ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި މއ. ނައިޓްވިލާ، އުމުރުން 32 އަހަރުގެ އިބްރާހީމް އަބްދުﷲ (ގައްބަރޭ) ހޯދަން އިއުލާންކޮށްފި އެވެ.
ގައްބަރޭ ހޯދަނީ ޒަރީރަށް ހަމަލާދީގެން ކަމަކަށް ފުލުހުން ބުނެފައެއް ނުވެ އެވެ. ނަމަވެސް ފުލުހުންގެ ވެބްސައިޓްގައި ގައްބަރޭގެ ފޮޓޯއާއި ވަނަވަރު ހާމަކޮށް ބުނެފައިވަނީ އޭނާ ހޯދަނި ގުރޫޕް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށެވެ.
ގައްބަރޭ ހޯދަމުންދަނީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށްޓަކައި ކަމަށްވެސް ފުލުހުން ބުންޏެވެ.
ގައްބަރޭ އާއި ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ފުލުހުނުްގެ ސީރިއަސްް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓަށް ލަސްނުކޮށް އެ މައްސަލައެއް ހިއްސާކުރުމަށްވެސް ފުލުހުން ވަނީ އެދިފަ އެވެ.
ފުލުހުން ހޯދަމުންދާ ގައްބަރޭ އަކީ ވެރިކަން ކުރާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ ރައީސެވެ.
ޒަރީރަށް ހަމަލާ ދިން މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 11 ވަނަ ދުވަހު ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކުރީ 21 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެކެވެ. މި މީހުންގެ ވަނަވަރު ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ. ކްރިމިނަލް ކޯޓުން މިމަހުގެ 12 ވަނަ ދުވަހު ވަނީ މި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިދީފަ އެވެ.
ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވިދާނެ އެއްޗެއް ބޭނުންކޮށްގެން ޒަރީރަށް ހަމަލާދިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގެ ހެނދުނު 5:08 ހާއިރު އެވެ.
ޒަރީރަށް ލިބުނު އަނިޔާތަކާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެ ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ގެއަށް ދޫކޮށްލާފަ އެވެ. އޭނާގެ ބޯ ފަޅާލާފައިވާތީ ބޮލުގައި ބޭސް އަޅައިގެން ހޮސްޕިޓަލްގައި އިންނެވި ފޮޓޯތަކެއް އެ ދުވަސްތަކުގައި ސޯޝަލް މީޑިއާގައި ދައުރުވި އެވެ.