ވައްކަން

ފިހާރައެއް ފަޅާލާ ހަތަރުލައްކަ ރުފިޔާގެ ގަހަނާ ނަގައިފި

ފިހާރައެއް ފަޅާލާ ހަތަރުލައްކަ ރުފިޔާގެ ރަން ވަގަށް ނަގައިފި އެވެ.

"ޖުވެލަރީ ޕެލަސް" ފަޅާލާފައިވަނީ ރޭގެ ވަގުތެއްގައެވެ. އަވަސްއާ ވާހަކަ ދައްކަމުން އެ ފިހާރައިގެ ވެރިޔާ ބުނީ ފިހާރައިން ވައްކަން ކޮށްފައިވަނީ ތަޅު ފެލާލައިގެން ވަދެ ފަތިހު 4:30 އާއި 5:30 އާ ދެމެދުގެ ވަގުތެއްގައެވެ. ވައްކަން ކުރި މީހާ ވަނީ ފިހާރައަށް ވަންނަން ތަޅު ފެލާލުމުގެ ކުރީން އެތަނުގެ ބޭރުގައި ހުރި ސީސީޓީވީ ކެމެރާ އެހެން ފަރާތަަކަށް އަނބުރާލާފައެވެ.

"ސީސީ ފްޓޭޖުން ފެނޭ އެ މަންޒަރު. ބުރުގާއަކުން މޫނު ނިވާކޮށްގެން ހުރި މީހަކު މޮޕްދަނޑިއެއް ކަހަލަ އެއްޗަކުން ކެމެރާ އަނބުރާފަ އޭނާ ފިހާރައަށް ވަަންނަ މަންޒަރު ނުފެންނަ ގޮތް ހަދާފައި ތަޅު ފެލާލާފައި ހުރީ،"

އެ މީހާ ވަނީ ފިހާރާގަައި އެ ވަގުތު ހުރި ހުރިހާ ރަނަކާއި ރިއްސެއް އަދި ގަހަނާގެ އެތައް ބާވަތެއް ވަގަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ކަސްޓަމަރުން ހަދަން ގެނެސްފައިވާ ބައެއް ތަކެތިވެސް ހިމެނެއެވެ.

އެ މައްސަލަ ފުލުހަށް ރިޕޯޓް ކުރުމުން ފުލުހުން ވަނީ އެ ތަނުގެ ސީސީޓީވީ ފްޓޭޖް ބަލާ މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ. އަދި ވައްކަން ކުރި މީހާ މިހާރު ދެނެގަނެވިފައިވާކަން ފިހާރައިގެ ވެރި މީހާއަށް އަންގާފައެވެ.

"އަޅުގަނޑުގެ އިލްތިމާސްއަކީ މީހަކު ރަނާއި އެފަދަ ގަހަނާގެ ތަކެތި ވިއްކާނަމަ ނުގަތުން. އަދި އެފަދަ ކަމެއް މީހަކު ކުރާނަމަ އަޅުގަނޑުގެ ނަންބަރު 7776647 އަށް ގުޅާ އެކަން ހިއްސާކޮށް ދިނުން،" ފިހާރައިގެ ވެރިމީހާ ބުންޏެވެ.