ކްރިމިނަލް ކޯޓް

އިނގިލިތައް ބުރިކުރާނެކަމުގެ އިންޒާރު ދިން މީހުންގެ ބަންދަށް އިތުރު 15 ދުވަސް

އިނގިލިތައް ބުރިކޮށްލާނެ ކަމަށް ބުނެ ބިރުދައްކައިގެން ބިދޭސީންތަކެއްގެ އަތުން ފޭރުނު ދެ މީހުންގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި އެވެ.

މިމައްސަލައިގައި މާލެ އިން މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ - ސ. ހިތަދޫ އަތިރީއާގެ، އަހްމަދު ސިވާތު (37 އ) އާއި ސ. ހިތަދޫ ޑިލައިޓްފޭސް، މުހައްމަދު ސާލިމް (37 އ) އެވެ.

މައްސަލައިގައި ހައްޔަރުކުރި ދެމީހުންގެ ބަންދަށް އެންމެ ފުރަތަމަ ވެސް ކްރިމިނަލް ކޯޓުން ޖެހީ 15 ދުވަހުގެ މުއްދަތެކެވެ. އަދި ބަންދުގެ މުއްދަތު ހަމަވާތީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އިއްޔެވެސް ވަނީ އެމީހުންގެ ބަންދަށް 15 ދުވަސް އިތުރުކޮށްފަ އެވެ.

މައްސަލައާ ގުޅިގެން ފުލުހުން ބުނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ ރަސްފަންނުގައި ތިބި ބިދޭސީންތަކަކަށް ވަޅިން ބިރުދައްކައި ފައިސާ ނުދީފިނަމަ އެ މީހުންގެ އިނގިލިތައް ބުރިކޮށްލާނެ ކަމަށް ބުނެ ހައްޔަރުކޮށްފައިވާ ދެ މީހުން އިންޒާރު ދިން ކަމަށެވެ. އަދި އެތަނުން ދެ ބިދޭސީއެއްގެ ވޮލެޓުގައި ހުރި ފައިސާ ފޭރިގެންފައިވާ ކަަމަށްވެސް ބުންޏެވެ.

ފުލުހުން ވަނީ ބިދޭސީންގެ އަތުން ފޭރުނު ދެ މީހުން ހޯދައި ފައިސާތައްވެސް ވެރިފަރާތާ ހަވާލުކޮށްފަ އެެވެ.