުޅެއް ނޫނެވެ. ނަމަވެސް މިދިޔަ އާދިއްތަ ދުވަހު 241 ކޮމެޓީއަށް ވަޑައިގެންނެވުމުން އެމްޑީޕީގެ ގިނަ މެމްބަރުންގެ ފާޑުކިޔުން އޭނާއަށް އަމާޒުވި އެވެ. ހިސާނަށް ސިޔާމް ބަހުގެ ހަމަލާތައް އަމާޒު ކުރެއްވީ ކިއްވެގެން ކަމެއް ނޭނގެ އެވެ.