މޯލްޑިވްސް ޕޮލިސް ސާވިސް

1.4 މިލިއަން ރުފިޔާ ފޭރުނު މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

Sep 10, 2021

މީހަކަށް ބިރު ދެއްކުމަށްފަހު 1.4 މިލިއަން ރުފިޔާ ފޭރުނު މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

ލިލްމާސް ކިޔާ ކުންފުންޏެއްގެ ދަށުން ހިންގާ މަނީ އެކްސްޗޭންޖު ކުރާ ތަނެއްގެ ފައިސާތައް ފޭރިގަތީ ދުވަހުގެ ވިޔަފާރި ނިންމުމަށްފަހު ދަބަހަކަށް އަޅައިގެން ދަނިކޮށް މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރެ އެވެ.

ފައިސާތައް ފޭރިގަތީ ބިދޭސީއަކު އިތުރު ބިދޭސީއަކާ އެކު ފައިސާތައް ހިފައިގެން ސައިކަލްގައި ދަނިކޮށް މާލޭގެ ޝަވަރްމާ ކެފޭ ކައިރިން އެމީހުން ވައްޓާލައި ވަޅިން ބިރު ދެއްކުމަށްފަހު އެވެ.

ފޭރުނު ފައިސާގެ ތެރޭގައި ނުވަ ލައްކަ ރުފިޔާއާއި 25،200 ޑޮލަރު ހިމެނޭ ކަމަށް މައުލޫމާތު ލިބެ އެވެ. މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ ދިން ފަސް ދުވަސް ހަމަވުމުން އޭނާގެ ބަންދަށް އިތުރު 15 ދުވަސް ޖެހީ މިދިޔަ ހޯމަ ދުވަހު ކްރިމިނަލް ކޯޓާށް ހާޒިރުކުރުމުންނެވެ.

މިމައްސަލަ ހުށަހެޅިފައި އޮތް ކަން ޔަގީންކޮށްދިނުމުގެ އިތުރަށް ފުލުހުން މައްސަލައާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.