ހަބަރު

ފޭރުމާއި ރަހީނުކުރުން އިތުރުވާ މައްސަލަ މަޖިލީހަށް

ވައްކަން ކުރުމާއި ފޭރުން އިތުރުވެ އަދި ފޭރުމަށްޓަކައި މީހުން ރަހީން ކުރަމުން ދާތީ، ނުރައްކާތެރި އެ ބިރުވެރިކަމުން ދިވެހި ރައްޔިތުން ސަލާމަތް ކުރުމަށް އަވަސް ފިޔަވަޅު އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން ފޭދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ނިހާދު ވިދާޅުވީ ނޫސްތަކުންނާއި ސޯޝަލް މީޑިއާގައި ވައްކަމާއި ފޭރުމުގެ އަމަލެއް ރިޕޯޓް ނުކުރާ ދުވަހެއް މިހާރު ނުދާ ކަމަށެވެ. އެކަމާ ގުޅުވައި އޭނާ ވިދާޅުވީ "އަނދެގެން ހުންނަ ކަނޑިކި މާދަމާ ހޭލާއިރު އޮންނާނެ ކަމާމެދު ޝައްކު އުފެދޭ ހާލަތަށް" ރާއްޖޭގފެ ކަންކަން ގޮސްފައިވާ ކަމަށެވެ.

އޭނާ ނިސްބަތްވާ ފޭދޫ ދާއިރާގައި އިންތިހާއަށް ފޭރުން އިތުރުވެފައިވާކަން ފާހަގަ ކުރައްވަމުން، ނިހާދު ވިދާޅުވީ ގިނަ ފަހަރު ވައްކަން ކުރާ މީހާއަކީ ކާކުކަން އެނގޭއިރު ވެސް ކަމާގުޅޭ އިދާރާތަކަށް މައްސަލަ ބަލައި، އިންސާފު ހޯދައި ނުދެވޭ ކަމަށެވެ.

އެ ފަދަ ކުށްތަކުގެ ފަހަތުގައި ވަނީ މަސްތުވާތަކެތީ މައްސަލަ ކަމަށް ވިދާޅުވެ، އެންމެ ބޮޑު އިންވެސްޓްމަންޓެއް ސަރުކާރުން ކުރަންޖެހިފައި ވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން ރީހެބިލިޓޭޓުކޮށް، ޑްރަގު ވިޔަފާރިކުރާ މީހުން ހައްޔަރު ކުރުމަށް ކަމަށް ވެސް ނިހާދު ވިދާޅުވި އެވެ.

ނިހާދު ހުށަހެޅުއްވި މައްސަލަ 24 މެންބަރުންގެ ވޯޓާއެކު މަޖިލީހަށް ބަލައިގެންފައި ވަނީ، މި ފަހުން އަންހެނަކު ރަހީނު ކޮށްގެން ފައިސާތަކެއް ފޭރުނު މައްސަލައަކާއި، ދޯންޏަކަށް ފައިސާ ނުދައްކައިގެން ދޯންޏާއެކު ފަޅުވެރިން ރަހީނު ކުރުމުގެ މައްސަލައެއް ފެންމަތިވެގެން އައި ދަނޑިވަޅެއްގައި އެވެ.

އެ މައްސަލައަށް ބަހުސް ކުރެއްވި ހުރިހާ މެންބަރުން ވެސް ވަނީ މި ފަހުން ހިނގައިދިޔަ ވައްކަމާއި ފޭރުމުގެ މައްސަލަތައް ފާހަގަ ކުރައްވައިފަ އެވެ.

އަދި ނިހާދެކޭ އެއްގޮތަށް، އެފަދަ ކުށްތަކުގެ މައްސަލައިގެ ފަހަތުގައި ވަނީ މަސްތަތުވާތަކެތިކަން ފާހަގަކޮށް، ގިނަ މެންބަރުން ވަނީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކޮށް ދިނުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލައިފަ އެވެ.